މި މަހު 18 ގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށާއި ގެއްލިފައިވާ ވޮލީގެ ފޯރި އަލުން ދިރުވުމުގެ ބޭނުމުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް ސްރީ ލަންކާގެ ގައުމީ ޓީމު ރާއްޖެ އައިސް މިރޭ ކުޅުނު މެޗުގައި 1-3 އިން އެ ޓީމު ރާއްޖެ ބަލިކޮށްފި އެވެ.
މާލޭ ޔޫތް ސެންޓަރުގައި ރާއްޖެއާ ދެކޮޅަށް މިރޭ ލަންކާ ކުޅުނު އިރު އެ ޓީމުގައި މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި ގިނަ ކުޅުންތެރިން ވަނީ ކުޅެފަ އެވެ. މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ ރޭންކިން މެޗުގައި ލަންކާ އަތުން ރާއްޖެ ބަލިވި އިރު އެ މެޗުގައި ވެސް ރާއްޖެއަށް ލިބުނީ އެންމެ ސެޓެކެވެ. ނަމަވެސް މިރޭ ކުޅުނު މެޗުން ރާއްޖެ ބަލިވި ނަމަވެސް ވަނީ އުންމީދީ ކުޅުމެއް ދައްކާފަ އެވެ.
މިރޭގެ މެޗު ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފްގެ އިތުރުން ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރާއްޖެ ވަޑައިގެން ހުންނެވި އދ. ގެ ޒުވާނުންގެ މަންދޫބު ޖަޔާތުމާ ވެސް ވަނީ ވަޑައިގެންފަ އެވެ.
އެ މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބު ކުރީ ރާއްޖޭންނެވެ. އެ ސެޓު 20-25 އިން ރާއްޖެ ކާމިޔާބު ކުރި އިރު ލަންކާގެ ޓީމަށް އެ ސެޓުގައި ލީޑު ނެގުމުގެ ފުރުސަތެއް ވެސް ރާއްޖޭން ދީފައެއް ނުވެ އެވެ.
ނަމަވެސް ޖެހިގެން އައި ސެޓުގައި ލަންކާ އިން ވަނީ ތިން ވަނަ ޕޮއިންޓާ އެކު ލީޑު ނެގި ގޮތަށް އެ ލީޑު ބޮޑު ތަނުން ފުޅާ ކޮށް އުންމީދު ދަމަހައްޓާފަ އެވެ. އެ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 15-25 ގެ ބޮޑު ތަފާތަކުންނެވެ.
ތިން ވަނަ ސެޓުގައި ވެސް ލަންކާއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފަ އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ވުރެން އިސްކޮޅުން ދިގު އަދި ވަރުގަދަ ލަންކާގެ ކުޅުންތެރިން އެ ސެޓުގައި ވަނީ ބާރު ޝޮޓުތަކެއް ޖަހައި ރާއްޖެއިން ކުރަމުން ދިޔަ ބްލޮކުތައް ފަޅާލައިފަ އެވެ. އެ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-16 އިންނެވެ.
ހަތަރު ވަނަ ސެޓުގައި ރާއްޖެއިން ވަނީ އަލުން އަނބުރާ ކުޅުމުގެ ތެރެއަށް ވަދެ މޮޅު ވާން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ނުވަ ވަނަ ޕޮއިންޓާ ހަމައަށް ރާއްޖެއިން ލީޑު ކުރަމުން އައި އިރު 20 ވަނަ ޕޮއިންޓާ ހަމައަށް ވެސް ދިޔައީ ދާދި ހަމަހަމަ ކޮށެވެ. ނަމަވެސް ނިންމާލުމުގައި ދިމާވި ދަތިތަކާ އެކު ރާއްޖެއަށް އެ ސެޓު ވެސް ވަނީ ގެއްލިފަ އެވެ
ލަންކާގެ މި ދަތުރަކީ ކުރިއަށް އޮތް އޭޝިއަން ޗެމްޕިއަންޝިޕަށް އެ ޓީމު ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗަކަށް ވާއިރު އެ ޓީމުން ރާއްޖެއާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗެެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާދަމާ ރޭ ވެސް ލަންކާގެ ޓީމާއި ރާއްޖެ ބައްދަލު ކުރާނެ އެވެ.
ލަންކާގެ ކޯޗު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ރާއްޖެ އައިސް އިއްޔެ ވެސް ޕްރެކްޓިސް މެޗެއް ރާއްޖެއާ ދެކޮޅަށް ކުޅެވުނު ކަމަށާއި މިރޭގެ މެޗުގައި ރާއްޖެއިން ކުޅުނީ އެއަށް ވުރެން ދެގުނަ މޮޅަށް ކަމަށެވެ.
"ކުރިއަށް އޮތް ހަތަރު ހަފްތާ ތެރޭ އަހަރަމެން އޭޝިއަން ކަޕުގައި ވާދަ ކުރާ އިރު މިއީ ލިބުނު ރަނގަޅު ފުރުސަތެއް. ރާއްޖެއިން މިރޭ ދެއްކީ ސަޕްރައިޒް ކުޅުމެއް. މާދަމާ ރޭގެ މެޗުގައި އަދި މިއަަށް ވުރެން ތަފާތު ވާނެ ކަމަށް މި ބަލަނީ."
ރާއްޖޭގެ ވޮލީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ މިރޭ ބައްދަލު މި ކުރި ލަންކާގެ ޓީމަކީ މި ސަރަހައްދުގައި ވެސް އެންމެ ވަރުގަދަ އެއް ޓީމު ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭން މިރޭ އެ ޓީމާ ދެކޮޅަށް ދެއްކި ކުޅުމާ އެކު މިހުރީ ވަރަށް އުފަލުން ކަމަށާއި މެޗުން މޮޅުވުމުގެ ފުރުސަތު ރާއްޖެއަށްވެސް އެބަ އޮތް ކަމަށެވެ/
މީގެ އިތުރުން މިރޭ މި ކުޅުނު ޓީމަށް ވުރެން ވަކި ސެންޓްރަލް ޒޯނުގައި ކުޅޭ ޓީމުތައް ވަރުގަދަ ނުވާނެ ކަމަށް ވެސް ކާއްޓޭ ބުންޏެވެ. އަދި މިރޭގެ މެޗުގައި ރާއްޖެއަށް މެޗު ނިންމާލަން ނޭންގުނީ ކަމަށާއި މިކަހަލަ ވަރުގަދަ މެޗުތަކުގައި 20 އިން މައްޗަށް އެރުމަށްފަހު ނިންމާލުމަކީ ރާއްޖެއަށް އަދި ދަސްވެފައި ނެތް ކަމެއް ކަން ވެސް ކާއްޓޭ ވަނީ ފާހަގަ ކޮށްފަ އެވެ.
މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ މާދަމާ ރޭ ޔޫތް ސެންޓަރުގަ އެވެ. އެ މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން ޓީމަށް ސަޕޯޓް ކުރަން ދިއުމަށް ޓީމުން ވަނީ އެދިފަ އެވެ.