ގާޒީ ހައިލަމާ ގުޅޭގޮތުން ބަލަނީ މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ ފުރި މައްސަލަ

ކްރިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބަލަމުން ދަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ މައްސަލައާ ގުޅިގެންކަން "ސަން" އަށް ކަށަވަރުވެއްޖެ އެވެ.

މީގެ ކުރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނާ ގުޅޭގޮތުން ބަލަމުން އަންނަ މައްސަލަތަކަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނު ކަމަށެވެ. ނަމަވެސް ތިން ހަފްތާފަހުން އެ އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއައްވިޒް ވިދާޅުވީ އެގޮތަށް ކޯޓުން އަންގާފައި ވަނިކޮށް ޖެހިގެން އައި ހަފްތާގައި އަބްދުﷲ މައުމޫން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް އަދިވެސް އެނބުރި ވަޑައިގެންފައިނުވާ ކަމަށާއި އެހެން ކަމުން އެ މައްސަލަތައް ނުބެލި ހުއްޓިފައިވާ ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން" އަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން ބަލަމުން ދަނީ އަބްދުﷲ މައުމޫންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރުމާ މެދު ގޮތެއް ނުނިންމާ ގިނަ ދުވަސްތަކެއް ވަންދެން ގާޒީ ހައިލަމް އެ މައްސަލަ އަޅާނުލައްވާ ބޭއްވި މައްސަލައެވެ.

އަބްދުﷲ މައުމޫން ރާއްޖެއިން ބޭރަށް ދިޔުމަކީ އޭސީސީން ތަހުގީގު ކުރަމުން އަންނަ މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ ތަހުގީގަށް އެޅިގެންދިޔަ ވަރަށް ބޮޑު ހުރަހެއް ކަން އޭސީސީއިން ފާހަގަކުރެ އެވެ. އަދި އެކަން އެ ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ސަމާލު ކަމަށް ވެސް މިހާރު ގެނެސްފަ އެވެ.

comment ކޮމެންޓް