ޒުވާނުންގެ ކުރިއެރުމަށް އދ އިން ރާއްޖެއަށް އެހީ ދެނީ

އދ. ގެ ޒުވާނުންގެ މަންދޫބް ޖަޔާތުމާއާއި ކުޅިވަރު އަދި ޒުވާނުންނާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް --- ފޮޓޯ// ޔޫތް މިނިސްޓްރީ

ރާއްޖޭގައި ޒުވާނުންގެ ހުނަރު ހުރި ނަމަވެސް، ކުރިއަށް ދިއުމަށް ބޮޑެތި ދަތިތަކެއް ހުރި ކަމަށާއި އެ ދަތިތަކުން އަރައިގަތުމަށް އދ. ގެ އެހީ އަބަދުވެސް ލިބޭނެ ކަމަށް އެ ޖަމިއްޔާގެ ޒުވާނުންގެ މަންދޫބު ޖަޔަތުމާ ވިކްރަމަންޔަކަ ވިދާޅުވެއްޖެ އެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ދެއްވި ހާއްސަ ދައުވަތަކަށް މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޔަތުމާ ވަނީ އިއްޔެ ނ.ވެލިދޫގައި ރަސްމީކޮށް ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. އޭނާ އިއްޔެ ވެލިދޫއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ވަނީ އެކަމަނާއަށް ހޫނު މަރުހަބާއެއް ވެސް ކިޔާފަ އެވެ.

ޒުވާނުންގެ ދުވަސް ރަސްމީ ގޮތެއްްގައި ފާހަގަ ކުރުމުގެ ގޮތުން މިއަދު ނ.ވެލިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓްރީ

ރޭ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވެލިދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ޖަޔަތުމާ ވަނީ، ރާއްޖޭގެ ޒުވާނުންނަށް ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ބައެއް ކަންކަން ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. މިފަހަރު އދ. އިން ޒުވާނުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ، "ޓްރާންސްފޯމިންގް އެޑިއުކޭޝަން" އެވެ.

ޖަޔާތުމާ ވިދާޅުވީ ރާއްޖެ އަކީ ލިޔަން ކިޔަން ދަންނަ އަދި ސުކޫލުގެ ހާޒިރީ 100 ޕަސެންޓް އޮތް ގައުމެއް ނަމަވެސް ޒުވާނުންނަށް ކުރިއަށް ދިއުމުގައި ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި އެކަން ކަމުން އަރައިގަތުމަށް އދ އިން އަބަދުވެސް އެހީތެރިވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ރާއްޖެ އަކީ ތައުލީމީ ގައުމެއް. މިގައުމުގެ އާބާދީ އެއްކޮށް ލިޔަން ކިޔަން ދަނޭ. އަދި ސްކޫލުގެ ހާޒިރީ ވެސް ފުރިހަމަ. ހާއްސަކޮށް ޒުވާން އަންހެން ކުދިން ވަރަށް ގިނަ އިރު ވަންދެން ސްކޫލުގައި މަޑު ކުރޭ. މިނިސްޓަރާއި އޮފިޝަލުން އަދި ޒުވާނުންނާ ވާހަކަ ދައްކާލުމުން އިނގުނީ ކުރިއަށް ދިއުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން،" ޖަޔާތުމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމަނާ އަކީ ވެސް ލަންކާގައި ހަނގުރާމައެއް ހިނގި ދުވަސްވަރު ހާލުގައި ކިޔެވި މީހެއް ކަމަށާއި އެއީ ފަހުން ކުރިއަށް ދާން ލިބުނު ހިއްވަރެއް ކަމަށެވެ.

"ތައުލީމަކީ އެންމެންގެ ވެސް އަސާސީ ހައްގެއް. އަދި ދިވެހި ރާއްްޖެ އަކީ ކުޑަ ކުދިންގެ ތައުލީމަށް އިސްކަންދޭ ގައުމެއް ކަން އެންމެ ބޮޑަށް ދޭހަ ވަނީ މި ގައުމަކީ އަދ.ގެ ކޮންވެންޝަނުގައި އެންމެ ފުރަތަމައިން މި ވާހަކަ ދައްކަން ފެށި ގައުމުތަކުގެ ތެރޭގައި މި ގައުމު ހިމެނޭތީ،" ޖަޔާތުމާ ވިދާޅުވި އެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި ވެސް ދިވެހި ޒުވާނުން އަންނަނީ ފައިހަމަކުރަމުން ކަމަށެވެ. އަދި ޒުވާނުންނަށް ކުރިއަށްދާން ހުރި ދަތިތަކުން އަރައިގަތުމަށް އދ.ގެ އެހީ ފުރިހަމައަށް ލިބޭނެ ކަމަށެވެ.

ޖަޔާތުމާ ރާއްޖެއަށް ކުރައްވާ މި ދަތުރު ފުޅުގައި މިރޭ ސްރީ ލަންކާއާއި ރާއްޖެ ބައްދަލު ކުރާ އެކުވެރި ކަމުގެ ވޮލީ މެޗު ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ އދގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއިއަކު ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފަށް ވީ އިރު މި ދަތުރު ފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް،ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ ވެސް ބައްދަލުކުރައްވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޒުވާން މެމްބަރުންނާއި ނެޝަނަލް ޔޫތު ކައުންސިލްގެ މެމްބަރުންނާއި ވެސް އޭނާ ބައްދަލުކުރައްވާނެ އެވެ.

comment ކޮމެންޓް