މާލޭގައި ބޮޑެތި ވިޔަފާރިތައް ހިންގާ ނަން މަޝްހޫރު ގިނަ ވިޔަފާރިވެރިން ނިސްބަތްވަނީ އައްޑޫއަށެވެ. މާލެއަށް ހިޖުރަކޮށް އެ މީހުންގެ ބޮޑެތި ވިޔަފާރިތައް ގްރޭޓާ މާލޭ ސަރަހައްދުގައި ފުޅާކޮށް، އޭގެ ތެރެއިން ގިނަ ވިޔަފާރިތަކަކީ މިހާރު ރާއްޖޭގެ ނަން މަޝްހޫރު ބްރޭންޑްތަކެވެ. މި ނޫނަސް، ކުދި ވިޔަފާރިތަކުގައި ވެސް އައްޑޫ ވިޔަފާރިވެރިންގެ ނުފޫޒު ވަރަށް ގަދަ އެވެ. މިވާހަކައިގެ ތެރެއިން އުފަންވާ ބޮޑު ސުވާލަކީ ފުރުސަތުތައް އޮތް އެ މީހުންގެ އުފަން ސިޓީ ދޫކޮށް ގްރޭޓާ މާލޭގައި ވިޔަފާރިތައް ފައްކާކޮށް ބޮޑު ކުރަމުން އެދަނީ ކީއްވެ ހެއްޔެވެ؟ އައްޑޫއަށް އެ މީހުން އެނބުރި ދިއުމުގެ ވިސްނުމެއް ނެތީ ހެއްޔެވެ؟
"ސަން ރަށަށް" ސިލްސިލާގެ ދަށުން "ސަން"ގެ ޓީމަކުން މި ސިޓީއެއް ކުރި ތިން ދުވަހުގެ ދަތުރުގެ ތެރޭގައި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު ދެއްވި ހާއްސަ އިންޓަވިއުގައި އޭނާ ވިދާޅުވި ގޮތުގައި އައްޑޫގެ ވިޔަފާރިވެރިން މާލެއަށް ހިޖުރަކޮށް އެ މީހުންގެ ވިޔަފާރިތައް މާލޭގައި ފައްކާކުރަނީ، ބޮޑެތި އިގްތިސާދީ ފުރުސަތުތައް އޮތްތަނެއްގައި އިންވެސްޓް ކުރުމުގެ ބޭނުމުގައި ކަމަށެވެ. އައްޑޫގައި މާބޮޑަށް ވެސް އިގްތިސާދީ ހަރަކާތްތައް މަދީ އެވެ. ސޯބެ ގަބޫލު ކުރައްވާ ގޮތުގައި، އައްޑޫގައި އިންވެސްޓް ކުރަން ޖެހޭ ސަބަބުތަކެއް އެއްވެސް ސަރުކާރަކުން ފަހިކޮށް ނުދެނީ އެވެ. އެ އިހުލާސްތެރިކަން ނެތީ އެވެ. ނަތީޖާއަކަށް ވަނީ އައްޑޫގެ ވިޔަފާރިވެރިން ވެސް އައްޑޫއަށް އަޅާނުލައި ގްރޭޓާ މާލޭ ސަރަހައްދުގައި އިންވެސްޓްމަންޓްތައް ފުޅާކުރުމެވެ.
"ގެސްޓްހައުސްއަކަށް ބިން ދޫނުކުރޭ. އެއާޕޯޓަށް ވާނުވާއެއް ނޭނގޭ. މިތަނުން ފުރުސަތު ލިބެން ޖެހޭ. އެއީ ރައްޔިތުން މި ދައްކާ ވާހަކަ އަކީ،" ސޯބެ ވިދާޅުވި އެވެ. "ފުރުސަތު ނެތި ވިޔަފާރިވެރިން ވެސް މިތަނަކަށް ނާންނާނެ. އެއީ އައްޑޫ ވިޔަފާރިވެރިން ނަމަވެސް. ވަރަށް ރަނގަޅު ވާހަކައެއް އައްޑޫ ވިޔަފާރިވެރިން މާލޭގައި ވަރަށް ގިނަ. އެކަމަކު އެ މީހުން މިތަން ދޫކޮށްފައި ދިޔައީ ފުރުސަތު ނެތިގެން،"
އައްޑޫ ސިޓީ ކައުންސިލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މުޅި އައްޑޫގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން އުޅެނީ ގްރޭޓާ މާލޭ ސަރަހައްދަށް ހިޖުރަކޮށްގެން އެވެ. ހާއްސަކޮށް ވަކިން އޮންނަ، ހުޅުމީދޫގެ އާބާދީގެ 60 ޕަސެންޓް ވަނީ މާލޭ ސަރަހައްދަށް ހިޖުރަކޮށްފަ އެވެ. ދެން މާލޭ ސަރަހައްދަށް އެންމެ ގިނައިން ހިޖުރަކުރަނީ މަރަދޫފޭދޫގެ މީހުންނެވެ.
ނަތީޖާއަކަށް ވަނީ، އައްޑޫގެ ބައެއް ސަރަހައްދުތަކަށް ފަޅުކަން އައުމެވެ. އެކަމަކު އެކަން ބަދަލުކުރުމުގެ ބާރު އައްޑޫގެ ވިޔަފާރިންނަށް ވެސް އެބަ އޮތެވެ. އެކަން އެގޮތަށް ނުވާނެ އިގްތިސާދީ މަސައްކަތްތަކަށް އިންވެސްޓް ކުރުމުގެ ޖާގަ އެބަ އޮތެވެ. އެކަމަކު ވިޔަފާރިވެރިން އެކަން ނުކުރަނީ ކީއްވެ ހެއްޔެވެ؟
އައްޑޫއަށް ނިސްބަތްވާ ވިޔަފާރިވެރިންގެ ބޮޑު ކަންބޮޑުވުމަކީ ގްރޭޓާ މާލެއަށް ހިޖުރަކުރަމުން އަންނަ އައްޑޫގެ ބޮޑު އާބާދީ އެވެ. އައްޑޫއަށް ނިސްބަތްވާ ވިޔަފާރިވެރިއަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ، އައްޑޫގައި އިންވެސްޓް ކުރަން އޮތް ހުރަހަކީ، މުސްތަގުބަލެއް ނެތުމެވެ. ވިޔަފާރިއެއް ފުޅާކުރަން ބޭނުންވާ ވަރުގެ ބޮޑު އާބާދީއެއް މުސްތަގުބަލުގައި އައްޑޫއިން ނުނެރެވުމަކީ ވަރަށް ކައިރި ސިނާރިއޯއެއްގެ ގޮތުގައި އޭނާ ލަފާކުރައްވަ އެވެ. އިގްތިސާދީ ހަރަކާތްތައް ފެށޭނީ އެތަނެއްގައި މީހުން އާބާދުވެފައިވާ ވަރަކަށެވެ. އިގްތިސާދީ ހަރަކާތްތައް ފެށެނީ މީހުންގެ ޑިމާންޑްތަކަށް ބަލައިފަ އެވެ.
އެ ވިޔަފާރިވެރިޔާ އަދި ވިދާޅުވި ގޮތުގައި، ދެން މައްސަލައަކީ ކާމިޔާބު ވިޔަފާރިއެއް ފަށަން ކޮންމެހެން ހުންނަން ޖެހޭ ޝަރުތުތައް އައްޑޫ ސިޓީގައި މަދުވުމެވެ. އައްޑޫގެ ދަތުރުފަތުރާއި އިންފްރަސްޓްރަކްޗާ އަދިވެސް ހުރީ ކުރިއަރަންވާ ވަރަށް ކުރި ނާރަ އެވެ. ނަތީޖާއަކަށް ވަނީ ވިޔަފާރިއެއް ފަަށަން ބޭނުންވާ ހަކަތަ އައްޑޫއިން ހޯދައި ނުގަނެވުމެވެ. އެ ޝައުގުވެރިކަން ވިޔަފާރިވެރިންގެ ނެތުމެވެ.
"މިސާލަކަށް އަޅުގަނޑު ވަރަށް އުޅުނީ އައްޑޫގައި ގެެސްޓްހައުސްއަކަށް އިންވެސްޓަރެއް ހޯދައިގެން ޕާޓްނަޝިޕެއްގައި އިންވެސްޓް ކުރެވޭތޯ! އެކަމަކު އޭނާ ބުނީ އަޅުގަނޑު ކައިރީ ކީއްކުރަންހޭ އައްޑޫ، މާލެ ކައިރި ރަށެއްގައި އިންވެސްޓް ކުރަންވީ ނޫން ހޭ،" އައްޑޫ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ. "ދެން އަޅުގަނޑަށް މާލެ ކައިރިން ބޮޑު ފައިދާއެއް ނެގެން އޮއްވާ ކީއްކުރަންތޯ ކޮންމެހެން ގޮސް އައްޑޫގައި އިންވެސްޓް ކުރަންވީ؟ އެތަނުގައި އިންވެސްޓް ކުރަންވީ ސަބަބެއް ނެތެއް ނޫންތޯ،"
އައްޑޫގެ މޭޔަރު ސޯބެ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި އައްޑޫގެ ވިޔަފާރިވެރިން ހިމެނޭ ގޮތުން ގިނަ ބަޔަކު ގްރޭޓާ މާލެ ސަރަހައްދަށް ބަދަލުވީ، އެކަށީގެންވާ ސިއްހީ ނިޒާމާއި ރަނގަޅު ތައުލީމުގެ ފުރުސަތާއި އަސާސީ ބައެއް ހިދުމަތްތައް ކަމަށްވާ ކަރަންޓުގެ ހިދުމަތާއި ނަރުދަމާ އަދި ސާފު ބޯފެނުގެ ހިދުމަތްތައް ސިޓީގައި ގާއިމުކޮށް ނުދެވުނީމަ އެވެ. މިއީ ވިޔަފާރިތައް ފަށައި އިންވެސްޓަރުން ޝައުގުވެރިކަން އިތުރު ކުރަން ކޮންމެހެން ފުރިހަމަވާން ޖެހޭ ޝަރުތުތަކެވެ.
"މި ސިޓީގެ އިންފްރާސްޓްރަކްޗާ އަދި މި ހުރީ އެންމެ ރަނގަޅު ހާލަތެއްގައި ނޫން. އަސާސީ ވަރަށް ގިނަ ކަންކަން ކުރިއަކަށް ނުދޭ. ކުރީގެ ސަރުކާރުތަކުން ޑިލޭ ޓެކްޓިކްސް ބޭނުން ކުރައްވައިގެން ކަންކަން ލަސްކުރީ. މި ސިޓީއާ ކަނެކްޓިވިޓީ ވަރަށް ދަށް ގްރޭޓާ މާލެއާ އެހެން ސަރަހައްދުތަކާ ވެސް. މިސާލަކަށް؛ ޓޫރިޒަމްގެ ވާހަކަ ދައްކާއިރު ވެސް ހަމަ އެ ހުރަސް މި ކުރިމަތިވަނީ. ދެން އެހެން ވީއިރު ވިޔަފާރިވެރިން އައްޑޫ ވިޔަސް ކިހިނެތްތޯ މިތާ އިންވެސްޓްކުރާނީ. އެ ސަބަބެއް ހޯދައި ނުދެވޭ ނޫންތޯ،" ސޯބެ ވިދާޅުވި އެވެ.
ހަގީގަތުގައި މައްސަލައަކީ އައްޑޫގެ އިގްތިސާދީ އިންޖީނު ހިންގަން ބޭނުންވާ ހަކަތައާއި ފުރުސަތު ނެތުމެވެ. އައްޑޫއަށް ނިސްބަތްވާ ކިތަންމެ މުއްސަނދި އަދި މަހުޖަނު ވިޔަފާރިވެރިން ތިއްބަސް، އިގްތިސާދީ އިންޖީނު ހިނގައި ނުގަންނަހާ ހިނދަކު އައްޑޫއަށް އައްޑޫގެ ވިޔަފާރިވެރިން ގޮސް އިންވެސްޓެއް ނުކުރާނެ އެވެ.
