ރާއްޖޭގެ މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވޭތުވެ ދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައި ވަނިކޮށް، ގައުމީ ޓީމުގައި ނުހިމެނުމުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެކަމާ ކަންބޮޑުވުން ފާޅު ކޮށްފި އެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިނާއި އޭޝިއަން ކަޕުގެ ކޮލިފައިންގައި ގުއާމް އާއި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުތަކަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑުގައި ދަގަނޑޭ ނުހިމެނުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓާއި އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އެ މައްސަލައިގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި އަޑުފަތުރަމުން އަންނަ އިރު މަހްލޫފް މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަގަނޑޭއަކީ ގައުމީ ޓީމުގެ ފުރަތަމަ 11ގައި ހިމެނެންޖެހޭ ކުޅުންތެރިއެއް ކަމަށާއި، ދިވެހި ރައްޔިތުންގެ ކަންބޮޑުވުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ރަސްމީކޮށް ހިއްސާކުރާނެ ކަމަށެވެ.
“އަޅުގަނޑުގެ ފުރަތަމަ އެގާރައިގައި އަލީ އަޝްފާގް ހިމެނޭނެ. ދަގަނޑޭ އަކީ ގައުމީ ޓީމުގައި ހިމެނެންޖެހޭ ކުޅުންތެރިއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. ދިވެހި ސަޕޯޓަރުންގެ އެދުން އެފްއޭއެމް އާއި ރަސްމީކޮށް ހިއްސާކޮށްދޭނަން” މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
މިފަހަރު ގައުމީ ޓީމަށް ނެގި ސްކޮޑުގައި ދަގަނޑޭގެ އިތުރުން ތަޖުރިބާކާރު މުހިއްމު ކުޅުންތެރިންތަކެއް ޓީމުން ބާކީ ކުރުމުގެ މައްސަލައިގައި ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނީ އެ ކުޅުންތެރިންނަށް ފުރުސަތު ނުލިބެނީ އުމުރުން ދޮށިވުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ކޮލިފައިނަށް ތައްޔާރުވުމުގެ ގޮތުން ލަންކާގައި ހާއްސަ ޓްރެއިނިންގެ ކޭންޕެއް ކުރުމަށް ގައުމީ ޓީމު ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސެގާޓް ބުނީ ކޮލިފައިން ނިމޭއިރު މުހައްމަދު އާރިފް (ބަކާ) އާއި ދަގަނޑޭ އަށް 38 އަހަރު ވާނެކަމަށެވެ.
މިދިޔަ ސީޒަނުގައި ދަގަނޑޭ އާދަޔާ ހިލާފު ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް ސާފް ސުޒުކީ ކަޕަށް ނެގި ސްކޮޑުން ވެސް ކޯޗު ދަގަނޑޭ އަށް ފުރުސަތު ދީފައެއްނުވެ އެވެ. އެ މުބާރާތަށް ފަހު އިންޑިއަން އައިލެންޑް އޯޝަން ގޭމްސް (އައިއޯއައިޖީ) އިން ދަގަނޑޭ އަށް ފުރުސަތު ނުދިން ނަމަވެސް ނަތީޖާ ނެރެން މަޖުބޫރުވާ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ދަގަނޑޭ އަށް ފުރުސަތު ދޭނެކަމަށް ބެލެވުނެވެ.
ދަގަނޑޭ އަށް ފުރުސަތު ނުދިނުމުން ކޯޗަށް އަމާޒުވަމުންދާ ފާޑުކިޔުމާއި ގުޅޭގޮތުން އެފްއޭއެމް އިން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ.