އުލިގަމުގައި އަޅާ ސިޓީ ހޮޓާ އޯޕަން ބިޑަކަށް

އުލިގަމުގައި ސިޓީ ހޮޓާ ތަރައްގީކުރާ ސަރަހައްދުގައި ހުރި އިމާރާތެއް -- ސަން ފައިލް ފޮޓޯ

ހއ އުލިގަމުގައި އެމްޓީޑީސީ އިން އަޅަން ފެށި ސިޓީ ހޮޓަލުގެ އިންވެސްޓުމެންޓް ވެލިޔު ބެލުމަށްފަހު އެ މަޝްރޫއު އޯޕަން ބިޑަކަށް ލާން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އުލިގަމުގައި އެމްޓީޑީސީ އިން ކޮށްފައިވާ އިންވެސްޓުމެންޓުތައް އެކި ފަރާތްތަކުން އަގު ކުރަނީ އެކި ވަރަށް ކަމަށެވެ.

"މިހާރު އޭގެ ވެލިޔު އެބަޖެހޭ ދެނެގަންނަން. އެކަން ނިންމުމަށްފަހު އުލިގަން ވަކި ތާރީހަކަށް ލަސް ކުރުމެއް ނެތި އޯޕަން ބިޑަކަށް ދާނެ،" މިނިސްޓަރު ވިދާޅުވީ އުލިގަން އޯޕަން ބިޑް އުސޫލުން ތަރައްގީ ކުރަން ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

"ވެލިޔު ކުރުމަށްފަހު، އެ ވެލިޔު އާއެކު ބިޑް ޕޭޕަރުތައް ތައްޔާރު ކުރާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އުލިގަމުގައި އެމްޓީޑީސީ އިން ސިޓީ ހޮޓާ ތަރައްގީކުރަން ފެށީ 2007 ވަނަ އަހަރުއެވެ. ނަމަވެސް 36 ހެކްޓަރުގެ ބިމުގައި ނަމޫނާ ކޮޓަރިއަކާއި އެކޮމަޑޭޝަން ބްލޮކެއް ވަނީ އަޅައިފައެވެ. އެމްޑީޓީސީ އަށް އެ މަޝްރޫއު ކުރިއަށް ނުގެންދެވުމުން އެއްބަސްވުން ވަނީ ބާތިލް ކޮށްފައެވެ.

އުލިގަމުގައި އަޅާ ސިޓީ ހޮޓާ އޯޕަން ބިޑަކަށް ލާން ނިންމާފައިވާއިރު ފަތުރުވެރިކަމަށް ބިން ދޫކުރަން ރައީސް އިއުލާނު ކުރެއްވި ރަށްތަކުގެ ތެރޭގައި އުލިގަން ހިމެނެއެވެ.

comment ކޮމެންޓް