ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫނު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައިފި އެވެ.
އެމައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވީ މިހާރު ކުރިއަށް ދާ ޖަލްސާގަ އެވެ. މިރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އަޒްމިރަލްދާ އަދި ޝުޖޫންއަށް ރުހުން ދިނުމަށް މިރޭ ކޮމިޓީގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.
އަޒްމިރަލްދާ އަދި ޝުޖޫން އައްޔަނު ކުރުމަށް ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ލަފާ ދެއްވާފަ އެވެ. އެ ލަފައާ އެއްގޮތަށް ކުރިއަށް ދާން ޖުޑިޝަރީ ކޮމިޓީއިން ނިންމާފައިވާއިރު ޖުޑިޝަރީ ކޮމިޓީއިން ފަނޑިޔާރުކަމަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއުކޮށްފައެއް ނުވެ އެވެ.
އައިޝާ ޝުޖޫން މުހައްމަދަކީ ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑރ. އަޒްމިރަލްދާ ޒާހިރަކީ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން އައްޔަން ކުރާތީ ބައެއް ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.