އިނގިރޭސި ތެޔޮ ޓޭންކަރު "ބްރިޓިޝް ލޯޔަލްޓީ"ގެ ޝިޕްރެކް އައްޑޫގައި އޮންނަ ވާހަކަ އަހަމެވެ. ނަމަވެސް އަހަރެމެންގެ އައްޑޫ ދަތުރު ރާވަން ފެށުމާ ހަމައަށް މި ވާހަކައަށް މާ ބޮޑު ޝައުގުވެރިކަމެއް ނުދެވެ އެވެ. އެކަމަކު، އައްޑޫ ދަތުރުގެ ކޮންޓެންޓް ރާވާލަން ފެށި ހިސާބުން މި ޝިޕްރެކަށް ޝައުގުވެރިކަން ދަމައިގެންފި އެވެ.
އެއީ އައްޑޫ ސިޓީގެ އެތެރެވަރީގައި، ހިތަދު އާއި މަރަދުއާ ދޭތެރޭގައި އޮންނަ ޝިޕްރެކެކެވެ. މިއީ އައްޑުއަށް ވަރަށް ހާއްސަ އަދި މަޝްހޫރު ޑައިވް ސްޕޮޓެކެވެ. އަދި މިއީ ސަރުކާރުން ހިމާޔަތްކޮށްފައިވާ، މެރިން ޕްރޮޓެކްޓެޑް ސަރަހައްދެކެވެ.
ބްރިޓިޝް ޓޭންކާ ކޮމްޕެނީން ސެޕްޓެމްބަރު 1927ގައި ބަތް "ބްރިޓިޝް ލޯޔަލްޓީ" ތެޔޮ ޓޭންކަރަކީ ދެވަނަ ބޮޑު ހަނގުރާމަ ފެށުނުތަނާހެން، 1939 ވަނަ އަހަރު، އިނގިރޭސި މަނަވަރުތަކަށް ބޭނުންވާ ތެޔޮ ރައްކާކޮށް އުފުލުމަށް ބޭނުންކުރި އުޅަނދެކެވެ.

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް -- ފޮޓޯ/ އެކުއަވެންޗާ ޑައިވް ސެންޓާ، އަކުއަވެންޗާ މޯލްޑިވްސް
ބްރިޓިޝް ލޯޔަލްޓީގެ ޅަފަތް
އޭރު އިނގިރޭސިވިލާތަކީ ވަރަށް ވަރުގަދަ، އިސްތިއުމާރީ ބޮޑު ބާރެކެވެ. ބުނެވޭ ގޮތުގައި އިނގިރޭސި އެމްޕަޔާއަށް ދުވަހަކުވެސް އިރެއް ނޯއްސޭނެ އެވެ. އެއީ "ދުވާލު ނޫން ވަގުތެއް ނުދެކޭ"، ބާރުގަދަ އިނގިރޭސިވިލާތެވެ. އެއީ، ދުނިޔޭގެ އެތަން މިތަން އަޅުވެތިކޮށް ކޮލޮނީތައް ގާއިމްކޮށްފައިވާ އިނގިރޭސިންނެވެ.
އެދުވަސްވަރު މުޅި ޔޫރަޕު އޮތީ ހަނގުރާމައިގެ ތެރޭގަ އެވެ. އެއްކޮޅުގައި ޖަރުމަނު އިސްވެ އޮވެ، އިޓަލީ އާއި ހަންގޭރީ އާއި ރޮމޭނިއާގެ އިތުރުން ޖަޕާނުވެސް އެއްބައިވެގެން މުޅި ދުނިޔެއާ ތަޅާފޮޅަނީ އެވެ. އަނެއް ކޮޅުގައި ބާރުގަދަ ގައުމުތަކުގެ ގޮތު ތިބީ އިނގިރޭސީންނާއި ފަރަންސޭސީންނާއި އެމެރިކާ އަދި ރޫސީންނެވެ. އެމީހުންގެ ފަހަތުން ޖަރުމަނާ ހަނގުރާމަކުރަން ޔޫރަޕުގެ ކުދި ގައުމުތަކާއި އޮސްޓްރޭލިއާވެސް އުޅުނެވެ.
ބިމާއި ކަނޑާއި ވައިގެ ސަރަހައްދުތައްވެސް އެ ދުވަސްވަރު ރައްކާތެރިއެއް ނޫނެވެ.

ބްރިޓިޝް ލޯޔަލްޓީ ޝިޕް -- ފޮޓޯ/ ބްރިޓިޝް ޕެޓްރޯލިއަމް އާކައިވް

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް -- ފޮޓޯ/ އެކުއަވެންޗާ ޑައިވް ސެންޓާ، އަކުއަވެންޗާ މޯލްޑިވްސް
ކޮންމެއަކަސް ބްރިޓިޝް ލޯޔަލްޓީއިން އޭގެ ޒިންމާތައް ފުރިހަމަ ގޮތުގައި އަދާކުރަމުން ދަނިކޮށް، 1940 ފެބްރުއަރީ ތިންވަނަ ދުވަހު ބިރުވެރި ހާދިސާއަކާ ދިމާވި އެވެ. ސްކޮޓްލެންޑް ކައިރިން ނޯތު ސީގައި އުޅެނިކޮށް ޖަރުމަނުގެ އެއާކްރާފްޓެއް އައިސް ހަމަލާ ދިނުމަށް މަސައްކަތްކުރި އެވެ. އެ ބޯޓަށް އަމާޒުކޮށް ހައެއްކަ ބޮން ވައްޓާލި އެވެ. ނަސީބު ދިމާކުރި ގޮތުން ބްރިޓިޝް ލޯޔަލްޓީއަށް ބޮމުގެ އަސަރެއް ނުކޮށް ސަލާމަތްވި އެވެ. ބޮންތައް ވެއްޓުނީ ކަނޑަށެވެ.
އެކަމަކު އެ އެއާކްރާފްޓުން މެޝިން ބަޑި ބޭނުންކޮށްގެން ދިން ހަމަލާތަކެއް، ބްރިޓިޝް ލޯޔަލްޓީއަށް އެރި އެވެ. ވަޒަންތައް ބޯޓުގެ އެތަން މިތަން ފޫއަޅުވާލި އެވެ. އެ ދުވަހު ބްރިޓިޝް ލޯޔަލްޓީ ސަލާމަތްވީ ރޯޔަލް އެއާފޯސް (އާރުއޭއެފް)ގެ މަތިންދާބޯޓެއް އައިސް، ޖަރުމަނު ބޯޓު ފައްސާލުމުންނެވެ.

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް -- ފޮޓޯ/ އެކުއަވެންޗާ ޑައިވް ސެންޓާ، އަކުއަވެންޗާ މޯލްޑިވްސް

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް -- ފޮޓޯ/ އެކުއަވެންޗާ ޑައިވް ސެންޓާ، އަކުއަވެންޗާ މޯލްޑިވްސް
ދެއަހަރު ފަސް
ސްރީލަންކާގެ ޓްރިންކޮމަލީ ބަނދަރުގައި އޮވެފައި 1942 މޭ މަހުގެ ތެރޭގައި ބްރިޓިޝް ލޯޔަލްޓީ އައީ މަޑަގަސްކަރައިގެ ޑިއޭގޯ ސުއަރޭޒް ބަނދަރަށެވެ. މަޑަގަސްކަރައަކީ އޭރު އިނގިރޭސީންނާ އެއްބައިވެ ފްރާންސްގެ "ޕްރޮޓެކްޓަރޭޓް" ދައުލަތެއްގެ ގޮތުގައި އޮތް ޖަޒީރާ އެކެވެ. އަދި އެ ބަނދަރުގައި، އިނގިރޭސި މަނަވަރެއް ކަމަށްވާ، އެޗްއެމްއެސް ރެމިލީސްވެސް ބަނދަރުކޮށްގެން އޮތެވެ.
އެ މަހުގެ 29 ވަނަ ދުވަހު "ގޮތް ނޭނގޭ" އެއާކްރާފްޓެއް އެ ސަރަހައްދުން ފެނި، ބަނދަރުގައި އޮތް އިނގިރޭސި މަނަވަރަށް ނުރައްކާ ހީވެއްޖެ އެވެ. އަދި ނަގިލި ނަގައި، ޑިއޭގޯ ސުއަރޭޒް ބަނދަރު ބޭރުގައި އެކި ކޮޅުކޮޅަށް އެނބުރި އެނބުރިފައި އަނެއްކާވެސް އައިސް ނަގިލި ވައްޓާލި އެވެ. އެކަމަކު މި އެއާކްރާފްޓު ފެނުމަކީ ބްރިޓިޝް ލޯޔަލްޓީއަށް މާ ބޮޑު ކަމަކަށް ނުވި އެވެ.

