ފަނޑިޔާރުކަމުން ދީދީ ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް

ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކިކޮށްދިނުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީހަށް ހުށަހެޅުނު އެމައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ މިރޭ ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގަ އެވެ. ބެލެވޭގޮތުން އެމައްސަލައިގައި ފެށޭ ހަފްތާގެ ތެރޭގައި މަޖިލީހުން ގޮތެއް ނިންމާނެ އެވެ.

ފަނޑިޔާރު ދީދީގެ މައްސަލަ ޖޭއެސްސީއިން ބަލަން ފަށާފައި ވަނީ ފުލުހުން ދީދީގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި ސިޓީއަކާ ގުޅިގެންނެވެ. ޖޭއެސްސީ ރިޕޯޓުގައި ވާގޮތުން ފުލުހުން ބަލަމުން ދަނީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވީ ފަރާތްތަކުގެ ކިބައިން ފައިދާ ނަންގަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން "ނާޖާއިޒް މަންފާތަކެއް ހޯދި" ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.

https://sun.mv/123536

ފުލުހުންގެ ސިޓީއާ ގުޅިގެން ޖޭއެސްސީގެ އަމިއްލަ އިސްނެގުމަށް ފަނޑިޔާރު ދީދީގެ ސުލޫކީ މައްސަލައެއް ބަލައި މިއަދު ވަނީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައިވާގިތުން ފަނޑިޔާރު ދީދީ ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ތަކުގެ ތެރެއިން ނުވަ މިންގަނޑަކާ ހިލާފުވެފަ އެވެ.

ހުރިހާ ކަމަކަށް ބަލާއިރު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އެތައް ގޮތަކުން ހިލާފުވެފައިވާކަން ބުއްދީގެ ހަމަތަކުން ބުރަވެވޭ ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް