އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރާ ބިލު ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އެންސްޕާ ޖެންޑާގެ ދަށަށް ބަދަލު ކުރާ ބިލު ވަނީ ބަލައިގެންފައި --- ފައިލް ފޮޓޯ/ މަޖިލިސް

ނޭޝަނަލް ޝޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް އިސްލާހު ހުށަހަޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު މިހާރު އޮންނަ ގޮތުން އެންސްޕާ ބަލަހައްޓަމުން ހިންގަމުން އަންނަނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.

މަޖިލީހުން މިއަދު މި ބިލު ބަލައިގަތީ 65 މެމްބަރުންގެ ވޯޓާއެކުއެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން، މަނަދޫ ދާއިރުގެ މެންބަރު އަހްމަދު ހާރޫނެވެ.

އޭނާ އިސްލާހު ހުށަހެޅުއްވި މަގްސަތުގައި ބުނެފައިވަނީ، އެންސްޕާގެ ކަންކަން، ސިއްހަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، އެންސްޕާ އިޖްތިމާއީ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުކުރުން ކަމަށެވެ.

އެގޮތުން އޭނާ ވަނީ އެ ގާނޫނުގެ 42 މާއްދާގެ (ހ) ގައި ހިމެނޭ "މިނިސްޓަރު" މި ލަފްޒު އިޖްތިމާއީ ހިދުމަތްތައް ފޯރުކޮއްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރު ކަމަށެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ އިސްލާހު ފާސްވެ، ތަސްދީގްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ހާރޫން ހުށަހެޅުއްވި ބިލުގައި ބުނެފައި ވެއެވެ.

އިޖްތިމާއީ ހިދުމަތްތައް ފޯރުކޮއްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީއަކީ، ޖެންޑާ މިނިސްޓްރީއެވެ.

ބިލު މަޖިލީހުން ބަލައިގަތުމާއެކު މިހާރު ބިލު ދިރާސާކުރުމަށް ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.

comment ކޮމެންޓް