ކުޅުދުއްފުށީ މަށިމާލި ޕެރޭޑަށް ޝިދާތާގެ ނުރުހުން އަމާޒުވެއްޖެ

ކުޅުދުއްފުށީ މާލި ޕެރޭޑުގައި ދައްކާލި ހަރަކާތެއް--- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

އެއްވެސް މީހަކަށް އެއްވެސް ޒާތަކަށް ބުލީކުރެވިގެން ނުވާނެކަމަށްް ވިދާޅުވެ ކުޅުދުއްފުށީ މާލި ޕެރޭޑަށް ރައްދުވާ ގޮތަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ފާޑު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގެ މަށި މާލެ ޕެރޭޑްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވާން ފެށުމާ އެކުހެން ޝިދާތާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ޒާތެއްގެ އެއްވެސް ކަހަލަ ބުލީކުރުމެއް ބަލައި ނުގަނެވޭ ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށެވެ.

"(އޭގެ ތެރޭގައި) އަޅުގަނޑާ އަދި ތިބާއަށް ކުރެވޭ (ބުލީވެސް) ހިމެނޭ،"ޝިދާތާ ވިދާޅުވި އެވެ.

ބުލީ ކުރުމާ ދެކޮޅަށް ޝިދާތާ އެ ޓުވީޓު ކުރެއްވީ ސީދާ ކީއްވެ ކަމެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

ނަމަވެސް އީދަށް ދިމާކޮށް ކުޅުދުއްފުށީގައި ކުރިއަށްދާ މާލި ޕެރޭޑްގައި ޝިދާތާއަށް ޖޯކު ޖަހައި ވަނީ މާލިތަކެއް ހަދައިފަ އެވެ.

އެ މާލި ހަރަކާތުގައި ޝިދާތާއަށް ޖޯކުޖަހައި، "އެ ދައިތާގެ ގެއްލުވާލާ ބެޑްޝީޓް" ނަމުގައި ވަނީ މާލިތަކެއް ދައްކާލައިފަ އެވެ. މީގެ އިތުރުން ވެސް، އެކި ސިޔާސީ ކަންކަމަށް ޖޯކު ޖަހާފައިވާ މާލީތައް އެ ޕެރޭޑްގައި ދައްކާލި އެވެ.

މިއީ ދާދި ފަހުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ކުޑަ ކުއްޖެއް ކަމަށްވާ އަބްދުﷲ ޝައިމް ގެއްލުނު ހާދިސާއަށް ޖޯކުޖަހައި ނެރުނު މާއްޔެކެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ކުޑަކުއްޖަކު ގެއްލުމުން އާންމުންގެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޝިދާތާ އޭރު ވިދާޅުވީ ޝައިމް ގެއްލުނު ކަން ހިޔާގެ މުވައްޒަފުންނަށް ނޭނގުނީ ޝައިމް އާންމުކޮށް މޫނުގައި ބެޑްޝީޓު އަޅައިގެން ނިދާތީ، އޭނާ ގެއްލުނު ރޭ ބެޑް ޝީޓު ހިއްލާފައި އޭނާ ނިދަން އޮތްތޯ މުވައްޒަފުންނަށް ނުބެލުމުން ކަމަށެވެ.

ކުޑަކުއްޖާ ގެއްލުނު މައްސަލާގައި މުޅި ދައުލަތް ޒިންމާ ނަގަން ޖެހޭނެ ކަމަށްވެސް ޝިދާތާ އޭރު ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ގާއިމުކޮށް އެތަންތަން ހިންގުމަކީ ވެސް ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި ތަންރީނު ލިބިފައިވާ މުވައްޒަފުންނާއި ކުދިންގެ ކަންކަން ބެލެހެއްޓުމަށް އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށާއި، ތަނުގެ އިންފްރާސްޓްރަކްޗާ ވެސް ވަރަށް ބޮޑަށް ވީރާނާވެ، ތަން ހިންގުމަށް އެކަށީގެންވާ ބަޖެޓެއް ވެސް ނެތް ކަމަށް އޭރު މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް