ހޮންކޮންގް (އޮގަސްޓު 12): ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން މިއަދު އެ އެއާޕޯޓުން ކުރާ ދަތުރުތައް ކެންސަލްކޮށްފިއެވެ.
ހޮންކޮންގް އެއާޕޯޓު އޮތޯރިޓީން ނެރުނު ބަޔާނެއްގައިވާ ގޮތުން ފްލައިޓުތައް ކެންސަލް ކުރަން ޖެހުނީ މުޒާހަރާގެ ބައިވެރިން އެ އެއާޕޯޓުގެ ޓާމިނަލަށް ވަނުމުންނެވެ. އޭގެ ސަބަބުން އެއާޕޯޓުން މިއަދު ފުރަން އޮތް 100އަށް ވުރެ ގިނަ ފްލައިޓަށް ނުފުރޭނެއެވެ.
"ޗެކްއިން ނިމިފައިވާ ފްލައިޓުތަކާއި ހޮންކޮންގަށް މިސްރާބު ޖަހާފައިވާ ފްލައިޓުތައް ފިޔަވާ މިއަދު ދަތުރު ކުރަން އޮތް ހުރިހާ ފްލައިޓުތައް ވަނީ ކެންސަލްކޮށްފަ. އެއާޕޯޓުގައި ބާއްވަމުންދާ އެއްވުމުގެ ސަބަބުން ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފަ،" އެއާޕޯޓް އޮތޯރިޓީގެ ބަޔާނުގައިވެއެވެ.
ހޮންކޮންގްގެ ސީނިއާ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ކޮންގް ވިންޗަންގް ވިދާޅުވި ގޮތުގައި އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުން އެ އެއާޕޯޓުގެ ޓާމިނަލަށް 5،000އަށް ވުރެ ގިނަ މީހުން ވަނީ އެއްވެފަ އެވެ. ނަމަވެސް އެމުޒާހަރާ ރޫޅާލަން އުޅޭ ކަމަށް ފުލުހުން ނުބުނެ އެވެ.
ހޮންކޮންގް އެއާޕޯޓުގައި މިދިޔަ ހުކުރު ދުވަހު މުޒާހަރާތައް ފެށީ އެސިޓީއަށް އަންނަ މީހުންނަށް މުޒާހަރާތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށާއި މުޒާހަރާތަކަށް އެމީހުންގެ ތާއިދު ހޯދުމަށެވެ.
މިދިޔަ އޭޕްރިލް މަހު ހޮންކޮންގްގައި ބޮޑެތި މުޒާހަރާތައް ފެށުނީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލަކާ ގުޅިގެންނެވެ. އޭޕްރިލް މަހުގެ 20ގައި ވޯޓަށް އަހަން އޮތް އެބިލު ފާސް ކުރި ނަމަ، ހޮންކޮންގްގައި ތިބި ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް އެމީހުން ޗައިނާއާ ހަވާލު ކުރެވޭނެއެވެ.
ނަމަވެސް ގިނަ އަދަދެއްގެ މީހުން ވަނީ އޭގެ ސަބަބުން ހޮންކޮންގްގައި ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށާއި އެގައުމުގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެފައެވެ. އަދި އެބިލާ ދެކޮޅަށް ބޭއްވި ބައެއް މުޒާހަރާތައް ހޫނުވެ، ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައި ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.
އެގޮތުން އިއްޔެ ބޭއްވި މުޒާހަރާތަކުގައިވެސް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ކަރުނަ ގޭހާއި ނަން-ލީތަލް ހަތިޔާރު ބޭނުންކޮށްފައެވެ. އޭގެ ސަބަބުން މުޒާހަރާގައި ބައިވެރިވި މީހުންނާއި ފުލުހުންނަށްވެސް އަނިޔާވެފައިވެއެވެ.
އެމުޒާހަރާތަކުގެ ސަބަބުން ހޮންކޮންގް ލީޑަރު ކެރީ ލާމް ވަނީ އެބިލް ފާސް ކުރުން ފަސް ކުރަން ނިންމަވާފައެވެ. ނަމަވެސް މުޒާހަރާ ކުރާ ފަރާތްތަކުން އަދިވެސް ދަނީ ބިލް އެއްކޮށް އުވާލުމަށާއި ލާމް އިސްތިއުފާ ދެއްވުމަށާއި ފުލުހުން ކުރާ އަނިޔާތަކަށް އެމީހުން ޖަވާބުދާރީ ކުރުވުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.