ހުކުރު ދުވަހެއްގެ ހެނދުނުގެ ވަގުތެއްގައި މަސްވެރިންނާ އަނގަތަޅާލަން ހިތަދޫގެ އުތުރުކޮޅުގައި އޮންނަ ބަނދަރަކަށް ނުކުތީމެވެ. އެތަނުގައި ތިބި މަސްވެރިން އެންވެރިކަމުން ފަށައިގެން ބަނދަރު ހަލާކުވުމުގެ ދަތިކަމާ ބެހޭގޮތުން ކަންބޮޑުވުންތައް ބަންޑުންކޮށްލިއެވެ. ނިކަން ގިނަ ވާހަކަތަކެއް އަޑުއިވުނެވެ.
ހިތަދޫގެ މަސްވެރިކަމުގެ ފުރިހަމަ ތަސްވީރެއް ސިކުނޑީގައި ކުރެހިއްޖެ ކަމަށް ހިތައި ބަނދަރުމަތިން ނައްޓާލަން އުޅެނިކޮށް މަސްވެރިއަކު ގޮވާލާފައި، ކައިރީގައި ޕާކުކޮށްފައި އޮތް ނޫކުލައިގެ ކާރެއް ދައްކާލިއެވެ.
"މިއީ ހުސައިން ސޯލިހުގެ ކާރު. އޭނާ އެބައިން މިހާރު އެހެރަ ދޯނީގައި. ގޮސް އަރާ ވާހަކަ ދައްކާލަބަ. އޭނައަށް ވަރަށް ރަނގަޅަށް އެނގޭނެ ކަންކަން،" ބަނދަރުކޮށްފައި އޮތް ފައިބަރު އޮޑިއަކަށް އިޝާރާތްކުރަމުން މަސްވެރިޔާ ބުންޏެވެ.

ރާއްޖޭގައި ބަން ފުރަތަމަ ފައިބަރު މަސް އޮޑިއަށް އަހަރެންނާއި ހިރިގާ ޒާހިރު އަރަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ހިތަދޫއަށް ނިސްބަތްވާ ހުސައިން ސޯލިހުއަކީ މަސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމު ހާސިލުކޮށްފައިވާ ބޭފުޅެކެވެ. އޭނާއަކީ އެ ދާއިރާގެ ހުރިހާ ފުށެއް ދަންނަ ތަޖުރިބާކާރެކެވެ. އައްޑޫގެ މަސްވެރިކަމުގެ ހާލަތު އެނގެންޏާ އެނގޭނީ ހުސައިން ސޯލިހުއަށެވެ.
މަސްވެރިޔާ އިޝާރާތް ކުރީ ބޭރުގައި މަޑު ނޫކުލައާއި ހުދު ކުލަ ލާފައި ހުރި 100 ފޫޓުގެ ފައިބަރު އޮޑިއަކަށެވެ. ދޯނީގެ ގެގަނޑުގެ އެންމެ މަތި ސަތަރިން ހިޔާކޮށްފައި ހުރި އިރު އެތަނުގައި ޖޯލިފައްޗެއްވެސް ބަހައްޓާފައި ހުއްޓެވެ. އެ އޮޑި ބޭރުފުށުން ބަލާލަން ނިކަން ރީއްޗެވެ. ދުރުން ބަލާލުމުން ވަރަށް ރަނގަޅަށް ބަލަހައްޓާފައި ހުރި ދޯންޏެއްކަން އެނގެއެވެ.

ރާއްޖޭގައި ބަން ފުރަތަމަ ފައިބަރު މަސް އޮޑީގެ ވެރިޔާ ހުސައިން ސޯލިހުއާ އަހަރެމެން ވާހަކަދައްކަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ދޯންޏަށް އަރަން ބާއްވާފައި އޮތް ހަނި ފިލާގަނޑު މަތިން އެޑިޓަރު ހިރިގާ އަހްމަދު ޒާހިރާއެކު ގޮސް އަހަރެން ދޯންޏަށް ފުންމާލީމެވެ.
"ކޮބާ މަސްވެރިކަން ކިހިނެއް"ހޭ ހިޔާފައި ހުސައިން ސޯލިހުއަށް ހިރިގާ ޒާހިރު ގޮވާލިއެވެ. އެވަގުތު ހުސެއިން ސޯލިހު ކައިރީގައި ހުދު ކުލައިގެ ގަމީހެއް ލައިގެން ހުރި އުމުރުން ދުވަސްވީ މީހަކު ހުއްޓެވެ.
"ވަރަށް ރަނގަޅު ޕޮއިންޓަކަށް ތި އާދެވުނީ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޮޑު ދޯންޏެއް ބަން މީހާ ކައިރީގައި ތިހިރީ. މިއީ ދޮންފުތާ. ރާއްޖޭގެ އެންމެ ފުރަތަމަ ބަން ބޮޑު ދޯނި، 'މަސް ހަޒާނާ' ބަނީ ދޮންފުތާ،" ސަލާންގަލާންކޮށްލާފައި ކައިރީގައި ހުރި، އުމުރުން ދުވަސްވީ މީހާ ތައާރަފުކޮށްދެމުން ހުސައިން ވިދާޅުވިއެވެ.
ގއ. ވިލިނގިލީގެ ރައްޔިތެއް ކަމަށްވާ ދޮންފުތާއަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް މާވަޑިއެވެ. ހުސައިން ސޯލިހު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ބޭނުން ކުރާ އެންމެ ބޮޑު މަސްއޮޑި ބަނީވެސް ދޮންފުތާއެވެ. ދެ އިންޖީނުލީ އެ މަސްއޮޑި މިހާރު މަހަށް ދަނީ މަރަދޫއިންނެވެ.

ހުސައިން ސޯލިހު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
އެއްފަހަރާ މި ބައްދަލުލުވީ މަސްވެރިކަމުގެ ދާއިރާއާއި މާވަޑިކަމުގެ ދެވަނައެއް ނެތް ދެ މީހުންނާ އެވެ. އެ ދެމީހުންނާ ބައްދަލު މިވި ދޯންޏަކީވެސް ތާރީހީ ދޯންޏެއް ކަމެއް އޭރު ނޭނގެއެވެ.
ހުސެއިން ސޯލިހު ކިޔައިދިން ގޮތުގައި އަހަރެމެން އަރައި ތިބި ދޯންޏަކީ މުޅި ރާއްޖޭގައިވެސް އެންމެ ފުރަތަމަ ބަން ފައިބަރު މަސް އޮޑިއެވެ. 2003 ވަނަ އަހަރު ނިމުނު މި އޮޑި އޭނާއަށް ބަނެދިނީވެސް ދޮންފުތާއެވެ.
ސޯޅަ އަހަރުވެފައިވާ މި އޮޑީގެ ހަރަދުތައް ކަނޑާލާފައި ބަކީވާ ފައިސާގެ ތިން ބައިކުޅަ ދެބައި ބަހާލަނީ އޮޑިވެރިންގެ މެދުގައެވެ. އޮޑިވެރިންގެ ތެރެއިންވެސް، ކެޔޮޅަށާއި، ޑަރިވަރުންނަށާއި، ކައްކާއަށާއި، ސަލަވާތް ކިޔަވާ މީހާއަށް އިތުރަށް ފައިސާ ދެއެވެ. ހަރަދުތައް ކަނޑާލާފައި ހުސައިންއަށް ފައިދާގެ ގޮތުގައި މި އޮޑިން ލިބެނީ މަހަކު ދެ ލައްކަ ވަރަކަށް ރުފިޔާއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ފައިބަރު އޮޑީގެ ވެރިފަރާތަށް ވުމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި އެހެން "އެންމެ ފުރަތަމަ"އެއްވެސް ހުސެއިންއަށް ލިބިފައިވެއެވެ. ކަބީލާ ނުޖަހައި އެންމެ ފުރަތަމަ ދޯންޏެއް ބަނީވެސް އޭނާއެވެ. ކަބީލާއަކީ އޮޑިދޯނިފަހަރު ބަންނަ އިރު ދެ ލަކުޑިގަނޑު ހަރުކުރަން ޖަހާ އިއްޔެކެވެ. ކަބީލާ ނުޖަހައި ހުސެއިން ބަން "އަރުމާނު" ނަމަކަށް ކިޔާ ދޯނި އޭނާ ފަހުން ވިއްކާލީއެވެ. މިހާރު އެ ދޯނި މަހަށް ދަނީ ގދ. ގައްދޫއިންނެވެ.

ރާއްޖޭގައި ބަން ފުރަތަމަ ފައިބަރު މަސް އޮޑި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ހުސައިނުގެ މިލްކިއްޔާތުގައި މިހާރު ހުންނަނީ ތިން މަސް އޮޑިއެވެ. އަދި އިތުރު މަސްއޮޑިއެއްގެ 10 ޕަސެންޓު ހިއްސާވެސް އޭނާ އަތުގައި އޮވެއެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްދޯންޏަށް އިންވެސްޓު ކުރުމަކީ ކެތްތެރިކަން ހުރެގެން ވާނެ ކަމެކެވެ. އެއީ އެ ފައިސާގެ ބަދަލު ލިބެން އެތައް އަހަރެއް ނަގާތީއެވެ.
ތާރީހީ ފައިބަރު އޮޑީގައި ތިބެގެން ވިއްސަކަށް މިނެޓު ހުސައިނާއެކު އަނގަތަޅާލީމެވެ. އައްޑޫގައި އެންވެރިކަން ހަލާކުވެފައިވާ ގޮތުން ފަށައިގެން މިހާރު ސަރުކާރުން ތައާރަފުކޮށްފައިވާ މަސްވެރިންގެ ކާޑާ ބެހޭގޮތުން ވާހަކަ ދެކެވުނެވެ. ހަގީގަތުގައި އައްޑޫގެ މަސްވެރިކަމުގެ ފުރިހަމަ ތަސްވީރެއް ސިކުނޑީގައި ކުރެހުނީ އެ ވާހަކަތަކުންނެވެ. ދޯނިން ފައިބައިގެން ހިނގައިގަތީ ހިތްހަމަޖެހިގެންނެވެ.