ޖަރުމަނުގެ ލިޔުންތެރިޔަކު ދިވެހި ބަހާ ބެހޭގޮތުން ލިޔުއްވި ފޮތެއްގެ ތަރުޖަމާގެ ފުރަތަމަަ ބައި ރައީސްއަށް އަރުވައިފި

ޖަރުމަނުގެ ލިޔުންތެރިޔަކު ދިވެހި ބަހާ ބެހޭގޮތުން ލިޔުއްވި ފޮތެއްގެ ތަރުޖަމާގެ ފުރަތަމަަ ބައި ރައީސްއަށް އަރުއްވަނީ--- ފޮޓޯ: ރައީސް އޮފީސް

ޖަރުމަނުގެ ލިންގުއިސްޓެއްކަމަށްވާ ސޯނިއާ ފްރިޓްޒް ދިވެހި ބަހާ ބެހޭގޮތުން ލިޔުއްވި ފޮތެއްގެ ތަރުޖަމާގެ ފުރަތަމަަ ބައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް އަރުއްވައިފިއެވެ.

އެ ފޮތް ތަރުޖަމާ ކުރައްވައިފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއް ސައްތާރެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެފޮތުގެ ތަރުޖަމާގެ ބައެއް ރައީސްއަށް އެރުއްވީ ނާޒިމެވެ.

އެ ފޮތާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން ދިވެހި ބަހުގެ އެކެޑަމީގެ ނާއިބު ރައީސް ރާފިއާ އަބްދުލް ގާދިރު "ސަން" އަށް ވިދާޅުވީ އެ ފޮތުގައި ހަތަރު ޗެޕްޓާ ހިމެނޭ ކަމަށެވެ.

"ނާޒިމް އަމިއްލައަށް އެ ފޮތް ތަރުޖަމާ ކުރައްވަން ފެއްޓެވީ. ދެން އެއަށް ފަހު ބަހުގެ އެކެޑަމީއަށް އެ ތަރުޖަމާ ގެނެސް ހުށަހެޅުއްވީ. އެފޮތުގައި ހިމެނޭ ދިވެހި ބަހުގެ ނަމުގެ ބައިތައް އުފެދިފައި ހުރި ގޮތްތަކާ ބެހޭގޮތުން. މިއީ ދިވެހި ބަހަށް ވަރަށް ބޭނުންހުރި މައުލޫމާތުތަކެއް،" ރާފިއާ ވިދާޅުވިއެވެ.

ސޯނިއާ ފްރިޓްޒް ލިޔުއްވި ފޮތަކީ އޭނާ ޕީއެޗްޑީ ހެއްދެވިއިރު ލިޔުއްވި ތީސީސްގެ މައްޗަށް ލިޔެފައިވާ ފޮތެއްކަމަށްވެސް ރާފިއާ ވިދާޅުވިއެވެ.

އެ ފޮތް ތަރުޖަމާ ކުރައްވަން ފެއްޓެވި ނާޒިމް މިހާރުވެސް ދަނީ ދިވެހި ބަހުގެ ޑިގްރީ ކޯހުގައި އެ ފޮތުގައި ހިމެނޭ ބައިތައް ކިޔަވައިދެއްވަމުންނެވެ.

comment ކޮމެންޓް