ޖޭއެސްސީ ރިޕޯޓު: ޝަރީއަތާ ގުޅުވައި ފަނޑިޔާރު ދީދީ މަންފާތަކެއް ހޯދި

ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީގެ ތަހުގީގަށް ހާޒިރުވެ --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ ޝަރީއަތުގެ މައްސަލަތަކާ ގުޅުވައި މަންފާތަކެއް ހޯދާފައި ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދީދީގެ މައްސަލަ ބަލައި ނިންމި ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.

ފަނޑިޔާރު ދީދީގެ މައްސަލަ ޖޭއެސްސީއިން ބަލަން ފަށާފައި ވަނީ ފުލުހުން ދީދީގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި ސިޓީއަކާ ގުޅިގެންނެވެ. ޖޭއެސްސީ ރިޕޯޓުގައި ވާގޮތުން ފުލުހުން ބަލަމުން ދަނީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވީ ފަރާތްތަކުގެ ކިބައިން ފައިދާ ނަންގަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން "ނާޖާއިޒް މަންފާތަކެއް ހޯދި" ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.

ފުލުހުންގެ ސިޓީއާ ގުޅިގެން ޖޭއެސްސީގެ އަމިއްލަ އިސްނެގުމަށް ފަނޑިޔާރު ދީދީގެ ސުލޫކީ މައްސަލައެއް ބަލައި މިއަދު ވަނީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައިވާގިތުން ފަނޑިޔާރު ދީދީ ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ތަކުގެ ތެރެއިން ނުވަ މިންގަނޑަކާ ހިލާފުވެފަ އެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.7 ގައި ބުނެފައިވަނީ ފަނޑިޔާރުން ޝަރީއަތަކާއި ގުޅުން ހުރި އެއްވެސް ކަމެއްގައި ކޯޓުގެ މުވައްޒަފަކު ނުވަތަ އެނޫންވެސް ފަރާތެއް މެދުވެރިކޮށް އެއްވެސް ހަދިޔާއެއް ލޯނެއް ނުވަތަ އެނޫންވެސް މަންފާއެއް ލިބިގަނެގެން ނުވާނެ ކަމަށެވެ. ފަނޑިޔާރު ދީދީ އެ މިންގަނޑާ ހިލާފުވެފައިވާކަން ޖޭއެސްސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ ހެއްކެއް ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިމީހާއަށް ދައުލަތުގެ ސިޔާސީ މަގާމެއް ހަމަ ޖައްސައިދިނުމަށް އެދި ފޮނުވާފައިވާ މެސެޖާއި އެ މެސެޖާއި ގުޅިގެން ދީދީގެ އަނބިކަނބަލުންނަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރުކަން ހަމަޖައްސައި ދިނުމެވެ.

ފަނޑިޔާރު ދީދީގެ މައްސަލަ ބެއްލެވި ޖޭއެސްސީގެ މެމްބަރުން --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ފަނޑިޔާރު ދީދީގެ އަނބިކަނބަލުންނަށް މެލޭޝިއާ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރުކަން ހަމަޖައްސައި ދިނުމަށް އެދި ސަސްޕެކްޓް އެކަކަށް ފޮނުވާފައިވާ މެސެޖްވެސް ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ.

"ބްރަދާ. މެލޭޝިއާ އެމްބަސީގެ ޑެޕިއުޓީ ކަންތައް ކިހިނެތްތޯ އޮތީ ބައްލަވާ ލެއްވުނުތޯ. އަޅުގަނޑުވެސް ބްރަދާ ކަމެއްގެ ވާހަކަ އަޅުގަނޑު ގާތުގަ ވިދާޅުވެއްޖެއްޔާ އެކަމެއް ބަލާދެން ނޫންތޯ. ދެން ކީއްވެތޯ އަޅުގަނޑުގެ އަމިއްލަ ކަމެއްގެ ވާހަކަ ދެންނެވީމަވެސް ޖަވާބެއް ނުލިބިގެން މިއުޅެނީ. އަޅުގަނޑު އެކަން ކޮށްދިނުމަށް ދެންނެވީ ހަތަރު ކުދިން ގޮވައިގެން އުޅޭއިރު އެކަން ހަމަޖެހިއްޖެ ނަމަ މިހާރު ހުރި ދަތިތައް ކޮންމެވެސް ވަރަކަށް ފިލުވާ ލެވޭނެ ކަމަށް ފެންނާތީ. ނަމަވެސް ކަންކަން މިދާގޮތުން ވަރަށް ދެރަވޭ." ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެކްޓް އެކަކަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައިވެ އެވެ.

