ކުރީގެ ސަރުކާރުގެ އިސްބޭފުޅުންކޮޅެއް ޖޭޕީއަށް ސޮއިކުރައްވައިފި

ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ކުރީގެ ސަރުކާރުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ އިސްވެރިންތެއް ޖުމްހޫރީ ޕާޓީއަށް މިރޭ ސޮއި ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ އިދާރާ، މާފަންނު ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓީއަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވައެވެ.

އެ ބޭފުޅުން ވަނީ މިރޭ ސޮއި ކުރެއްވުމަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ފޯމު ހަވާލު ކުރައްވާފައެވެ.

ކޮންމެ ބޭފުޅަކުވެސް ވާހަކަ ދެެއްކެވުމަށް ފުރުސަތު ދެއްވުމުން ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކަވާފައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ، އެނާ ޖޭޕީއާ ގުޅީވަޑައިގެނެވީ އެއްވެސް ވަރަށް މަގާމެއް ބޭނުންފުޅުވެގެން ނޫން ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ޖޭޕީއަށް ހިދުމަތް ކުރައްވަން ކަމަށް ޖިހާދު ވިދާޅުވިއެވެ. އެގޮތުގެ މަތިން 24 ގަޑި އިރު ޕާޓީއަށް ހިދުމަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޖިހާދު ވިދާޅިވިއެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވި ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އޭނާ ޖޭޕީއާ ގުޅިވަޑައިގަތީ ގާސިމް އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. އަދި އޭނާ ބޭނުންވަނީ، ޖޭޕީއަކީ މީހުން ވޭރިކަމަށް ގެނައުމަށް އެހީތެރިވާ ޕާޓީއަކަށް ވެފައި އޮތް އޮތުން ބަދަލުކޮށް ވެރިކަމަށް ގެންނަ މީހާއަކީ ޖޭޕީގެ މީހަކަށް ވުން ކަމަށެވެ. ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދުވެސް ވިދާޅުވީ، ޖޭޕީއަކީ، މީހުން ވެރިކަމަށް ގެންނަ އެހީތެރިިވާ ޕާޓީއަކަށްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ސީދާ ޖޭޕީގެ ރައީސަކު ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަކޮށް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާރިފު ވިދާޅުވީ، ސިޔާސީ މައިދާނުގައި ދެން "ކިންގް" އަކަށް ވާނީ ގާސިމް ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ގާސިމް އަކީ ރާއްޖޭގެ ރައީސަށް ހަދާނެ ކަމަށް އަލީ އާރިފު ވިދާޅުވިއެވެ.

ކުރީގެ މެމްބަރު އަހްމަދު އައްސަދު ވިދާޅުވީ، އެނާ ޖޭޕީއާ ގުޅިވަޑައިގަތުމަށް ނިންމެވީ ސިޔާސީ މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ މަސްތަކުގައި ކަމެއް ނެތި ގޭގައި އޮންނަ ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެެއްވިއެވެ.

ކުރީގެ ސަރުކާރުގެ ބޭފުޅުން ޖޭޕީއަށް ސޮއި ކުރުމުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ދަނީ ޖޭޕީއަށް ފާޑު ވިދާޅުވަމުންނެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ޖޭޕީން މަސައްކަތް ކުރަނީ ކޯލީޝަން ރޫޅާލަން ނޫން ކަމަށާއި ޕާޓީގެ އަމާޒަކީ މެމްބަރުން އިތުރުކޮށް ޕާޓީ ބޮޑު ކުރުން ކަމަށެވެ. އެގޮތުން ކޯލީޝަނަނުން ޖޭޕީ ބޭރުކުރަންދެން ޖޭޕީގައި ދެމިހުންނާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި އިތުރު މެމްބަަރުންތަކެއްވެސ ޖޭޕީއާ ގުޅިވަޑައިގެންނެވިއެވެ. އިލެކްޝަންް ކޮމިޝަނުން މިދިޔަ މެއި މަހު އާންމު ކުރި މެމްބަރުންގެ ދަފްތަރުން ޖޭޕީގައި ތިބެނީ 9،859 މެމްބަރުންނެވެ.

comment ކޮމެންޓް