އަންނަ އަހަރު ބާއްވާ އޭވީސީ އަންހެން އަދި ފިރިހެން ކެޓަގަރީގެ ސެންޓްރަލް ޒޯނު ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ބިޑު ކުރާނެ ކަމުގެ ޔަގީންކަން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ދެއްވައިފި އެވެ.
މަހްލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަހަރުގެ މުބާރާތް ބާއްވަމުން އަންނަ ގައުމު ކަމަށްވާ ނޭޕާލުގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯނުގެ އަހަރީ އާއްމު ޖަލްސާގައި ރާއްޖެ ތަމްސީލު ކުރާނީ ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން ބައިވެރިވާ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ އަހްމަދު އިބްރާހިމް ކަމަށެވެ.
އަދި މި ޖަލްސާގައި އަންނަ އަހަރުގެ އަންހެން އަދި ފިރިހެން ބައިގެ މުބާރާތް ވެސް ރާއްޖޭގައި ބޭއްވުމަށް ބިޑު ކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
"ރާއްޖޭން 2020 ވަނަ އަހަރު ސެންޓްރަލް ޒޯނުގެ އަންހެން އަދި ފިރިހެން މުބާރާތް ބޭއްވުމަށް ބިޑް ކުރަން ވަނީ ނިންމާފައި،" މަހްލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
ސަރުކާރުގެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށްޓަކައި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން އަންނަނީ އެކި އެކި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ކަނޑުގައިވާ ޖަޒީރާ ގައުމުތަކުގެ މެދުގައި ހަތަރު އަހަރުން އެއްފަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ގައި ރާއްޖޭގައި ބޭއްވުމަށް ވަނީ ބިޑު ކާމިޔާބު ކޮށްފަ އެވެ.
އަދި ރާއްޖޭން ވަނީ އަންނަ އަހަރުގެ އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕާއި ބާސްކެޓް ބޯޅައިގެ ތްރީ އޮން ތްރީ ބައިނަލް އަގުވާމީ މުބާރާތެއް ބޭއްވުމަށް ވެސް ރާއްޖޭން ވަނީ ބިޑު ކާމިޔާބުކޮށް މުބާރާތައް ވާންޖެހޭ ތައްޔާރީތައް ފަށައިފަ އެވެ.
ރާއްޖޭގައި މީގެ ކުރިން ވެސް އޭވީސީ ޒޯން މުބާރާތެއް 2017 ވަނަ އަހަރު ވަނީ ބާއްވާފަ އެވެ. އެފަހަރުގެ މުބާރާތް ރާއްޖޭގައި ކާމިޔާބު ކަމާ އެކު ބޭއްވުނު ނަމަވެސް މުބާރާތުގެ ފުރަތަމަ ބުރުން ރާއްޖެ ކެޓީއެވެ. އެއަށްފަހު ޓީމަށް ގެނައި ބޮޑެތި ބަދަކުތާއި ތަމްރީން ތަކުގެ ސަބަބުން މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ މިހާރު ވަނީ ދަތުރު ކޮށްފަ އެވެ.
ރާއްޖެ ސެމީއަށް ދަތުރު ކުރީ ކުރީ ފަހަރުގެ މުބާރާތުން ރާއްޖެ ކަޓުވާލި ނޭޕާލާ ދެކޮޅަށް މިއަދު ކުޅުނު މެޗުން މޮޅުވެގެންނެވެ. ނޭޕާލްގެ އަމިއްލަ ފަސްގަނޑުގައި އެ މެޗު ކުޅުނު އިރު އެގައުމުގެ ގިނަ ސަޕޯޓަރުންނާ އެކު ވެސް ރާއްޖޭން އެ ޓީމު ބަލި ކުރީ 0-3 ސެޓުންނެވެ.