ހިޔާނާތުގެ ބައިވެރިން ފަޅާ އަރުވާލަން މިފަހަރު އަދީބު!

އަދީބު: ފީލި އެހެން މީހުންގެ މައްސަލަތައްވެސް ބަލަންޖެހޭ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އާދީއްތަ ދުވަހުގެ ރޭ ދަންވަރު އަދީބު މާލެ ގެނެސް އޭނާ ކްރިމިނަލް ކޯޓަށް ގެންގޮސް ބޭއްވި ބަންދުގެ މަޖިލީހުގައި އަދީބު ދެއްކެވި ވާހަކަތަކުންނާއި ދައުލަތުގެ ފަރާތުން ދެއްކި ވާހަކަތަކުން ކަށަވަރުވެގެން ދިޔައީ އޭނާއާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު "ޑީލް"އެއް ހަދާފައިވާ ކަމެވެ. ލުއިތަކެއް ހޯދުމަށް ހެދި މި ޑީލްގެ ދަށުން އަދީބު ވަނީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް އެއްބަސްވެ، ހިޔާނާތުގައި އޭނާއާ އެކު ބައިވެރިވި މީހުންގެ މައުލޫމާތު ފުލުހުންނަށް ދީފަ އެވެ. ފައިސާގައި ޖެހުނު މީހުންގެ މައުލޫމާތުގެ ދިގު ލިސްޓެއް އޭނާ ފުލުހުންނަށް ދީފައިވާނެ ކަމަށް ބެލެވެ އެވެ. އެ މައުލޫމާތުތަކުން ބޮޑު ހިޔާނާތުގެ ފަރުދާ ކަހާލެވޭނެ ކަމަށް ބެލެވެ އެވެ.

ހިޔާނާތަށް އިއުތިރާފުވެ، އެއްބަސްވުމެއް

މިހާތަނަށް ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަދީބާއި ޕީޖީއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގައި ބުނާ ފަދަ ކުށުގެ އިއުތިރާފުގެ އެއްބަސްވުމެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާ:

  • މި މާއްދާގައިވާ ގޮތުގެ މަތިން، ތުހުމަތު ކުރެވޭ މީހާއާއި ޕްރޮސެކިއުޓާ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތު ކުރެވޭ މީހާ ކުށަށް އިއުތިރާފުވެއްޖެ ނަމަ، ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެއްބަސްވުމެއް ވެވިދާނެ އެވެ.

ޕީޖީ އާއި އަދީބާ ދެމެދު ހެދުނު މި އެއްބަސްވުމުގެ ދަށުން އެމްއެމްއްޕީއާރުސީގެ ހިޔާނާތަށް އިއުތިރާފްވުމުގެ އިތުރަށް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު އެންމެންގެ މައުލޫމާތު އޭނާ ގެންދަވަނީ ޕީޖީއާއި ފުލުހުންނާ ހިއްސާ ކުރައްވަމުން އެވެ. އަދީބުގެ މި މައުލޫމާތުތަކުން އެމްއެމްޕީއާރުސީގެ ފައިސާ ބެހިގެން ދިޔަ ގޮތާއި އެކަން ރޭވިގެން ދިޔަ ގޮތުގެ އާ ވާހަކަތައް ތަހުގީގީ މުއައްސަސާތަކަށް ތިލަވެގެން ދާނެ އެވެ.

އޮގަސްޓް 5، 2019: ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓަށް ހާޒިރުކުރަނީ -- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

މިފަދަ އެއްބަސްވުމެއްގައި ޕީޖީއާ އެކު ސޮއިކޮށްފައި އޮތަސް އަދީބުގެ މައްޗަށް ދައުވާ ކުރެވޭނެެ އެވެ. އެކަމަކު، އިއުތިރާފުވެ ދައްކާފައިވާ ވާހަކަތަކަށް ކޯޓުގައި ފަހުން އިންކާރު ނުކުރާހާ ހިނދެއްގައި އޭނާގެ މައްސަލައިގެ ޝަރީއަތް ނުހިންގައި، އަވަސް ނިޔާގެ ގޮތުގައި މައްސަލަ ނިންމައި ލުއި އަދަބެއް ދޭން ހުކުމް ކުރެވިދާނެ އެވެ. އެއާ އެކު ބޮޑު ހުކުމަކުން އަދީބު ސަލާމަތްވީ އެވެ. ނޫނީ ހުކުމެއް ނައިސް ވެސް އޭނާއަށް ސަލާމަތްވުމުގެ ހަނި ފުރުސަތެއް މި އެއްބަސްވުމުގެ ދަށުން ލިބިދާނެ އެވެ.

