މި ސަރުކާރުގެ ވިސްނުމަކީ، ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން އެހެން ވިދާޅުވީ، އއ. ރަސްދޫގައި ރޭ ތަރާވީހް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީކުރާ މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އިިހުސާން ވިދާޅުވީ ކުޑަކުދިން ކުރާ ކުށްތައް ހުއްޓުވުމަށް މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކީ 15 އަހަރުގެ ގޮތުގައި އޮތުން ކަމަށެވެ. ނަމަވެސް ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ 200 ވަރަކަށް ކުޑަކުދިން މިހާރު ތިބި ކަމަށާއި އޭގެ ތެރޭގައި 12، 13 އަދި 14 އަހަރުގެ ކުދިން ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު މި އޮތް ގާނޫނުގައި ބަޔާންކުރާ 15 އަހަރުގެ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކަށް މިއިން ކުއްޖަކު ނުފެތޭ. އެހެންވީމަ މިވަގުތު އަޅުގަނޑުމެންނަށް މިކުދިން ޖިނާއީ ކުށެއް ކުރި ނަމަވެސް އެކުދިން ކުށަށް ޒިންމާ ކުރެވޭނެ ގޮތަކަށް ނޫން ގާނޫނު ބައްޓަން ކުރެވިފައި އޮތީ،" އިހުސާން ވިދާޅުވިއެވެ.
"އަދުގެ ސަރުކާރުގެ ވިސްނުންފުޅަކީ މި އުމުރުފުރާ 12 އަހަރަށް ކުޑަކުރުން."
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ 2019 ވަނަ އަހަރު ފާސްކުރި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލު ކުރަން ފެށިތާ ހަތަރު އަހަރުވީއިރު، އެ ގާނޫނުގެ ދަށުން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން މިހާތަނަށް ނުކޮށް އޮތް ކަމަށެވެ.
އެހެންވެ، މި ސަރުކާރުން ވަނީ އެ ގާނޫނު ރިވިއުކޮށް، ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ފަށައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ބަންދު ނިންމާފައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގާނޫނަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތައް އަޅުގަނޑުމެން ޑްރާފްޓް ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން،" އުޝާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ އިސްލާހުތައް ފާސްކުރެވިއްޖެނަމަ، ކުޑަކުދިން ކުށްކުރުން ހުއްޓުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.
އއ. ރަސްދޫގައި ރޭ ކުޑަކުއްޖަކަށް ބުލީ ކުރާ މަންޒަރު ފެންނަ ވީޑިއޯއިން، އެ ކުއްޖާ ގައިގައި ތަޅާ އަނިޔާކޮށް ކުއްޖާގެ އަތުގައި އޮތް ފެންފުޅިއެއް ކުއްޖާގެ ބޮލަށް އޮއްސާލާ މަންޒަރު ފެނެއެވެ.
އެ މައްސަލައިގައި ޝާމިލުވަނީ 13 އަހަރާއި 14 އަހަރުގެ ފިރިހެން ކުދިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.