އިނގިރޭސި މަނަވަރު އެޗްއެމްއެސް ރެމިލީސް -- ފޮޓޯ/ އިމްޕީރިއަލް ވޯ މިއުޒިއަމްގެ އަރުޝީފު

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް -- ފޮޓޯ/ އެކުއަވެންޗާ ޑައިވް ސެންޓާ، އަކުއަވެންޗާ މޯލްޑިވްސް
ނަމަވެސް ހަގީގަތުގައި އެއީ ނުރައްކަލުގެ އިންޒާރެކެވެ. އެއީ އިދިކޮޅުގައި އޮތް ޖަޕާނުގެ ސަބްމެރީންތަކަށް މައުލޫމާތު ފޯރުކޮށްދޭ ޖާސޫސްކުރާ ބޯޓެކެވެ.
ޖެހިގެން އައި ދުވަހު، ޖަޕާނު ސަބްމެރިންގެ "މިޖެޓް ސަބްމެރިން"އެއް ޑިއޭގޯ ސުއަރޭޒް ބަނދަރަށް ވަދެގަތެވެ. އަދި އަމާޒުކޮށްލި ޓޯޕީޑޯއެއް ގޮސް އެރީ ހުށިޔާރުވެ އޮތް އިނގިރޭސި މަނަވަރު އެޗްއެމްއެސް ރެމިލީސްއަށެވެ. އިސާހިތަކު މަނަވަރުގައި 30 ފޫޓުގެ ބޮޑު ބާގަނޑެއް ހެނދުނެވެ. އަދި އެ މަނަވަރުން ކަރަންޓާއި މުވާސަލާތީ ހިދުމަތްތައް ކެނޑުނެވެ. ނަމަވެސް އަޑިއަކަށް ނުދެ އެވެ.
ކަންކަން ގޯސްވުމުން ބަނދަރުގައި އޮތް ބްރިޓިޝް ލޯޔަލްޓީ ވަގުތުން ބަނދަރުން ނުކުންނަން ނިންމި އެވެ. އަވަހަށް ނަގިލި ނަގައި، ބޯޓު ދުއްވާލިތަނާހެން، އެ ބަނދަރަށް ވަދެގަނެގެން އުޅުނު ޖަޕާނު ސަބްމެރިން އިން ފޮނުވާލި ދެވަނަ ޓޯޕީޑޯއެއް އަމާޒުވީ ބްރިޓިޝް ލޯޔަލްޓީއަށެވެ. މިއީ ހަގީގަތުގައި މަނަވަރަށް އަމާޒުކުރި ދެވަނަ ޓޯޕީޑޯ އެވެ. އެކަމަކު، އެ ޓޯޕީޑޯ އަމާޒުވީ ބްރިޓިޝް ލޯޔަލްޓީ ދުއްވާލި ވަގުތު އެ ބޯޓަށެވެ.

