އައްޑޫ މީހެއް ކައިރީގައި މާލެއަށް އައިސް ވަޒަންވެރިވީ ކީއްވެތޯ ސުވާލުކޮށްފި ނަމަ، އޭނާގެ ބަހަނާގެ ލިސްޓްގައި ޔަގީނުން ވެސް އޮންނާނީ އެކަށީގެންވާ ސިއްހީ ހިދުމަތެއް އައްޑޫއިން ނުލިބުމެވެ. އުފަން ފަސްގަނޑު ދެކެ ވާ ލޯތްބަކުން އައްޑޫގައި އަދިވެސް ދިރިއުޅޭ މީހުންގެ ޝަކުވާއަކީވެސް ބައްޔެއްވާއިރަށް އަރާ ފުރައިގެން މާލެ އަންނަން ޖެހުމެވެ. އާދައިގެ ސްކޭނެއް ކޮށްލެވޭނެ ފަދަވެސް އަދި އެކަށީގެންވާ ގޮތެއްގައި ޓެސްޓެއް ހަނދާލެވޭނެ ގޮތްވެސް އެ ބޮޑު އާބާދީއަށް ލިބިފައި ނެތީ އެވެ. ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތެއް ލިބުމުގެ ހައްގުން އެ މީހުން މަހުރޫމްވެފައި ތިބޭތާ އެތައް ޒަމާނެއް ވޭތުވެ ހިނގައްޖެ އެވެ.
އައްޑޫގެ ސިއްހީ ނިޒާމު ބަލި އެނދުން ނެގުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރޭވީ އައްޑޫގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމްކުރާށެވެ. އެތައް މަޝްވަރާއަކާއި ދެބަސްވުމެއްގެ ތެރެއިން، އެންމެ ފަހުން ނިމުނީ ސަރަަހައްދީ ވެރިން ބައިވެރިވެގެން 2011 ގައި ބޭއްވި ސާކް ސަމިޓަށް ހާއްސަކޮށް އެޅި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ފައްކާ ކުރާށެވެ. އެންމެ ފަހުން އެތަނުގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކުރީ، ނޮވެމްބަރު 14، 2016ގަ އެވެ. ކޮންވެންޝަން ސެންޓަރެއްގެ ގޮތުގައި ހުރި އިމާރާތް ހޮސްޕިޓަކަށް ބަދަލުކޮށްލަން ހިންގި 161.8 މިލިއަން ރުފިޔާގެ މަޝްރޫއު މިހާރު ނިމުމަކާ ގާތްވެފައިވާ އިރު އެ ހޮސްޕިޓަލްގެ ދޮރު ހިދުމަތަށް ހުޅުވާލަން އޮތީ މިއަހަރުގެ ފަހުކޮޅު އެވެ.
ގްރޭޓާ މާލެއިން ބޭރު ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް
އައްޑޫގެ ރައްޔިތުންގެ ސިއްހީ ހިދުމަތުގައި ހުޅުވޭ އާ ބާބެއްގެ އިތުރުން މިއީ މުޅި ރާއްޖޭގެ ސިއްހީ ހިދުމަތަށްވެސް މުޅިން އާ ޒާތެއްގެ ކަމެކެވެ. ގްރޭޓާ މާލެއިން ބޭރުވެ މިހާ ބޮޑު ހޮސްޕިޓަލެއް މިހާ ގިނަ ހިދުމަތްތަކާ އެކު ހުޅުވޭ މިއީ، ފުރަތަމަ ފަހަރެވެ. މި ހޮސްޕިޓަލުގެ ބޮޑުކަމުން މިކަން ވާނެތޯ ބައެއް މީހުން ސުވާލު ކުރަނީ ވެސް އެހެން ވެގެން އެވެ.
ހިތަދޫގެ އަލަށް އާބާދުވާ ސަރަހައްދުގައި ސާކް ސަމިޓަށް ހާއްސަކޮށް ފައްކާކޮށްފައިވާ ދެ ބުރީގެ ހިތްގައިމު ކޮންވެންޝަން ސެންޓަރުގައި ހަދާ "އިކުއަޓޯރިއަލް ހޮސްޕިޓަލަ"ށް ޓުއާއެއް ލިބުނީ، "ސަން ރަށަށް" ސިލްސިލާގެ ދަށުން އައްޑޫއަށް ކުރިދަތުރުގެ ތެރެއިންނެވެ. ހޮސްޕިޓަލަށް ވަދެގެން ދާ ވޯކްވޭގެ ދެ ފަރާތުގައި ފެހިގަސްތަކާއި، ހޮސްޕިޓަލްގެ އިމާރާތުގެ ވަށައިގެންވާ ޕޮންޑްތަކުން އެ ހޮސްޕިޓަލަށް އަންނަ ބަލިމީހުންނަށް އިތުރު ހިތްހަމަޖެހުމެއް ގެނެސްދޭނެ އެވެ. މިއީ ރާއްޖޭގައި ހުރި އެންމެ ހިތްގައިމު ހޮސްޕިޓަލަށް ވާނެކަން ޔަގީނެވެ.
އެ ހޮސްޕިޓަލްގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ، އެމްއާރުއައި އާއި ސީޓީ ސްކޭނާއި އިމަޖެންސީ ހިދުމަތްތަކާއި ދެ ތިއޭޓަރު އަދި ލެބޯރެޓްރިއަށެވެ. އަދި މަތީ ފްލޯ ހާއްސަކޮށްފައި ވަނީ، ޕްރައިވެޓް ކޮޓަރިތަކުގެ އިތުރުން އައިސީޔޫއާއި ތިން އޮޕަރޭޝަން ތިއޭޓަރާއި ވޯޑުތަކާއި ޑޮކްޓަރުންނާއި ނަރުހުންގެ ކޮޓަރިތައް އަދި ލޮބީއަކަށެވެ.
އެ އިމާރާތަށް ގެނައި ބަދަލުގެ ތެރެއިން، ކޮންވެންޝަން ސެންޓަރާ އިންވެގެން ކަހަލަ ގޮތަކަށް ހޮސްޕިޓަލްގެ އިދާރީ މަސައްކަތަށް ހިންގުމަށް ވަނީ އިމާރާތެއް ހަދައިފަ އެވެ. އަދި އެތަނުގެ ހުސްތަނުގައި މިސްކިތެއް ވެސް ވަނީ ހަދައިފަ އެވެ.
ހޮސްޕިޓަލެއްގެ ގޮތުގައި ބަދަލުކޮށް ހިދުމަތް ދެވޭނެ ގޮތަށް ކޮންވެންޝަން ސެންޓަރު އިމާރާތަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ހުރީ އެއްކޮށް ނިމިފަ އެވެ. އަދި ހޮސްޕިޓަކަށް ބޭނުންވާ އެކި ސާމާނުތައް މިހާރު ވަނީ ގެނެސް، އިމާރާތުގެ ތެރޭގައި ރައްކާކޮށްފަ އެވެ. ދެން އޮތް މަރުހަލާއަކީ، އެތަކެތި ރޭވުމުގެ އިތުރަށް، އިމާރާތުގެ ފުރާޅު ބަދަލުކުރުމުގެ މަސައްކަތެވެ. އަދި ފަރުނީޗަރު ގެންނަން ވެސް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.
އެ މަޝްރޫ ހިންގަނީ އެކަމަށް ހާއްސަކޮށް ކަނޑައެޅި ބަޖެޓެއްގެ ތެރެއިން ކަމަށް ވުމުން މަސައްކަތްތަކަށް ހުއްޓުމެއް ނައިސް، ޝެޑިއުލްއާ އެއްގޮތަށް އަދި ދަނީ ކުރިއަށެވެ. އެއާ އެކު އައްޑޫ ރައްޔިތުންނަށް އަނެއްކާ ވެސް ގެނެސްދެނީ އިތުރު އުންމީދުތަކެކެވެ.
ދެކުނަށް އެންމެ މަތީ ފެންވަރުގެ ހިދުމަތް
ހޮސްޕިޓަލެއްގެ އަސްލު ރީތިކަމަކީ، އެތަނުން ލިބޭ ހިދުމަތާއި ފަރުވާގެ ފެންވަރު ރަނގަޅުވުމެވެ. ހެލްތު މިނިސްޓްރީއިން ޔަގީންކަން ދޭ ގޮތުގައި މިއީ، އައްޑޫގައި މިހާތަނަށް ނުލިބޭ ވަރުގެ ސިއްހީ ހިދުމަތް ދޭނެ ހޮސްޕިޓަލެކެވެ. އައްޑޫގެ ރައްޔިތުންގެ ޒަމާންވީ ޝަކުވާތަކަށް މި ހޮސްޕިޓަލުން ހައްލު ގެނެސްދޭނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވަ އެވެ.
