ބިލްޑެކްސް އެކްސްޕޯ ފަށައިފި

ބިލްޑެކްސް އެކްސްޕޯ ފެށުން ---

ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށާއި އިންޓީރިއާ ޑިޒައިން އަދި ރިސޯޓު ސަޕްލަޔަރުންނަށް ހާއްސަ ކޮށްގެން އިމާރާތްކުރުމުގެ ގައުމީ ޖަމިއްޔާއިން ބާއްވާ ބިލްޑެކްސް އެކްސްޕޯ ދަރުބާރުގޭގައި މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯ ހުޅުއްވައިދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކާއެކު 100 އެއްހައި ސްޓޯލާއެކު ކުރިއަށްދާ މި އެކްސްޕޯގައި ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި އިންވެސްޓަރުންވެސް ބައިވެރިވެއެވެ.

ބިލްޑެކްސް އެކްސްޕޯ ފެށުން ---

އެކްސްޕޯ ފެށުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޯރ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ފާއިތުވި އަހަރުތަކުގެ ތެރޭގައި ކުރިއަރާފައިވާ ކަމަށެވެ. ހާއްސަކޮށް ސަރުކާރުން ކުރިއަސްގެންދާ ބޮޑެތި އިންފްރާސްޓްރަކްޗާގެ މަޝްރޫއުތަކާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި އަދި ރިސޯޓުތައް ތަރައްގީކުރުމުގެ މަޝްރޫއުތަކާއެކު ކުންފުނިތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެފައިވާކަން ޖަނާހު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެސްއެމްއީ ބޭންކަކީ އިމާރާތްކުރުމުގެ ދާއިރާއަށް ވަނުމަށް ބޭނުންވާ ކުންފުނިތަކަށް އޮތް ފަހި ފުރުސަތެއްކަން ޖަނާހު ފާހަގަ ކުރެއްވިއެވެ.

ބިލްޑެކްސް އެކްސްޕޯ ފެށުން ---

"ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ބޮޑު ކުރިއެރުމެއް އައިސްފި. ސަރުކާރުން ކުރިއަށްގެންދާ ހާބަރު ޕްރޮޖެކްޓުތަކާއި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތައް، ހައުސިން މަޝްރޫއުތައް އަދި ރިސޯޓުތައް ޑިވެލޮޕްކުރުމުގެ ޕްރޮޖެކްޓުތަކާއެކު ދާއިރާގެ ކުންފުނިތަކަށް މިއޮތީ ބޮޑެތި ފުރުސަތުތައް،"

ޖަނާހު ވިދާޅުވީ މާލޭގެ ކޮމާޝަލް ހާބަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ނިމުމާއެކު ކޮންސްޓްރަކްޝަން ދާއިރާގެ ލޮޖިސްޓިކްސް ހަރަދުތައްވެސް ކުޑަވާނެ ކަމަށެވެ.

ޖަނާހު ވަނީ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތައް ކުރިއަށްގެންދާއިރު ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.

ބިލްޑެކްސް އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 7:00 އަށެވެ.

comment ކޮމެންޓް