ތިން ސްކޫލެއްގައި މަލްޓި ޕާޕޯސް ހޯލްއެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ތިން ސްކޫލެއްގައި މަލްޓި ޕާޕޯސް ހޯލްއެއް އެޅުމަށް ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ތިން ސްކޫލެއްގައި މަލްޓި ޕާޕޯސް ހޯލްއެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް 22.04 މިލިއަން ރުފިޔާއަށް މާރިސް ކޮންސްޓްރަކްޝަންއާ ހަވާލުކުރުމަށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ.

އެ އެއްބަސްވުމުގައި މާރިސްގެ ފަރާތުުން ސޮއި ކުރެއްވީ މުހައްމަދު ސައީދު އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ.

މާރިސް ކޮންސްޓަރަކްޝަންއާ ހަވާލުކޮށްފައި ވަނީ ނ. އަތޮޅު މަދަރުސާ އާއި ތ. ވޭމަންޑޫ ސްކޫލް އަދި ދ. މާއެނބޫދޫ ސްކޫލުގަ އެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހަތް މަސް ދުވަހުން އެތަން ނިންމާ ގޮތަށެވެ.

މިއީ ޕީއެސްއައިޕީ 2019ގެ ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާމަޝްރޫއެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ރިޔާޒް ވިދާޅުވީ އެ މަސައްކަތް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމައި މިނިސްޓްރީއާ ހަވާލުކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މި އިމާރާތް ނިމޭ އިރު ސްކޫލަށް ބޭނުންވާ ވަރަށް ގިނަ ވަސީލަތްތައް އެކުލެވިގެންވާނެ. އޭގެ ތެރޭގައި 400 ކުދިންނަށް ލެބްގައި އެކޮމެޑޭޓް ކުރެވޭނެ. ޖަލްސާތަކާއެއްޗެތި ބޭއްވޭނެ. ކުޅިވަރު ކުޅުމަށް ޓަކައި ތަފާތު ކޯޓުތަކަށް ޖާގަ އޮންނާނެ. އަދި ފާހާނާ ކުރުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާނެ."

"އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ވަސީލަތްތަކާއި އެއްޗެތި އެކުލެވިގެންވާނެ. ހަމައެއާ އެކު ހޯލްގައި ބޭނުންކުރާ ހުރިހާ ގޮނޑިތައް ވެސް ރައްކާ ކުރެވޭ ގޮތަށް ސްޓޭޖް ދަށަށް ލެވޭ ގޮތަށް ހުންނާނީ." ރިޔާޒް ވިދާޅުވި އެވެ.

މަލްޓި ޕާޕަސްގެ ދެ ބުރި އިމާރާތުގައި އިލެކްޓްރިކަލް ރޫމްއަކާއި ކޮންޓްރޯލް ރޫމްއަކާއި ދެ ޗޭންޖިން ރޫމްއެއްގެ އިތުރުން ދަރިންވަރުންނަށް ހަތަރު ފާހާނާއާއި އެކްސެސިބަލް ފާހާނާއެއްގެ އިތުރުން ތިން ސްޓޯރޫމްއަކީ ދެ ރޭމްޕްއެއް ހިމެނެ އެވެ.

comment ކޮމެންޓް