ހޮސްޕިޓަލް ފަރުމާކޮށްފައި ހުރީ، ހާއްސަ ބަލިތަކަށް ފަރުވާދޭ 20 ޑިޕާޓްމަންޓް ހިންގޭ ގޮތަށެވެ. މި ހޮސްޕިޓަލުގެ ހިދުމަތްތައް ބަހާލާފައި ވަނީ؛ ކާޑިއޮލޮޖީ ޑިޕާޓްމަންޓު، ޑަޔަލިސިސް ޔުނިޓު، އެންޑޯސްކޮޕީ، ކަށީގެ ޑިޕާޓްމަންޓު، ފިޒިއޮތެރަޕީ ޑިޕާޓްމަންޓު، އީއެންޓީ ޑިޕާޓްމަންޓު، ނަފުސާނީ ފަރުވާ، އެންއައިސީޔޫ، ކުޑަކުދިންގެ ޑިޕާޓްމަންޓު، ލޮލަށް ލޭޒާ ދިނުމުގެ ފަރުވާ، ޕަބްލިކް ހެލްތު ޑިޕާޓުމަންޓު، ގައިގައިން ނާރާ ބަލިތަކާ ބެހޭ ޑިޕާޓްމަންޓަށެވެ.
މީގެ އިތުރުން، ސީޓީ ސްކޭންއާއި މެމޯގްރާމްއާއި ފިޒިއޮތެރަޕީއާއި ޑަޔަލިސިސްއާއި އެންޑޯސްކޯޕީ އަދި ސައިކޭޓްރިކް ހިދުމަތްވެސް މިތަނުން ދިނުމަށް ވަނީ ރާވާފަ އެވެ.
މި ހުރިހާ ހިދުމަތެއް އެންމެ ފައްކާކޮށް ދިނުމަށް، ގާތްގަނޑަކަށް 51 ޑޮކްޓަރުންނާއި 340 ނަރުހުން އަދި 12 ޕަބްލިކް ހެލްތު އޮފިސަރުން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ހެލްތު މިނިސްޓްރީއިން ވަނީ ހޯދަން ފަށައިފަ އެވެ.
މިހާ ބޮޑު ވޯކްފޯސްއެއް ބޭނުންވަނީ، އެ ހޮސްޕިޓަލް ފައްކާކޮށްފައި ވަނީ ދެކުނުގެ ސަރަހައްދުގެ ސިއްހީ ހިދުމަތަށް ހެޔޮ ބަދަލެއް ގެނައުމުގެ ބޮޑު އަމާޒުގައި ކަމަށްވާތީ އެވެ. އެ ހޮސްޕިޓަލް އެހާ މެގަ އޮޕަރޭޝަނަކަށް ފައްކާ ކުރަމުން ދަނީ ސިއްހީ ފަރުވާ ހޯދުމަށް ދެކުނު އަތޮޅުތަކުގެ މީހުން މާލެ އައުމުގެ ބަދަލުގައި ސީދާ އައްޑޫއަށް ހިދުމަތް ހޯދުމަށް ދާން ޖެހޭ ގޮތަށް އަމާޒުކޮށްގެންނެވެ.
އެ ބަދަލަށް ތައްޔާރު ކުރާ މި ހޮސްޕިޓަލްގައި ޖުމްލަ ފަސް ތިއޭޓަރާއި، ބަލި މީހުން ބަލަން ގާތްގަނޑަކަށް 33 ކޮޓަރި ހުރެ އެވެ. އަދި، އައިސީޔޫގައި 10 އެނދު ހުންނައިރު، އާންމު ކޮންމެ ވޯޑެއްގައި 6-4 އެނދު ހުންނާނެ އެވެ. އަދި މިވަގުތަށް ޕްރައިވެޓް ހަ ކޮޓަރި ހުރިއިރު، ސަރުކާރުން ވިސްނަނީ އެ އަދަދު 14 އަށް އިތުރު ކުރާށެވެ. އަދި ހޮސްޕިޓަލްގައި ޖުމްލަ ފަސް ލިފްޓު ހުރެ އެވެ.
މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ފަށާ، ސިއްހީ މި މެގަ އޮޕަރޭޝަނާ އެކު މިއީ މުޅި ދެކުނުގެ ސިއްހީ ހިދުމަތަށް އަންނާނެ އިންގިލާބީ ބަދަލަކަށް ވާނެ އެވެ.
