ކަނޑަށް ޖެއްސި އައްޑޫ ފްލައިން ސްކޫލުގެ ބޯޓު ނަގައިފި

ކަނޑަށް ޖެއްސި ބޯޓު ނަގަނީ --

ތަމްރީނު ހަދަމުން ދަނިކޮށް އިންޖީނު ފެއިލްވެގެން މިދިޔަ ހުކުރު ދުވަހު، ޝަންގްރިއްލާ ރިސޯޓް ބޭރަށް ކަނޑަށް ޖެއްސި އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިންގް ސްކޫލުގެ ބޯޓު މޫދު އަޑިން ނަގައިފި އެވެ.

އިންޖީނު ފެއިލްވުމުގެ ސަބަބުން ކަނޑަށް ޖައްސާފައިވަނީ ސެސްނާ މަރުކާގެ ޓްރެއިނިން އެއާކްރާފްޓެކެވެ. އެ ބޯޓު ނަގާފައި ވަނީ މިއަދު މެންދުރު ބާޖަކާއި ކްރޭނެއްގެ އެހީގަ އެވެ.

ކަނޑަށް ޖެއްސުމާއެކު ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ. އަދި ބޯޓު އޮތީ 8.6 މީޓަރު އަޑީގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ޝަންގްރިލާ ވިލިނގިލި ރިސޯޓު ކައިރިން މޫދަށް ޖެއްސި ބޯޓް އަށް މީޓަރު އަޑިއަށް ގޮސްފައި ---

ބޯޓު މޫދަށް ޖެއްސިއިރު އޭގައި ތިބީ އިންޑިއާގެ އިންސްޓްރަކްޓަރެއްގެ އިތުރުން މަރަދޫ އަށް ނިސްބަތްވާ އަންހެން ދަރިވަރެކެވެ. އެ ހާދިސާގައި ދެމީހުންނަށް ވެސް ގެއްލުމެއް ނުވެއެވެ. ދެމީހުން ޝަންގްރިއްލާ ރިސޯޓަށް ގެންގޮސްފައި ވަނީ އެ ސަރަހައްދުގައި އޮތް އެ ރިސޯޓުގެ ޑައިވިން ދޯންޏަކަށް ނަގައިގެންނެވެ.

އެ ހާދިސާ ހިނގި ގޮތް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ ބޯޓަކީ 2015 ވަނަ އަހަރު، ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ އަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު ބޯޓެވެ. އެ ހާދިސާގައި ވެސް ބޯޓުގައި ތިބި ދެމީހުންނަށް އަދި ބޯޓަށް ވެސް މާ ބޮޑު ގެއްލުމެއް ނުލިބި، ސަލާމަތްވި އެވެ.

comment ކޮމެންޓް