ބްރިޓިޝް ލޯޔަލްޓީ ޝިޕް -- ފޮޓޯ/ ލައިބްރެރީ އޮފް ކޮންޓެމްޕޮރަރީ ހިސްޓްރީ، ސްޓަޓްގާޓް

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް -- ފޮޓޯ/ އެކުއަވެންޗާ ޑައިވް ސެންޓާ، އަކުއަވެންޗާ މޯލްޑިވްސް
އެއާއެކު އޭރު ބޯޓުގެ ވެރިއަކަށް ހުރި، ވެސްޓެލްގެ ނަމަކަށް ކިޔާ ބޭފުޅެއްގެ އަމުރަށް ހުރިހާ ފަޅުވެރިން ކުދި ބޯޓުތަކުގައި އުޅަނދުން ފައިބަން ފަށައިފި އެވެ. ޓޯޕީޑޯގެ ހަމަލާއާއެކު ބްރިޓިޝް ލޯޔަލްޓީ، ޑިއޭގޯ ސުއަރޭޒް ބަނދަރަށް އަޑިއަށް ދާންފެށި އެވެ. އެއީ އެ ބޯޓުގައި އެވަގުތު ތިބި ފަސް ފަޅުވެރިންނާވެސް އެކުގަ އެވެ. އެގޮތުން 67 މީޓަރު އަޑިއަށް އެ ބޯޓު ފެތުނެވެ.
މަރާމާތަށްފަހު އައްޑޫއަށް
ބްރިޓިޝް ލޯޔަލްޓީ މަޑަގަސްކަރައިގެ ބަނދަރަކަށް ފެތުމާއެކު އިނގިރޭސި ނޭވަލް އޮތޯރިޓީސްއިން، އެ ބޯޓުގެ ފަޅުވެރިން އަނބުރާ ގައުމަށް ފޮނުވާލި އެވެ.
ބްރިޓިޝް ލޯޔަލްޓީ އަޑިއަށް ދިޔަ އިރު އޭގައި 2،000 ޓަނުގެ މުދަލާއި 1،800 ޓަނުގެ ތެޔޮ ހުރުމުން، އެތަކެތި ނެގުމަށްޓަކައި އިނގިރޭސި ޑައިވަރުން މަސައްކަތް ފެށި އެވެ. ބޯޓު އަލުން ފުންކޮށް، މަރާމާތަށްފަހު ބޭނުންކުރެވިދާނެކަން ހާމަވެގެން ދިއުމުން އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެކަންވެސްކޮށް ނިންމާލައިފި އެވެ. އަދި ތެޔޮ ރައްކާކުރާ ޓޭންކަރެއްގެ ގޮތުގައި ބޭނުންކުރުމަށް އިނގިރޭސި ރޯޔަލް އެއާފޯސްގެ ބޭސްއެއް ހަދައިގެން އުޅުނު ރާއްޖޭގެ އައްޑުއަތޮޅަށް އެ ބޯޓް ފޮނުވާލަން ނިންމި އެވެ.

ބްރިޓިޝް ލޯޔަލްޓީ ޝިޕް -- ފޮޓޯ/ ކެވިން ބްލޭއާ

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް -- ފޮޓޯ/ އެކުއަވެންޗާ ޑައިވް ސެންޓާ، އަކުއަވެންޗާ މޯލްޑިވްސް

