މާލީ ބަދަލުތައް ދައުލަތަށް ބުރަ ނުވާނޭ ގޮތް ހެދުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން --- ފޮޓޯ/ މަޖިލިސް

ދައުލަތުން އެކި ފަރާތްތަކާއެކު ވާ އެއްބަސްވުންތަކުގެ ދަށުން ދޭންޖެހޭ މާލީ ބަދަލުތައް ދިނުމުގައި ދައުލަތަށް ބުރަ ނުވާނޭ އުސޫލެއް ގާއިމްކޮށް އޭގެ ދަށުން ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ދައުލަތުން ދޭންޖެހޭ މާލީ ބަދަލާ ގުޅިގެން އުސޫލެއް ކަނޑައެޅުމާއި ދައުލަތުގެ ސަމާލުކަމަށް ބައެއް ކަންކަން ގެނައުމަށް ގޮވާލާ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.

ހިސާން ހުށަހެޅުއްވި ގަރާރުގައި ސަރުކާރަށް ގޮވާލާފައި ވަނީ ދައުލަތުން ބަދަލު ދިނުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލު މުރާޖައާ ކުރުމަށެވެ. އަދި ބަދަލު ދިނުމުގައި ހަރުދަނާ އަދި އެއްވެސް ނުހައްގު މުއްސަނދިކަމެއް ހޯދަން މަގުފަހި ނުވާނޭ ގޮތަކަށް އުސޫލު އެކުލަވާލުމަށް ވަނީ ގޮވާލާފަ އެވެ.

ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދޭން ޖެހޭ ހާލަތްތަކުގައި އެކަމަށް ޒިންމާ ވާން ޖެހޭ ދައުލަތުގެ ވަޒީފާގައި ހުރި މުވައްޒަފު ޖަވާބުދާރީ ކުރެވޭނެ އުސޫލެއް ގާއިމް ކުރުމަށް ވެސް ވަނީ ގޮވަލާފަ އެވެ. އަދި ދައުލަތުން ބަދަލުގެ ގޮތުގައި ދައްކަންޖެހޭ އެންމެ މަތީ މިންވަރެއް ކަނޑައެޅުމަށް ހިސާން ހުށަހެޅުއްވި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

ގަރާރުގެ މުހިންމު ބައިތައް

  • ދައުލަތުން ބަދަލު ދޭން ޖެހޭ ހާލަތުގައި ބަދަލުގެ ގޮތުގައި ދޭނެ އެންމެ މަތީ މިންވަރެއް ކަނޑައެޅުން
  • ދައުލަތުން ބަދަލު ދޭން ޖެހޭ ހާލަތުގައި އެކަމަށް ޒިންމާވާނެ މުވައްޒަފު ޖަވާބުދާރީ ކުރުވައި ދައުވާ އުފުލާނެ ނިޒާމެއް ކަނޑައެޅުން
  • ބަދަލުގެ ގޮތުގައި ދައުލަތުން ހަރަދު ކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ފައިސާގެ ތަފްސީލު މައުލޫމާތު މަޖިލީހަށް ހުށަހެޅުން

ހިސާން ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ދައުލަތުން ބަދަލު ދޭން ޖެހޭ ހާލަތުގައި ދޭނޭ އެންމެ މަތީ މިންވަރެއް ކަނޑައެޅުމަކީ ތަހުޒީބު މުޖުތަމައުތަކުގައި އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގައި އަރަނިވެރިޔާއަށް ޖޫރިމަނާއާ ގެއްލުމުގެ ބަދަލުގެ ގޮތުން ލިބިދެވޭނީ އަށް ޕަސެންޓްގެ މިންވަރެއް ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ. އަދި އިސްލާމީ ދައުލަތްތަކަށް ބަލާއިރު ޔުނައިޓެޑް އަރަބި އެމިރެޓްސްގައި ޖޫރިމަނާގެ ގޮތުގައި އެންމެ މަތިވެގެން ނެގޭނޭ މިންވަރަކީ އަހަރަކަށް 12 ޕަސެންޓް ކަމަށްވެސް ގަރާރުގައި ވަނީ ބުނެފަ އެވެ.

ގަރާރުގައި ބުނެފައިވަނީ ދައުލަތުން އެއްފަހަރާ ބޮޑު ބަދަލެއް ދޭން ޖެހުމުން ރައްޔިތުންގެ މަސްލަހަތާއި މަންފާއަށްޓަކައި ރޭވިފައި ހުންނަ ތަރައްގީގެ މަޝްރޫއުތައް ތަންފީޒު ކުރުމަށް ހުރަސްއެޅިގެން ދާ ކަމަށެވެ.

ދައުލަތުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޭންޖެހިފައިވާ ފައިސާ އަދި ޖޫރިމަނާގެ ގޮތުގައި ބޮޑުބައެއް ދައްކަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

comment ކޮމެންޓް