ކުންފުނިތަކަށް ބޮޑެތި ބަދަލުތައް ދޭންޖެހޭތީ އެމްޑީޕީ މެމްބަރުންގެ ކަންބޮޑުވުން

އެމްޑީޕީގެ ޕޯޖީ ލީޑަރުން ރައީސް ސޯލިހާ ބައްދަލުކުރެއްވުން: ބަދަރުދޭންޖެހޭ މައްސަލައިގައި މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

އެގްރިމަންޓްތައް ގަވައިދާ ހިލާފަށް އުވާލާފައިވާތީވެ، ދައުލަތުން އެކި ކުންފުނިތަކަށް ބޮޑެތި އަދަދުން ބަދަލު ދޭން ޖެހުމުން ދާތީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބޮޑެތި އަދަދުން ބައެއް ކުންފުނިތަކަށް ބަދަލުދިނުމަށް ކޯޓުތަކުން އަންނަނީ ހުކުމް ކުރަމުންނެވެ. އަދި ބައެއް މައްސަލަތައް ކޯޓުގައި އަދިވެސް ދަނީ ހިނގަމުންނެވެ. މިހާތަނަށް ކޯޓުތަކުން ނިންމި މައްސަލަތަކުގައި ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭ އަދަދު 1.1 ބިލިއަނެއްހާ ރުފިޔާއަށް އަރައެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތަކަށް ބައެއް ފައިސާ ވަނީ ދީފައެވެ.

އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑިޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށެވެ. އާޒިމް ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ވާހަކަ ހައްގު ބަދަލު ހޯދާ މީހުން އިސްތިސްނާވާ ކަމަށެވެ. އިތުރު ތަފްސީލެއް އަޒިމް ނުދެއްވައެވެ.

އަޒީމް ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވައި، އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާ މެމްބަރު، ހުސައިން ޝަހީމް (އަނދުން ހުސައިން) އާޒިމްގެ ވާހަކަތަކަށް ތާއީދު ކުރެއްވިއެވެ.

"ދައުލަތުގައި ދަތް އަޅާ ކާން ދޫކޮށްލެވޭކަށް ނެތް،" އަދުން ހުސައިން ވިދާޅުވިއެވެ.

މަރަދޫ ދާއިރާ މެމްބަރު އިބްރާޙިމް ޝަރީފުވެސް ވިދާޅުވީ ދައުލަތުން ބަދަލު ދޭންޖެހޭ އަދަދު މިދާ ރޭޓުން ދާ ނަމަ ދައުލަތް ބަގުރޫޓުވާކަށް މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.

"ވިޔަފާރިއެއްކޮށްގެން 1000 އަހަރު ނުލުބޭނެ ފައިދާ ބަދަލުގެ ގޮތުގައި ހޯދަން ދައުވާ އެބަ ކުރޭ. ގާނޫނަށް ބަދަލު ގެނެސްގެން ވެސް މި ޖަރީމާ ހުއްޓުވަން ޖެހޭ،" ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، ސަރުކާރުން ބަދަލުހޯދުމުގެ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުުރުމުގެ ބަދަލުގައި ގާނޫނަށް ބަދަލު ގެނެސްގެން ވިޔަސް މިކަން ހައްލު ހުއްޓުވަން ޖެހޭ ކަމަށެވެ. މިކަމަށް ދައުލަތުގެ ހުރިހާ މުއަސަސާއެއް ސަމާލުވުމަށް ޝަރީފު އިލްތިމާސް ކުރެއްވިއެވެ.

ދައުލަތުން ކޯޓުތަށް މެދުވެރިކޮށް ބޮޑެތި އަދަދުން ބަދަލު ދޭންޖެހުމާ ގުޅޭ ގޮތުން އެމްޑީޕީ މެމްބަރުން ކަންބޮޑުވުންފާޅު ކުރެއްވިއިރު، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާތަނަށް ނިމިފައި ހުރި މައްސަލަތަކުގައި ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި މިހާރުވެސް ނުނިމި ހުރި މައްސަލަތަކުގައި ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު 5.4 ބިލިއަންނެއްހާ ރުފިޔާއަށް އަރާ ކަމަށެވެ.

އެ ހުރިހާ މައްސަލަތަކުގެ ޖުމްލަ އަދަދު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރައެވެ. މިހާރު ކޯޓުތަކާއި އާބިޓްރޭޝަންގައި ހިނގާ 5.6 ބިލިއަން ރުފިޔާގެ މައްސަލަތައް ސަރުކާރުގެ ކޮޅަށް ނިންމިދާނެކަމުގެ ޔަގީން ކަމެއް ދައުލަތުގެ ގާނޫނީ ވަކީލުންނަށް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތުން ކުންފުނިތަކަށް ދޭންޖެހޭ ބަދަލު 6.7 ބިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭއިރު، އެއީ ދައުލަތުގެ ބަޖެޓްގެ 23 ޕަސަންޓެވެ. މިއަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓްގެ އަދަދަކީ 30 ބިލިއަން ރުފިޔާއެވެ.

comment ކޮމެންޓް