ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުންތެރިން ނެގުމުގައި ޒާތީ ވެފައި އޮންނަ ކަން ފާހަގަކޮށް، އެކަން އެހެން ވާ ނަމަ ހުރިހާ ގެއްލުމެއް ވެސް ލިބޭނީ ދިވެހި ފުޓުބޯޅައަށް ކަމަށް ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު މުހައްމަދު އިމްރާން ބުނެފި އެވެ.
ރާއްޖޭގެ މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވޭތުވެ ދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައި ވަނިކޮށް، އޭނާ އަށް މިފަހަރު ވެސް ގައުމީ ޓީމުން ފުރުސަތެއް ނުދިނެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިނާއި އޭޝިއަން ކަޕުގެ ކޮލިފައިންގައި ގުއާމް އާއި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުތަކަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑުގައި ދަގަނޑޭ ނުހިމެނުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓާއި އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ދަގަނޑޭ ޓީމަށް ނުނެގުމާއި ގުޅިގެން ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ބުނީ ގައުމީ ޓީމަށް ނަގަން ވާނީ އެވަގުތެއްގައި އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިން ކަމަށާއި ޒާތީ ވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރުމުން ހުރިހާ ގެއްލުމެއް ވާނީ ދިވެހި ފުޓްބޯޅަ އަށް ކަން އިމްރާން ފާހަގަކުރި އެވެ.
"ތަޖުރިބާ ހޯދަން ގައުމީ ޓީމު ބޭނުން ކުރުމަށްވުރެން، އޭޖް ގުރޫޕްތަކުގެ ޓީމް ތަޖުރިބާ ހޯދަން ބޭނުން ކުރުން މާ ރަނގަޅުވާނެ،" އިމްރާން ބުންޏެވެ.
އޭނާ ބުނީ ދަގަނޑޭ މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމަށް ބަލައި، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އޭނާއަށް އަށް ފުރުސަތު ނުލިބެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.
މީގެ އިތުރުން އަޝްފާގަކީ މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާގެ ފަރާތުން މިހާރު ވެސް ފެންނަނީ މޮޅު ކުޅުމެއް ކަމަށް އިމްރާން ބުންޏެވެ. އަދި އުއްމީދަކީ ގައުމީ ޖާޒީގައި ދަގަނޑޭ ކުޅޭތަން ފެނުން ކަމަށް ވެސް އިމްރާން ބުންޏެވެ.
އިމްރާނާއި އަޝްފާގަކީ ގިނަ ދުވަސްތަކެއް ވަންދެން ކުލަބާއި ގައުމީ ޓީމަށް ވެސް އެކީ ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. އަދި ދިވެހި ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތަކުން ހޯދި ރަން މެޑަލް ކަމަށްވާ 2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕު ކާމިޔާބު ކުރި އިރު މި ދެކުޅުންތެރިން ވަނީ ބޮޑު ހިއްސާއެއް ވެފަ އެވެ.
ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމަށް ކުޅުމަށް ފަހު އިމްރާން ވަނީ މިދިޔަ އަހަރު ގައުމީ ޓީމުން އަލްވަދާއު ކިޔައިފަ އެވެ. ނަމަވެސް ދަގނޑޭ މިދިޔަ އަހަރު ގައުމީ ޓީމުން ބޭރު ކުރީ އެނާ މާ މުސްކުޅި ކަމަށް ބުނެ އެވެ.
ދަގަނޑޭގެ އިތުރުން މިދިޔަ ސީޒަނުގެ ރާއްޖޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި ހަސަން ރާއިފް (ހަންނަ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް ވެސް ގައުމީ ސްކޮޑުން ޖާގަ ދީފައެއް ނުވެ އެވެ. ގައުމީ ކޯޗު އެކި ފަހަރު އެކި ގޮތްގޮތަށް ވާހަކަ ދައްކާތީ ފުޓުބޯޅަ ކޯޗުންނާއި ކުޅުންތެރިން ދަނީ ސޯޝަލް މީޑިއާގައި ނުސީދާ ގޮތަކަށް ގައުމީ ކޯޗާއި އެފްއޭއެމަށް ފާޑުކިޔަމުންނެވެ.
ދަގަނޑޭ އަށް ފުރުސަތު ނުދިނުމުން ކޯޗަށް އަމާޒުވަމުންދާ ފާޑުކިޔުމާ ގުޅޭ ގޮތުން އެފްއޭއެމް އިން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ.