ޕީޖީއާއި ކޮމިޝަނު މެމްބަރުންގެ މާލީ ބަޔާން ލާޒިމުކޮށް، ވިޔަފާރިކުރުން މަނާކުރަނީ

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން: ރައީސުލްޖުމްހޫރިއްޔާ އިސްލާހު ހުށަހެޅުއްވި ގާނޫނުތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުވެސް ހިމެނޭ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދައުލަތުގެ މުސްތަގިއްލު މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަމިއްލަ ވިޔަފާރިކުރުން މަނާކުރުމާއި، އެމީހުންނާއި އެމީހުންގެ އާއިލާގެ މެމްބަރުން މާލީ ބަޔާން ހުށަހެޅުން ލާޒިމުކުރުން ހިމެނޭ ގޮތުން މުސްތަގިއްލު މަގާމުތަކާއި ބައެއް މިނިވަން މުއައްސަސާތަކާ ބެހޭ ގާނޫނުތަކަކަށް ސަރުކާރުން އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވަނީ:

  • ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު
  • އޮޑިޓު ގާނޫނު
  • ދިވެއހި ސިވިލް ސާވިސްގެ ގާނޫނު
  • އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނު
  • އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު
  • ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ގާނޫނުތަކަށް އިސްލާހު ހުށަހެޅީ އެ ގާނޫނުތައް ރައްދުވާ މުސްތަގިއްލު ކޮމިޝަނުތަކާއި މުސްތަގިއްލު މަގާމުތައް އަދާކުރައްވާ ފަރާތްތަކާ ގާނޫނުއަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަނީ ތައައްސުބުން އެއްކިބާވެ، އަދި މިނިވަންކަމާ އެކުގައިކަން ކަށަވަރުކުރުމަށެވެ.

ހުށަހަޅާފައިވާ އިސްލާހުތަކުގެ ދަށުން، އެ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަކީ ކޮރަޕްޝަނުން އެއްކިބާވެ މަސައްކަތްކުރާ ބައެއްކަން ކަށަވަރުކުރުމަށްޓަކާއި އެ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ލާޒިމުކުރެވޭނެއެވެ.

އަދި އެއީ އެއްވެސް ފަރާތަކަށް ނުހައްގު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ނުވަތަ ވަކި ފަރާތަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި އަމަލުކުރާ ބަޔަކަށް ނުވާނެކަންވެސް، އިސްލާހުތަކުގެ ދަށުން ކަށަވަރުކުރެވޭނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި އިސްލާހުތަކުގައި، ކޮމިޝަނުތަކުގައި ތިބޭ ފަރާތްތަކަކީ އަމިއްލަ ވިޔަފާރިކުރުމާއި އަދި މަސްލަހަތު ފުށުއަރާ ފަދަ ކަންކަމުގައި ހަރަކާތްތެރިވެގެން ނުވާނެކަމަށް ހިމެނޭނެ ކަމަށެވެ. އަދި މުސްތަގިއްލު މަގާމުތައް އަދާކުރާ ފަރާތްތަކާއި ކޮމިޝަނުތަކުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކެއް ގާނޫނުގެ ދަށުން ކަނޑައަޅައި، އެ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކަށް އެޅޭނެ ފިޔަވަޅުތައް ސާފުކޮށް ބަޔާންކުރެވޭނެ ކަމަށެވެ.

ހުށަހަޅާ އިސްލާހުތައް:

  • މުސްތަގިއްލު މަގާމުގައި ހުރި ފަރާތާއި އޭނާގެ އާއިލާގެ މާލީ ބަޔާން އާންމުކުރުން.
  • ސުލޫކީ މިންގަނޑެއް ކަނޑައަޅައި، މިންގަނޑާ ޚިލާފުވާ ފަރާތްތަކަށް އެޅޭނެ ފިޔަވަޅުތަކެއް ބަޔާންކުރުން.
  • އަމިއްލަ ވިޔަފާރިކުރުމާއި މަސްލަހަތު ފުށުއަރާ ކަންކަމުގައި ބައިވެރިވުން މަނާކުރުން.
  • ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި އީޖާބީ ގޮތުން އެއްބާރުލުން ދިނުން
comment ކޮމެންޓް