ކުޑަކުއްޖަކަށް ބުލީކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރުނުކުރުމަށް ފުލުހުން އެދެފި

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިސްކިތެއްގައި ކުޑަ ކުއްޖަކަށް ބުލީކޮށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިރޭ މީސް މީޑިއާގައި ދައުރުވެ އާންމުންގެ ސަމާލުކަމަށް މައްސަލަ އައުމާއެކު، އިތުރަށް އެ ވީޑިއޯ ދައުރުނުކުރުމަށް ފުލުހުން އެދިއްޖެއެވެ.

މިރޭ އާންމުވި އެ ވީޑިއޯއިން ފެންނަނީ މިސްކިތެއްގެ ތަރާވީހުގެ ވަގުތު ކުޑަކުއްޖަކާ އެހެން ކުދިންތަކެއް ދިމާކޮށް، ހުތުރު ބަހުން ވާހަކަދައްކައި އިންޒާރުދީ އަނިޔާކުރާ މަންޒަރެވެ.

އެ ކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށެވެ.

އަދި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ކުދިން ދެނެގަނެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން އެއީ 13 އަހަރާއި 14 އަހަރުގެ ދެ ކުދިން ކަމަށް ބުންޏެވެ.

އެއާއެކު ފުލުހުން ބުނީ އެ ވީޑިއޯގައި ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރުތަކެއް ކަމަށެވެ.

އެހެންވެ އެ ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ދައުރުނުކުރުމަށް ވަނީ އެދިފައެވެ.

ހަމައެއާއެކު އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ބުލީގެ މައްސަލަތަކަކީ ރާއްޖޭގައި އިންތިހާއަށް އާންމު މައްސަލަ ތަކެކެވެ. ސްކޫލުތަކުގެ މަތީ ގްރޭޑުތަކުގައި މި ކަން އާންމުއިރު، މީގެ ކުރިން ވެސް މި ފަދަ މައްސަލަތައް ސްކޫލު މާހައުލުގައި ފެންމަތިވެފައި އެބަހުއްޓެވެ.

comment ކޮމެންޓް