ލާމަރުކަޒީ ނިޒާމަށް ވަކާލާތު ކުރައްވާ ތަޖުރިބާކާރެއް ކަމަށްވާ، ސަލްމާ ފިކުރީ ދެކެވަޑައިގަންނަވާ ގޮތުގައި އައްޑޫގައި އިންވެސްޓްމަންޓްތަކެއް ނައިސް އޮތީ، ގައުމީ ފެންވަރުގައި ގްރޭޓާ މާލެ ފިޔަވައި އެހެން ސަރަހައްދެއް ތަރައްގީ ކުރަން މަސައްކަތް ނުކުރެވި އޮތީމަ އެވެ. މާލޭ ސަރަހައްދަށް މީހުން ތޮއްޖައްސައި މާލެ ސަރަހައްދު އެކަނި ތަރައްގީ ކުރުމުގެ ވިސްނުން ސަރުކާރުތަކުގައި އޮތީ އެވެ.
"މިސާލަކަށް ބައްލަވާ 1920 ހިސާބުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އޮތީ ރަށްތަކުގައި. އެކަމަކު މިހާރު ބޮޑު ބައެއް މި އަންނަނީ މާލެއަށް. އެއީ އެ މީހުން މިތަނަށް އަންނަން ޖެހޭ ސަބަބުތައް މިތާ ގާއިމުކުރަން ބަޖެޓުން ބޮޑު ހޭދައެއް އެބަ ކުރޭ. އެ ސަބަބުތައް މިތާ އެބަހުރި. ވަޒީފާ، ތައުލީމު، ސިއްހީ ހިދުމަތް. އެކަމަކު އެއްކަލަ ރާއްޖޭގެ އެކި ހިސާބުތަކުގައި އާބަން ސެންޓަރުތަކެއް ގާއިމްކުރަން އެ ވިސްނުން ކޮންމެ ސަރުކާރަކުން ވެސް އޮވޭ. ނަމަވެސް ހެޔޮ ނިޔަތުގައި އެކަން ކުރާތަނެއް ނުފެނޭ. ގްރޭޓާ މާލޭގައި މިހިރަ ކަހަލަ ޕުލް ފެކްޓާތަކެއް އެތަންތަނުގައި ނެތި ކިހިނެތްތޯ ވިޔަފާރިވެރިންނާއި އާންމުންނަށް ވެސް އެ ތަންތަނަށް ދާނީ،" ސަލްމާ ފިކުރީ ވިދާޅުވި އެވެ.
މި ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށްގެން ޖަޒީރާވަންތަ ރާއްޖެއެއް ބިނާކުރުމެވެ. އެކަމަކު، ގްރޭޓާ މާލެ ސަރަހައްދަށް މީހުން ޖަމާވާން ޖެހޭ ސަބަބުތައް ނައްތާލަން އަދި ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރެ އެވެ. ބަޖެޓްގެ ތެރެއިން އެ މަންޒަރެއް ނުފެނެ އެވެ.
މި ސަރުކާރުން ރާވާފައި އޮތީ އައްޑޫގައި 6.3 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގާށެވެ. އެކަމަކު އެއީ އަދި ޖަހާފައި އޮތް ނަމްބަރެކެވެ. މީގެ ކުރިން ވެސް އެތައް އެކަހަލަ ނަމްބަރަކާއި ތްރީޑީ ގްރެފިކްތައް ދައްކަ އެވެ. އެކަމަކު އެކަންކަން އަމަލީ ސިފައެއްގައި ނުފެންނަ ނަމަ އައްޑޫ ވިޔަފާރިވެރިން ވެސް އައްޑޫގައި އިންވެސްޓްކުރަން ޖެހޭ ސަބަބެއް ނެތެވެ. އެ މީހުން އައިސް ގްރޭޓާ މާލޭ ސަރަހައްދުގައި ވިޔަފާރިތައް ފަށަނީ، އައްޑޫގައި ފުރުސަތު ނެތީމަ އެވެ. އައްޑޫގައި އިންވެސްޓް ކުރަން ޖެހޭ ސަބަބެއް އެ މީހުންނަށް ދައްކައި ނުދެވޭތީ އެވެ.