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް -- ފޮޓޯ/ އެކުއަވެންޗާ ޑައިވް ސެންޓާ، އަކުއަވެންޗާ މޯލްޑިވްސް
ޖެހިގެން އައި 1943 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބްރިޓިޝް ލޯޔަލްޓީ އައްޑޫއަށް ދިޔަ އެވެ.
އޭރު އައްޑުއަތޮޅަކީ އިނގިރޭސި އަސްކަރީ ބޭސްއެއް ހިންގި ތަނެއް ކަމުން، އެތަނުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ އެވެ. އައްޑުއަތޮޅުގެ އެތެރެވަރިއަށް އިދިކޮޅު ސަބްމެރިންއަކަށް ނުވަދެވޭގޮތަށް، ހަތަރު ކަނޑުއޮޅީގައި ހުރީ ދާ ޖަހައި ބައްދާފަ އެވެ. ގޮވާ ޒާތުގެ ތަކެތިވެސް ހުރީ އެ ކަނޑުއޮޅިތަކުގެ ކައިރީގައި ހަރުކޮށްފަ އެވެ.
ދެވަނަ ހަމަލާ، އައްޑުއަތޮޅުގައި
ހަނގުރާމައިގެ އެންމެ ވަރުގަދަ ހަމަލާތަކުގެ ދުވަސްވަރު، 1944 ވަނަ އަހަރު، ޖަރުމަނުގެ ސަބްމެރިންއަކަށް ލިބުނު މައުލޫމާތަކީ، އިނގިރޭސިންގެ ތެޔޮ ޓޭންކަރު ބްރިޓިޝް ލޯޔަލްޓީ އައްޑޫ ވިލިނގިލި ކައިރީގައި ނަގިލި އަޅައިގެން އޮތްކަމުގެ މައުލޫމާތެވެ.
މާޗް، 9، 1944 ގައި ވިލިނގިލި ކައިރީގައި އަޅާފައި އޮތް ބްރިޓިޝް ލޯޔަލްޓީއަށް ޖަރުމަނުގެ ސަބްމެރިންއަކުން ޓޯޕީޑޯ ހަމަލާއެއް ފޮނުވާލައިފި އެވެ. އެ ހަމަލާ ފޮނުވާލީ، ގަމާ ދިމާލުން އޮންނަ ކަނޑުއޮޅި ބެއްދުމަށް ޖަހާފައި އޮތް ސަލާމަތީ ދާގަނޑުގައި ހެދިފައިވާ ބާގަނޑެއްގެ ތެރެއިން ވަރަށް ހުށިޔާރުކަމާއެކު ކަމަށްވެ އެވެ.

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް -- ފޮޓޯ/ އެކުއަވެންޗާ ޑައިވް ސެންޓާ، އަކުއަވެންޗާ މޯލްޑިވްސް
ޖަރުމަނުގެ ޓޯޕީޑޯ ގޮސް ބްރިޓިޝް ލޯޔަލްޓީއަށް އަރައި، އެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގައިވާ ތެޔޮ ރައްކާކުރާ ބޮޑު ޓޭންކެއް ހަލާކުވި އެވެ. އަދި އެ އުޅަނދުގެ އިންޖީނު ރޫމެއް ބޭނުން ނުކުރެވޭ، އަދި ދެން އިތުރަށް މަރާމާތުވެސް ނުކުރެވޭނެ ވަރަށް ހަލާކުވި އެވެ.
ނަމަވެސް އެ އުޅަނދުގެ ވެރިއަކަށް ހުރި ފަރާތުގެ އެދުމުގެ މަތިން، ބޯޓު އަޑިއަށް ނުދާނެ ގޮތަށް ވަގުތުން ހަދައި، ހައްލެއް ހޯދި އެވެ. ހޯދި ހައްލަކީ، ހަލާކުވެ ތެޔޮތައް ލީކުވަމުން ދިޔަ ޓޭންކަށް އެހެން ޓޭންކުތަކުން ތެޔޮ ޕަމްޕުކޮށް، ބެލެންސް ހިފެހެއްޓުމެވެ.
ބްރިޓިޝް ލޯޔަލްޓީ ފައްތާލުން
އެ ހަމަލާ ދިން އިރު އެ ބޯޓުގައި ލައްކަ ސާމާނު ހުއްޓެވެ. އެގޮތުން 6،400 ޓަނުގެ ތެޔޮ އަދި 43،200 ގެލަނުގެ އޮކްޓޭން ފިއުލް ހުރި ކަމަށް ލިޔުންތަކުން ދައްކަ އެވެ. އަދި ބޯޓަށް ލިބުނު ގެއްލުމުގައި އެއް ޓޭންކަކަށް ލޮނުވަދެ އޭގައި ހުރި 990 ޓަނުގެ ތެޔޮ ތަގައްޔަރުވި އެވެ. ބްރިޓިޝް ލޯޔަލްޓީގައި ހުރި، ބޭނުންކުރެވޭ ޒާތުގެ ތެޔޮ ޕަމްޕުގެ އެހީގައި ގަމުގައި ހުރި ތާންގީ ތަކަކަށް ހުސްކުރި އެވެ.
އެހެން ނަމަވެސް އޮކްޓޭން ފިއުލް ރައްކާކުރާނެ ވަސީލަތެއް ގަމުގައި ނެތުމުން އެ ތެޔޮތައް ހުސްނުކޮށް ބޯޓުގައި ބެހެއްޓީ އެވެ. ނަމަވެސް، ބްރިޓިޝް ލޯޔަލްޓީގައި އޭރު ހުރި ކޯލް (ބޯޓުދެލި)ވެސް ގަމަށް ހުސްކުރި ކަމަށްވެ އެވެ.