އެ މެސެޖު ފޮނުވި ތާރީހުގެ ކުޑަ ދުވަސްކޮޅެއް ފަހުން ފަނޑިޔާރު ދީދީގެ އަނބިކަނބަލުންނަށް މެލޭޝީއާ އެމްބަސީގެ ޑެޕިއުޓީ އެމްބަސްޑަރުކަން ހަމަޖައިދީފައިވާ ކަން ޖޭއެސްސީގެ ތަހުގީގު ކޮމިޓީއިން ބެލި ބެލުމުން އެނގޭ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ދީދީގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ގައި ބުނާ ތެދުވެރި ކަމާއި އިހުލާސްތެރިކަން އަދި އަމާނާތްތެރިކަންވެސް ނެތުމުގެ އަމަލެއް ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ސުލޫކީ މިންގަނޑުގެ 1.8 ގައި ބުނާ ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ އަހުލާގީ ފެންވަރުވެސް ފަނޑިޔާރު ދީދީގެ ނެތްކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ފަނޑިޔާރު ދީދީ އަދި ވަކީލުން ޖޭއެސްސީގެ ތަހުގީގަށް ހާޒިރުވެ --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

އޭގެ އިތުރުން ރާއްޖެއިން ބޭރަށް ފުރަން އުޅޭތީ ޑޮލަރުކޮޅެއް ބޭނުންވެގެން ސަސްޕެކްޓް އެކަކަށް ފަނޑިޔާރު އަބްދުﷲ ދީދީ ފޮނުވި މެސެޖާ ގުޅިގެންވެސް ޖޭއެސްސީ ރިޕޯޓުގައި ގިނަ ކަންކަން ފާހަގަކޮށްފައިވެ އެވެ.

"ބްރޯ އަޅުގަނޑު ފުރަން މިއުޅެނީ ޑޮލަރުކޮޅެއް ބޭނުން" މިގޮތަށް ފަނޑިޔާރު ދީދީ ފޮނުވާފައިވާ މެސެޖް ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ.

އަދި ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ ދީދީގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.2 ގައި ބުނާ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ތިބޭ ހަސްމުންގެ ކިބައިން ފުރިހަމައަށް މިނިވަންވެ ތިބޭ ބަޔަކަށް ކަމަށް ބުނާ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. އަދި ސުލޫކީ މިންގަނޑުގެ 1.3 ގައި ބުނެފައިވާ އެއްވެސް މީހަކަށް ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވި ދީގެން ނުވާނެ ކަމަށް ބުނާ މާއްދާއާވެސް ފަނޑިޔާރު ދީދީ ހިލާފުވެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ފަނޑިޔާރު ދީދީ އަދި ސަސްޕެކްޓް އެކަކާ ދެމެދު މުއާމަލާކޮށްފައިވާ މެސެޖުތަކުން ހިނގާފައިވާ ފައިސާގެ މުއާމަލާތްތަައް އެނގެން އޮންނައިރު އެ މަންފާ ލިބިގަނެ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲ ގެއްލުވާލުމުގައި ބައިވެރިވި މީހުން ދޫކޮށްލާފައިވާކަން އެނގެން އޮންނަ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެކަން އެނގެނީ ރިލްވާނު ގެއްލުވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ނަންތައް ދީދީގެ ފޯނަށް ސަސްޕެކްޓް އެކެއް ފޮނުވި ފަހުން އެމީޙުން ދޫކޮށްލާފައިވާތީ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ހުރިހާ ކަމަކަށް ބަލާއިރު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އެތައް ގޮތަކުން ހިލާފުވެފައިވާކަން ބުއްދީގެ ހަމަތަކުން ބުރަވެވޭ ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި އެހުރިހާ ކަމަކަށް ބަލައި ފަނޑީޔާރު ދީދީ ވަކިކުރަން ނިންމައި އެމައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އެމައްސަލަ މިރޭގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް