ދިވެހި ރަހަތައް އާ ޒަމާނަކަށް އުފުލައިދޭ ސޮބާ

މީނާގެ ނަމުގައި ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓެއްގައި ދެ ރެސްޓޯރަންޓު ހުރެ އެވެ. ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ބަލައިލަން އަންނަ ބޭރުގެ ފަތުރުވެރިންނަށް ދިވެހި ރަހަތައް ތައްޔާރުކޮށް ދެނީ ހަމަ މީނާގެ ދެ އަތުންނެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެއްވެސް މީހަކަށް ލިބިފައި ނުވާ ޝަރަފެއްގެ ވެރިއެކެވެ.

މިއީ ސޮނޭވާފުށި ރިސޯޓްގެ ޝެފް އަބްދުﷲ ސޮބާހެވެ. ބ. އޭދަފުއްޓަށް އުފަން ސޮބާހަކީ ކެއްކުމުގެ ރޮނގުން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ނަމަށް ވާނެ އެވެ. އެކަމަކު އޭނާ އުޅެ ބޮޑުވީ ކެއްކުމުގެ ތެރެއަކު ނޫނެވެ. އޭނާ އަކީ މަސްވެރި އާއިލާއެއްގެ ތެރެއިން ނިކުތް ނަމަވެސް، މޮޅު ކައްކާ އެކެވެ.

"ސޮބާގެ އާއިލާއަކީ މަސްވެރި އާއިލާއެއް. ބައްޕައަކީ މަސްވެރިއެއް. އަދިވެސް ހަނދާނުގައި ހުރޭ ބައްޕަމެން މަހުން ލަފައިގެން އައުމުން، މަސް ކަނޑައި، ފެމިލީ އެންމެންނާއެކު އެކަމުގައި އިންވޯލްވްވެ އުޅުނު ދުވަސްތައް،" ޝެފް ސޮބާގެ ދުރު ހަނދާންތައް ކިޔައިދިނެވެ.

ބަދިގެއަށް ސޮބާގެ "ހަގީގީ ލޯބި" ޖެހުނީ ސްކޫލު ދުވަސްވަރު ކަބްސްކައުޓުގެ ދަތުރުތަކުގެ ތެރެއިން އެވެ. އޭނާ ބުނި ގޮތުގައި ޓީމުގެ ކައްކާއަކަށް އަބަދުވެސް ވާން ޖެހެނީ އޭނާ އަށެވެ. އެ ހިސާބުން އޭނާ ކުރިއަށް ދާންވީ ދާއިރާ ހިތުގައި އަޒުމް ކަނޑައަޅައި ހަރުލެއްވީ އެވެ.

"ޓީމެއްގައި ހިމެނެނީ ގާތްގަނޑަކަށް 10 ވަރަކަށް ކުދިން. އެކުދިންނަށް ސޮބާ ޖެހުނު ކައްކާފައި ކާންދީ، ހުރިހާ ކަމެއް ބަލައި، ރެސްޕޮންސިބިލިޓީ ނަގައި މަސައްކަތްކުރަން. އެގޮތަށް ތިން ދުވަސް ވަންދެން އުޅުނިން،" ސޮބާ ބުންޏެވެ.

މިހެން ގޮސް ސްކޫލު ނިމުނު އިރު ސޮބާގެ ހިތުގައި އޮތީ ދާން ބޭނުންވި ރާސްތާ ރަނގަޅަށްވެސް ކަނޑައެޅިފަ އެވެ. އެންމެ ފުރަތަމަވެސް ކުރެއްދޫ ރިސޯޓުގެ ވަޒީފާއަށް ވަދެ، މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމާއި ކެއްކުމުގެ ދާއިރާގެ ކުރު ކޯސްތަކުގައި ތަމްރީނު ލިބިގަންނަން ފެށި އެވެ.

ސޮނޭވާފުށީގެ ޝެފް އަބްދުﷲ ސޮބާހު ޑިޝްއެއް ތައްޔާރުކުރުމުގައި ---

އެއަށްފަހު ގިނަ ރިސޯޓުތަކެއްގައި ސޮބާ މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި ހިލްޓަން މޯލްޑިވްސް ރަންގަލި (މިހާރުގެ ކޮންރެޑް މޯލްޑިވްސް ރަންގަލި)، ލެ މެރީޑިއެން ކިހާދުއްފަރު (މިހާރުގެ ކިހާ މޯލްޑިވްސް ރިސޯޓު)، ކޮކޯ ޕާމް ދުނިކޮޅު އަދި ރޯޔަލް އައިލެންޑް ރިސޯޓު ހިމެނެ އެވެ. ސޮނޭވާފުއްޓާ ހަމައަށް ސޮބާއަށް އާދެވުނީ ދެނެވެ.

"ސޮނޭވާއަށް ޖޮއިންކުރުމަށްފަހު ވަރަށް ބައިވަރު ބޭރު ގައުމުތަކަށް ދަތުރުކޮށް، މެޝެލިން ސްޓާ ޝެފުންނާއެކު ވޯކްކުރަން ލިބުނު. އިންޑިއާގެ ޝެފް ގާގަން އަނާންދްއާ އެކު ވޯކް ކޮށްލީމަ ސޮބާ ހިތަށް އެރި ކީއްވެ ބާވައޭ ދިވެހި ކާއެއްޗެހި މޮޑާންކޮށް ޕްރެޒެންޓު ނުކުރެވެނީ،" ސޮބާ ބުންޏެވެ.

ސޮބާގެ ކެރިއަރުގެ ތަފާތު ތަޖުރިބާތަކުގެ ފަށައިގަތުމަކީ މިއީ އެވެ. އެ ދަތުރަށް ފަހު ރާއްޖެ އައިސް އޭނާ ފެށި މަސައްކަތަކީ، ދިވެހި ކެއުންތަކަށް ޒަމާނީ ގޮތެއް ގެނެސް ތައްޔާރުކުރާނެ ގޮތްތައް ތަޖުރިބާ ކުރުމެވެ. އޭނާ ބުނި ގޮތުގައި ގިނަ ރެސްޓޯރަންޓުތަކުގައި މަސައްކަތްކޮށް، ލިބިފައިވާ ތަޖުރިބާގެ ސަބަބުން ދިވެހި ކެއުންތައް "މޮޑާން"ކުރާނެ ގޮތް އޭނާއަށް މާ ރަނގަޅަށްވެސް އެނގުނެވެ. އެއީ އުނދަގޫ ކަމަކަށް އޭނާއަކަށް ނުވި އެވެ.

"އެއްދުވަހަކު ސޯނޫ [ސޮނޭވާގެ ސީއީއޯ ސޯނޫ ޝިވްދަސާނީ] ބުނީ ތިމަންނަ ބޭނުމޭ ލޯކަލް ރެސްޓޯރަންޓެއް ހުޅުވަން، އަދި ސޮބާގެ ނަމުންނޭ އެތަން ހުޅުވަން ބޭނުމީ. ސޮބާ ބުނިން އޯކޭއޭ، ވަރަށް އިންޓެރެސްޓެޑްއޭ،" ސޮބާ ބުންޏެވެ.

ސޮނޭވާގެ ސޮބާސް ރެސްޓޯރަންޓް (Sobah’s) ގެ ފެށުމަކީ އެއީ އެވެ. މި ރެސްޓޯރަންޓްގައި ސޮބާ ތައްޔާރުކުރާ، އަދި އޭނާ އެންމެ ފާހަގަކޮށްލާ އެއް ޑިޝްއަކީ ދިވެހި ކަނޑުކުކުޅުގެ ރަހައާ އެކު ތައްޔާރުކުރާ ކަޕާޗިއޯއެކެވެ.

ސޮނޭވާފުށީގެ ޝެފް އަބްދުﷲ ސޮބާހު ބިމު އަޑީގައި މަސް ފިހާ ގޮތް ސްކޫލު ދަރިވަރުންތަކަކަށް ދައްކާލަނީ ---

މީގެ އިތުރުން ސޮބާގެ މަސް ފިހުމަކީވެސް ވަރަށް ހާއްސަ ކަމެކެވެ. "އޯޕަން ގްރިލް"އެއްގައި މަސް ފިހާނަމަ އޭގެ ގިނަ ރަހަތައް ވައިގެ ތެރެއަށް އަރައިގެން ދާނެކަމަށް ސޮބާ ބުނެ އެވެ. އެހެންކަމުން އޭނާ މަސް ފިހަނީ ހަވާދު އުނގުޅާފައިވާ މަހެއް، ދޮންކެޔޮ ފަތުންނާއި ސުތުލި ގޯނިން ޕާރުސަލްކުރުމަށްފަހު، ބިމު އަޑީގަ އެވެ. އެއީ ފިހުނު މަހުގެ ހަގީގީ ރަހަ ގެންނަން އޭނާގެ ސީކްރެޓް ރެސިޕީއެކެވެ.

ސޮނޭވާއަށް ރިޕީޓާ ގެސްޓުން އަންނަލެެއް ގިނަ ކަމުގައިވާ އިރު، އޭގެ ތެރެއިން ސޮބާ ރެސްޓޯރަންޓަށް ކޮންމެ ފަހަރަކު ޒިޔާރަތްކުރާ މީހުން ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތިން ގުނާލެވޭ ޝެފުންނާއި ސެލެބްރިޓީންވެސް ހިމެނެ އެވެ.

"ޖަރުމަނުގެ ޝެފް ޓިމް ރާއު ބުނި ތިމަންނާ އަދި މިވީހާ ތަނުގައިވެސް، އޭޝީއަން ފްލޭވާ މިހާ ފުރިހަމައަށް ހިމެނޭ ޑިޝްއެއް ނުކަމޭ. ގޯޑަން ރެމްސީވެސް ވިސިޓްކުރި ދުވަހެއްގައި ސޮބާ އޭނާއަށް އެއްޗެއް ތައްޔާރުކޮށްދިނިން. ވަރަށް މީރުކަމަށާއި ހިތްހަމަޖެހުނުކަމަށް ބުނި. އެދުވަހު ވަރަށް އުފާވި،" ސޮބާ ކިޔައިދިނެވެ.

ސޮނޭވާފުށީގެ ޝެފް އަބްދުﷲ ސޮބާހު، އޭނާއަށް ލިބިފައިވާ ބައެއް އެވޯޑާއި މެޑަލްތަކާއެކު --

ސޮނޭވާގެ ވެރީން ދިން ފުރުސަތުގެ ބޭނުން ހިފައި ކެއްކުމުގެ ބޮންތިއަށް އަރައި ހުރި ސޮބާގެ ނަމުގައި ދެވަނަ ރެސްޓޯރަންޓެއް ސޮނޭވާފުށީގައި މިހާރު ވަނީ ހުޅުވާފަ އެވެ. އެއީ "އައުޓް އޮފް ދަ ބްލޫ ބައި ސޮބާ" ކިޔާ ޖެޕެނީޒް ސީފުޑް ރެސްޓޯރަންޓެކެވެ.

އަމިއްލަ ނަމުން ވަރުގަދަ ބްރޭންޑެއް އުފައްދައި ދެމެހެއްޓުމުގެ ފޮނި ތަޖުރިބާތަކާއެކު އެތައް ކާމިޔާބެއްވެސް ސޮބާއަށް ލިބިފައިވެ އެވެ. އޭނާގެ ޝެފް ކޯޓުގެ މަތިން އަޅާ ސެރެމޯނިއަލް ސޭޝްގައި ބެޖުތަކާއި، ކަލިނަރީ މުބާރާތްތަކުން ލިބިފައިވާ މެޑަލްތަކުން އެ ފަހުރުވެރި ކާމިޔާބުތަކުގެ ވާހަކަތައް ކިޔައިދެ އެވެ.

"އެންމެ ބޮޑަށް އުފާވި އެއް ދުވަސް އެއީ ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިތްވަރުދިނުމުގެ އިނާމު. އެއީ އެންމެ ބޮޑު އެޗީވްމަންޓް،" ފަތުރުވެރިކަމުގެ ދާއިރާއިން ކެއްކުމުގެ ހުނަރުވެރިކަން ކުރިއެރުވުމުގެ ރޮނގުން ލިބުނު ގައުމީ އިނާމާއެކު ލިބުނު މެޑަލް ދައްކާލަމުން ސޮބާ ބުންޏެވެ.

ސޮނޭވާފުށީގެ ޝެފް އަބްދުﷲ ސޮބާހު، 2015 ވަނަ އަހަރު ލިބުނު ހިތްވަރުދިނުމުގެ ގައުމީ އިނާމާއެކު --

ސޮބާގެ ދިވެހި ރަހަތަކާ އެކު އޭނާ ހަގީގީ ބްރޭންޑަކަށްވެފައިވާ އިރު، ކެއްކުމުގެ ދާއިރާ ކުރިއެރުވުމުގެ މަސައްކަތްވެސް ވަރުބަލިކަމެއްނެތި އޭނާ ދަނީ ކުރަމުންނެވެ. ދިވެހި ޝެފުންގެ ޖަމިއްޔާ، ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)ގެ ނައިބު ރައީސްކަން ކުރާ ސޮބާ ކޮންމެ އަހަރަކު ބ. އޭދަފުށީ ސްކޫލުގައި ކެއްކުމުގެ ތަމްރީނުތަކާއި މުބާރާތްތައް ބާއްވަ އެވެ.

"މިދިޔަ ފަސް އަހަރު ތެރޭގައި އެކުދިންގެ ޓެލެންޓު ފެނިއްޖެ. މި ދާއިރާއަށް ކުދިންތަކެއް ނެރެވިދާނެ މަންޒަރު އެބަ ފެނޭ. އެކަމަކު ޕޭރެންޓުން ގިނަ ފަހަރަށް، ދަރިފުޅު ރިސޯޓަކަށް ދޫކޮށްލަން ނުކެރެއޭ ބުނަނީ. އޭތި އަސްލު އެބަ ޖެހޭ އެ ވިސްނުން ދޫކޮށްލަން. ފުރުސަތެއް ލިބުނީމަ އެކުއްޖާ އަމިއްލައަށް ޗޫޒްކުރަން [ދޭންޖެހޭ]،" ސޮބާހު ބުންޏެވެ.

ޝެފް ޖެކެޓު ލައިގެން އިނދެ، ސޮބާ ބުނަމުން ދިޔައީ އެއީ ވަރަށް އަގުބޮޑު، ވަރަށް އަގުހުރި އެއްޗެއް ކަމަށެވެ.

"މިއީ ވަރަށް އަގުބޮޑު ޖެކެޓެއް. ބައެއް ޕޭރެންޓުންނަށް ނޭނގެނީ މީގެ އަގުބޮޑުކަން. އަސްލު ސީޖީއެމްގެ މަގުސަދަކީވެސް ރާއްޖޭގައި ޝެފުން އުފައްދައި، އެމީހުންނަށް އޮޕޮޗިއުނިޓީ ދިނުން،" ރާއްޖޭގެ އެންމެ ފުރަތަމަ މެޝެލިން ސްޓާ ހޯދުމުގެ އަޒުމުގައި ހުރި ސޮބާ ބުންޏެވެ.

ސޮބާގެ ކެއްކުމުގެ ހުނަރުން ދިވެހި ރަހަތައް އާ ހަރުފަތަކަށް ގެންގޮސްފައިވާ އިރު، އޭނާގެ މި ހުނަރަށް ނިމުމެއް ނެތެވެެ. ސޯބާގެ ދިވެހި ކެއުންތަކުގެ ރަހަތަކުން ފަތުރުވެރިންގެ އަރާމު ޗުއްޓީއަށް ގެނެސްދެނީ އާ ފުރިހަމަ ކަމާއި ހިތްހަމަ ޖެހުމެވެ.

comment ކޮމެންޓް