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް -- ފޮޓޯ/ އެކުއަވެންޗާ ޑައިވް ސެންޓާ، އަކުއަވެންޗާ މޯލްޑިވްސް
މި ހާދިސާގައި އައްޑުއަތޮޅު އެތެރެވަރީގެ ކަނޑުތަކަށް ގިނަ އަދަދަކަށް ތެޔޮ އެޅި، ކަނޑު ތަގައްޔަރުވި އެވެ. އަދި ގިނަ އަދަދެއްގެ މަހާއި ކޯމަސް މަރުވެ އެކި ސަރަހައްދުތަކަށް ލެއްގި ކަމަށް އައްޑޫގެ އެކި މީހުންބުނެ އެވެ.
މި ހަމަލާގައި ލިބުނު ގެއްލުމުގެ ސަބަބުން، ހަނގުރާމަ ނިމެންދެން އައްޑުއަތޮޅުން ބްރިޓިޝް ލޯޔަލްޓީ ނުނެރުމަށް ނިންމި އެވެ. އަދި މާޗު، 27، 1944 ވަނަ ދުވަހު އިނގިރޭސި ކަމާ ބެހޭ ފަރާތުން ބްރިޓިޝް ލޯޔަލްޓީގެ ވެރީންނަށް ފޮނުވި ޓެލެގްރާފެއްގައި ބުނެފައިވަނީ، އެ ބޯޓު މަރާމާތަށް އެހެން ބަނދަރަކަށް ކަފުޖަގައިގެން ގެންދިއުމަކީ ފައިދާހުރި ކަމެއް ކަމަށް ނުފެންނަ ކަމަށެވެ. އެހެން ކަމުން، އައްޑުއަތޮޅުގައި ބާއްވައިގެން ކުރެވުނު މަރާމާތެއް ކޮށް، ވިލިނގިލި ކައިރީގައި އެ ބޯޓު ބޭއްވީ އެވެ.
ހަނގުރާމައަށްފަހު، އައްޑުއަތޮޅު ހިތަދޫއާ ދިމާލަށް ބްރިޓިޝް ލޯޔަލްޓީ ގެންދިޔަ އެވެ. އެއީ 15 ޖެނުއަރީ 1946 ގައެވެ. އެއަށްފަހު ބްރިޓިޝް ލޯޔަލްޓީގެ ބޭނުން ކެނޑުނީ އެވެ. އައްޑޫގައި އުޅުނު އިގިރޭސީން، އެ ފަހުން އެ ބޯޓު ބޭނުންކުރީ އަމާޒަށް ބަޑިޖަހަން ދަސްކުރަން ބޭނުންކުރާ އަމާޒެއްގެ ގޮތުގަ އެވެ.
މިހެން ގޮސް އެ ވަޒަންތަކާއި ހަމަލާތަކަށް "ކެތްކޮށްލައިގެން" އޮތް ބްރިޓިޝް ލޯޔަލްޓީ، ހިތަދޫއާއި މަރަދޫއާ ދެމެދުގެ ސަރަހައްދަކަށް އެންމެ ފަހުން އަޑިއަށް ދިޔައީ އެވެ. ހަގީގީ ބޭނުން ކެނޑިފައި އޮތް ނަމަވެސް އެންމެ ފަހު ވަގުތުގައިވެސް އެ ބޯޓު އޮތީ އިނގިރޭސީންނަށް އިޚުލާސްތެރިވެ، ޚިދުމަތުގަ އެވެ.
މިހާރު ދިރުމުން ފުރިފައި!
ބްރިޓިޝް ލޯޔަލްޓީ 1940ގެ ފަހުކޮޅު އަޑިއަށް ދިޔުމާ އެކު، އައްޑުއަތޮޅުގެ ކަނޑު ވަރަށް ބޮޑަށް ތަޣައްޔަރުވެ، ދިރުންތައް ނެތިގެން ދިޔަ އެވެ.


ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް -- ފޮޓޯ/ އެކުއަވެންޗާ ޑައިވް ސެންޓާ، އަކުއަވެންޗާ މޯލްޑިވްސް
އެހެން ނަމަވެސް، އަޑިއަށް ގޮސްފައިވާ 134 މީޓަރުގެ ބްރިޓިޝް ލޯޔަލްޓީގެ ހުރިހާ ދިމާލެއްގައިވެސް މިހާރު ވަނީ ދިރުމެވެ. އެ ބޯޓުގެ ސްޓްރަކްޗާގައި މުރަކަ އާލާވެ ފަރެއް ވަނީ ހެދިފަ އެވެ. ބޯޓުގެ އެތެރޭގައި ގިނަ އަދަދެއްގެ މަސްމަހާމެހި އުޅެ އެވެ. އަދި ވެލާ ކަހަނބުވެސް ވަރަށް ގިނައިން އެތަނުން ފެނެ އެވެ.
ކަނޑުގެ 33 މީޓަރު އަޑީގައި އޮތް މި ބޯޓަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޝިޕްރެކެވެ. މިއީ ޑައިވްކުރާ މީހުންް ވަރަށް ޝައުގުވެރިވާ ތަނެކެވެ. އަދި ގިނަ އަދަދެއްގެ ޑައިވަރުން ކަމާ ކަން ފަށައި އެތަން ބެލުމަށް އައްޑޫއަށް ގޮސް އުޅެ އެވެ.
އެތަނަށް ޑައިވް ކުރި އައްޑޫގެ ޑައިވަރަކު ބުނީ ބްރިޓިޝް ލޯޔަލްޓީ ފެތުނު ފަހުން 78 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވުމުގެ ސަބަބުން އެ ބޯޓް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ބްރިޓިޝް ލޯޔަލްޓީގެ އެތެރެއަށް ފީނުނު ނަމަވެސް، މިހާރު އެއީ ރައްކާތެރި ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އެ ބޯޓަށް ދިން ހަމަލާގެ ސަބަބުން އުފެދިފައިވާ ބޮޑު ބާގަނޑެއް އަދިވެސް ބޯޓުގައި ފެންނަން ހުންނަ ކަމަށް އޭނާ ބުންޏެވެ.
ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކަށް ފީނާލުމުން އެ ވަދެގެން ދަނީ މީގެ އެތައް އަހަރުތަކެއް ކުރީގެ ތާރީހުގެ ސޮފްހާތަކަކަށެވެ. އައްޑޫ ޒިޔާރަތް ކުރާ މީހުން މިތަނަށް ޑައިވްކޮށްލުން ވަރަށް ވެސް މުހިންމެވެ. އެކަމަކު އެކަން ކުރެވޭނީ އޯޕަންވޯޓާ ޑައިވް ސެޓްފިކެޓެއް އޮންނަ މީހަކަށެވެ. މިއީ ޑައިވްނުކޮށް ދޫކޮށްލާވަރުގެ ސްޕޮޓެއް ނޫނެވެ.