ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕެނަލް ސިސްޓަމް ރާއްޖޭގައި

ލަކްސް ސައުތު އަރިއެޓޯލްގެ މޫދުގައި ހަރުކުރި ސޯލާ ޕެނަލް ސިސްޓަމް -- ފޮޓޯ: ލަކްސް

ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ސިސްޓަމް އއ. ދިއްދޫފިނޮޅުގައި ހިންގާ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުގައި ބަހައްޓައިފިއެވެ.

ލަކްސްއިން ބުނީ "ސޯލާ ސީ" ކިޔާ ޓެކްނޮލަޖީގެ އެހީގައި ތިމާވެއްޓާ ރައްޓެހިގޮތަށް ރިސޯޓަށް ބޭނުންވާ ކަރަންޓު އުފެއްދޭނެ ކަމަށެވެ.

ކާބޮންޑައިއޮކްސައިޑް މަދުކުރުމަށް ލަކްސް ސައުތު އަރި އެޓޯލް އިން ވެފައިވާ ވައުދާއެކު އެ ރިސޯޓުން ދަނީ "ސްވިމްސޮލް" ކިޔާ ކުންފުންޏަކާއެކު މަސައްކަތް ކުރަމުންނެވެ.

ލަކްސް ސައުތު އަރިއެޓޯލްގެ މޫދުގައި ހަރުކުރި ސޯލާ ޕެނަލް ސިސްޓަމް -- ފޮޓޯ: ލަކްސް

ރިސޯޓުގައި ސޯލާ ސިސްޓަމް ބަހައްޓާނެ ތަން ނެތުމުގެ މައްސަލައަށް ހައްލު ހޯދުމަށް ސްވިމްސޮލްއިން ހޯދައިދިން ހައްލަކީ މޫދުގައި ބަހައްޓާނެ ސޯލާ ސިސްޓަމެކެވެ. މިއީ މޫދުގެ އޮއިގަދަވުމުގެ ސަބަބުން ނޫނީ ރާޅުގެ ސަބަބުން ނުގުޑާނެ ފަދަ ގޮތަކަށް ހަރުކޮށްފައި ހުންނަ ސިސްޓަމެކެވެ.

ލަކްސް ސައުތު އަރިއެޓޯލްގައި މިހާރުވެސް ސްވިމްސޮލްގެ ސޯލާ ސިސްޓަމްސް ބޭނުންކުރެއެވެ. ރޫފްޓޮޕް ސިސްޓަމްތަކާއި މޫދުގައި ބެހެއްޓި ސިސްޓަމާއެކު ކަރަންޓުގެ 40 ޕަސެންޓަކީ އިއާދަކުރުވަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ވާނެކަމަށް އެ ރިސޯޓުން ބުންޏެވެ.

މިއީ އިރުގެ އަވި ލިބޭ ގަޑިތަކުގައި ރިސޯޓުގެ ހުރިހާ ގެސްޓުރޫމަކަށް ކަރަންޓު ދޭން ބޭނުންވާ މިންވަރު ކަމަށްވެސް އެ ރިސޯޓުން ވަނީ ބުނެފައެވެ. މިއާއެކު ކޮންމެ އަހަރަކު އެ ރިސޯޓުން ކަރަންޓު އުފެއްދުމަށް އަންދާ ޑީސަލުން 260،000 ލީޓަރު ސަލާމަތްވާނެ ކަމަށްވެސް ލަކްސް ސައުތު އަރި އެޓޯލްއިން ބުންޏެވެ.

ރިސޯޓުގެ ރޫމްތަކުގައި ހުންނަ އައިޕީޓީވީ މެދުވެރިކޮށް ގެސްޓުންނަށް، އެމީހުންގެ ރޫމްއަށް އުފައްދާ ކަރަންޓުގެ މިންވަރު ބަލައިލެވޭނެއެވެ.

ލަކްސް ސައުތު އަރިއެޓޯލްގެ މޫދުގައި ހަރުކުރި ސޯލާ ޕެނަލް ސިސްޓަމް -- ފޮޓޯ: ލަކްސް

މޫދުގައި ބަހައްޓާފައިވާ ސޯލާ ސިސްޓަމާއެކު މޫދުުގައި އުޅޭ ބަހަށް ބޭނުންވާ ޝެލްޓާ ލިބޭނެ ކަމަށާއި ސިސްޓަމް ހަރުކޮށްފައި ހުންނާނީ ފަރަށް ގެއްލުން ނުލިބޭނެހެން އަދި މޫދުގެ ދިރުންތަކަށްވެސް އަސަރު ނުކުރާނެ ފަދައަކުން ކަމަށް އެ ރިސޯޓުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ހިންގާ ފަސް ތަރީގެ ރިސޯޓުން ބުނީ ސޯލާ މެދުވެރިކޮށް ކަރަންޓު އުފެއްދުން އިތުރުކުރުމަށް އަދިވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ސްވިމްސޮލްއަކީ ސޯލާ ސީ ޓެކްނޮލަޖީ ބޭނުންކުރާ ހަމައެކަނި ކުންފުންޏަށް ވާއިރު އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި ޓެކްނޮލަޖީ ބޭނުންކޮށްގެން ކަރަންޓު އުފެއްދުންކަމަށް ސްވިމްސޮލްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ސިމާދު ވިދާޅުވިއެވެ.

comment ކޮމެންޓް