އާ ތަޖުރިބާއެއް، ފަސޭހައެއް ނުވާނެ
ގްރޭޓާ މާލޭ ސަރަހައްދުގައި ހުރި އައިޖީއެމްއެޗާއި، އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ލިބޭ ހުރިހާ ހިދުމަތަކާއެކު އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލް މި ފައްކާވަނީ ސިއްހީ ހިދުމަތުގެ އިންގިލާބީ ބަދަލަކަށެވެ. އައްޑޫ ހިމެނޭ ގޮތުން ދެކުނުގެ ސިއްހީ ހިދުމަތަށް މި އަންނަ ބޮޑު ބަދަލުގެ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫނެވެ.
ބައެއް މީހުންގެ އެންމެ ބޮޑު ސުވާލަކީ މިހާ ބޮޑު ހޮސްޕިޓަލެއް މާލެއިން ބޭރުގައި ހިންގިދާނެ ހެއްޔެވެ؟ އެ ސުވާލު އުފެދެނީ ހޮސްޕިޓަލްގެ ބޮޑުކަމާ ހުރެ ހަރަދު ބޮޑުވުމާއި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކޮށްގެން އެކަން ކުރަން މިހާރުވެސް ބޮޑު ހަރަދެއް ހިނގާފައި ވާތީ، ހޮސްޕިޓަލް ހިިންގުމުގެ ހަރަދު ބޮޑުވާނެ ކަމަށް ބެލެވޭތީ އެވެ. ކޮންވެންޝަން ހޯލުތައް ހުރިތަނެއް ހޮސްޕިޓަލަކަށް ބަދަލު ކުރި ނަމަވެސް، އޮޕަރޭޝަންގެ ގޮތުން ދަތިތަކެއް ހުރުމަކީ ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖެވެ.
އެހެން ނަމަވެސް، އައްޑޫއަށް ނިސްބަތްވާ ޑޮކްޓަރެއްގެ މި ހޮސްޕިޓަލާ މެދު ހުންނެވީ ވަރަށް ވެސް ޕޮޒިޓިވް ވިސްނުމެކެވެ. ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭ، ޓާޝަރީ ހޮސްޕިޓަލެއް އައްޑޫގައި ހުރެގެން ދެކުނު އަތޮޅުތަކުގެ މީހުން އައްޑޫއަށް ގޮސް ފަރުވާ ހޯދާނަމަ، އެ ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ފީސިބިލްކޮށް ކުރިއަށް ގެންދެވޭނެ އެވެ. އަދި ރަނގަޅު ސިއްހީ ހިދުމަތެއް އޮތް ތަނަކަށް އެންމެންވެސް ދާނެކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"މާލޭގެ ހޮސްޕިޓަލްތައް ފީސިބިލް ކުރަނީ އަތޮޅުތަކުން މީހުން ގެނެސްގެން. ހަމަ އެގޮތަށް އައްޑޫގައި އެއޮތް ބޮޑު އާބާދީ އާއި ދެކުނު އަތޮޅުތަކުން މީހުން ފަރުވާ ހޯދަން އައްޑުއަށް ދަންޏާ އެ ކަނެކްޓިވިޓީ ހެދިއްޖިއްޔާ މީހުން ދާނެ. މީހުން ބޭނުންވަނީ ރަނގަޅު ސިއްހީ ފަރުވާ. ދިވެހިން ބޭރަށް ވެސް އެބަދޭ ސިއްހީ ފަރުވާ ހޯދަން. ދެން އެހެންވިއްޔާ އައްޑޫއަށް ކީއްވެތޯ ނުދާންވީ،" އެ ޑޮކްޓަރު ވިދާޅުވި އެވެ.
އަލަށް ކޮންމެ ކަމެއް ފަށާއިރުވެސް ގޮންޖެހުންތައް ހުންނާނެ އެވެ. އެގޮތުން، އައްޑޫގެ އިކުއަޓޯރިއަލް ހޮސްޕިޓަލަކީ ވެސް މިފަދަ މަސައްކަތަކަށް ވާނެ އެވެ. އެކަމަކު މިއީ، އައްޑޫގެ ރައްޔިތުންގެ ޒަމާންވީ ޝަކުވާއަށް އަންނާނެ ނިމުމެކެވެ. މިއީ ބަލި އެނދުގައި އޮތް އައްޑޫގެ ސިއްހީ ނިޒާމަށް ލިބޭނެ ފަރުވާއެކެވެ. ދެކުނު އަތޮޅުތަކުގެ ސިއްހީ ނިޒާމަށް ގެނެސްދޭ އުންމީދާއި އާރޯކަމަކީ، އައްޑޫގެ ހިތަދޫގައި ހުޅުވަން ފައްކާވެފައި މި ހުރި އިކުއަޓޯރިއަލް ހަސްފަތާލެވެ.