އެޗްޑީއެފްސީއިން އަނެއްކާވެސް ސުކޫކު ވިއްކަނީ

އެޗްޑީއެފްސީ އިން ބޭއްވި ޕްރެސް --- ސަން ފޮޓޯ

ހައުސިން ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސުކޫކަކީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ވިއްކާ ބޮންޑެވެ. މިއީ އެކުންފުނިން ސުކޫކު ވިއްކަން ނިންމި ތިންވަނަ ފަހަރެވެ.

އެޗްޑީއެފްސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖަރު، އިސްލާމިކް ފައިނޭންސް އަޒްމީން ރަޝީދު ވިދާޅުވީ އެކުންފުނީގެ ސުކޫކު ގަތުމަށް ޕްރޮސްޕެކްޓަސް ދޫކުރަން އިއްޔެ ފަށާފައިވާއިރު، ސަބްސްކްރިޕްޝަނަށް ހުޅުވާލާނީ އަންނަ މަހުގެ 22 ގައި ކަމަށެވެ.

ސަބްސްކްރިޕްޝަނުގެ މުއްދަތު ހަމަވާނީ ނޮވެމްބަރު 12 ވަނަ ދުވަހުއެވެ.، ސަބްސްކްރިޕްޝަން ބަންދުވާ ތާރީހުން ފެށިގެން ފަސް ދުވަސް ތެރޭ، އެލޮޓްމެންޓްގެ ކަންތައް ނިންމާލެވޭނެ ކަމަށްވެސް އެޗްޑީއެފްސީ އިން ބުންޏެވެ.

މިފަހަރު ޖުމްލަ 200 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަން ވަނީ ނިންމައިފައެވެ. އެއީ ދެ ލައްކަ ސުކޫކެވެ. ސުކޫކެއްގެ މޫނުމަތީ އަގަކީ 1،000 ރުފިޔާއެވެ.

އެޗްޑީއެފްސީއިން ބުނީ އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށްވެސް ސުކޫކު ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިއީ އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ، އެޗްޑީއެފްސީ އަމްނާގެ ދަށުން އިސްލާމިކް ފައިނޭންސްއާއި އެއްގޮތަށް މޯގޭޖް ހައުސިން މަޝްރޫއުތަކަށް ފައިނޭންސް ހޯދުމަށް ވިއްކަން ނިންމާފައިވާ ސްކޫކު ތަކެކެވެ.

ސްކޫކުގެ މުއްދަތަކީ 10 އަހަރު ކަމަށައި ސުކޫކުގެ ގްރޮސް ޕްރޮފިޓްގެ ގޮތުގައި ލިބޭ ފައިދާގެ 65 ޕަސެބްޓް ސުކޫކު ގަންނަ ފަރާތަށް ލިބޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ. ފައިދާ ދޫކުރާނީ ސުކޫކު އެލޮޓްކުރާ ތާރީހުން ފެށިގެން ކޮންމެ ހަމަހަކުން ފައިދާ ބަހާނެ ކަމަށެވެ.

އެޗްޑީއެފްސީއިން އެންމެ ފަހުން ސުކޫކު ގަތުމަށް ހުޅުވާލީ 2017 ވަނަ އަހަރުއެވެ. އެ ފަހަރުވެސް 89.036 މިލިއަން ރުފިޔާގެ ސުކޫކު ވަނީ ވިއްކައިފައެވެ.

އެޗްޑީއެފްސީ އިން ބުނީ އެކުންފުނީގެ އިސްލާމިކް ވިންޑޯ މެދުވެރިކޮށް ހައުސިން ފައިނެންސް ހޯދުމަށް ހުށަހަޅާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ކުންފުނީގެ ކަސްޓަމަރުންގެ 25 ޕަސެންޓަކީ އިސްލާމިކް އުސޫލުން ފައިނޭންސް ހޯދާ ކަސްޓަމަރުން ކަމަށް އެކުންފުނިން ބުންޏެވެ.

އެޗްޑީއެފްސީއަކީ ހައުސިން ސްކީމުތަކަށް ލޯނު ނުވަތަ ފެސިލިޓީ ޕްރޮޑަކްޓްތަކެއް ދޫކުރާ ކުންފުންޏެކެވެ. އެ ކުންފުނީގެ ޕްރޮޑަކްޓްތައް ދޫކުރަނީ ދެ އުސޫލަކުންނެވެ. އެއީ ކޮންވެންޝަނަލް އުސޫލުގެ އިތުރުން އެޗްޑީއެފްސީ އަމްނާގެ ދަށުން އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުންނެވެ.

އެޗްޑީއެފްސީއަކީ، 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރުއެވެ.

އެޗްޑީއެފްސީގެ 51 ޕަސަންޓު ހިއްސާގެ ވެރި ފަރާތްތަކަކީ، 18 ޕަސެންޓު ހިއްސާ އޮންނަ އިސްލާމިކް ފައިނެންސް ކޯޕަރޭޝަނާއި 18 ޕަސަންޓު ހިއްސާ އޮންނަ އޭޝިއަން ޑިވެލޮޕްމެންޓް ބެންކުގެ އިތުރުން، 15 ޕަސަންޓު ހިއްސާގެ ވެރި، އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓެވެ.

comment ކޮމެންޓް