16 ބައްދަލުވުމެއްގައި އެތައް ވާހަކަތަކެއް!

ދައުލަތާއެކު މީގެ ދެމަހެއްހާ ދުވަސް ކުރިން ހެދި މި އެއްބަސްވުމާ ބެހޭގޮތުން ކޯޓުގައި އަދީބު ވިދާޅުވަނީ، އޭނާ ޕީޖީއާއެކު ހިއްސާ ކުރަމުން ދިޔަ މައުލޫމާތަކީ ކުރިން ތިލަ ނުވާ މުހިންމު މައުލޫމާތުތަކެއް ކަމަށެެވެ. ހިޔާނާތުގެ ފައިސާގައި ޖެހުނު ފުންނާބު އުސް ސިޔާސީ ފަރާތްތަކާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ހިޔާނާތުގައި ބައިވެރިވި މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ ވާހަކަތައް އޭނާ ޕީޖީއާއި ފުލުހުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

އަދީބު ވިދާޅުވީ، އޭނާ ފުލުހުންނާ ހިއްސާ ކުރަމުން ދަނީ ބާރާއި ނުފޫޒުގަދަ ބައެއްގެ މައުލޫމާތު ކަމަށެވެ. އެހެންކަމުން އެ މީހުންގެ ފަރާތުން ފުރާނައަށް ނުރައްކާވާ ފަދަ އިންޒާރުތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުއްލިއަކަށް ރާއްޖެއިން ފިލަން ދާން ނިންމީވެސް އެ އިންޒާރުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދީބު ވިދާޅުވާ ގޮތުން އޭނާއަށް އެހެން ގޮތެއް ނެތުނީ އެވެ. ދިޔައީވެސް ދުރާލައި އެއްވެސް ރޭވުމެއް ނެތި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންގެ މައި އިދާރާއިން ނެރެނީ --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަން އަދީބު އަދިވެސް ހުންނެވީ ބޭނުންފުޅުވެގެން އެވެ. އޭނާ ވިދާޅުވާ ގޮތުގައި ފިއްލެވީ އެއްވެސް ގޮތަކަށް އެއްބަސްވުމަށް އެއްބާރުލުން ނުދިނުމުގެ ގޮތުންނެއް ނޫނެވެ. އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދާން ބޭނުންވާކަމުގެ ޝައުގުފާޅުކުރައްވައި އޭނާ ބަންދު މަޖިލީހުގައި ވިޓްނެސް ޕްރޮޓެކްޝަންއަށްވެސް އެދިވަޑައިގަތެވެ.

އަދީބުގެ ވަކީލު މަހުފޫޒް ސައީދު އިއްޔެ ބަންދު މަޖިލީހުގައި ވިދާޅުވީ، ފާއިތުވި ތަނުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށްފައި ވަނީ ވަކި ބަޔަކު ހައްޔަރުކޮށް ޖަލަށްލުމަށް އަމާޒު ހިފައިގެން ކަމަށެވެ. އެހެންކަމުން، އެ ހިޔާނާތް އެކީ ތަހުގީގު ކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. ރާއްޖޭގެ ތާރީހުގައިވެސް ބޮޑު ހިޔާނާތުގެ މައްސަލައެއްގެ ހަގީގަތް ބެލިފައި ނުވާކަމަށް ވިދާޅުވެ، އަދީބު ދެއްވާ ހެކިބަހުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ހަގީގަތް އެއްކޮށް އެނގިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މަހްފޫޒުގެ ވާހަކަތަކުން އެނގިގެން ދިޔައީ މިހާރުވެސް އަދީބު އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ގިނަ އަދަދެއްގެ މައުލޫމާތުތަކެއް ފުލުހުންގެ ތަހުގީގަށް ހިއްސާކޮށްފައިވާ ކަމެވެ.

"[ފުލުހުންނާ އެކު] 16 މީޓިން ބާއްވައި ކޮންމެ މީޓިންއަކަށް ތިން ހަތަރު ގަޑިއިރު ހޭދަކުރެވިއްޖެ. ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރެވިއްޖެ. އަދިވެސް އަހުމަދު އަދީބު އަބްދުލްޣަފޫރު މައުލޫމާތު ހިއްސާ ކުރައްވާނެ،" މަހުފޫޒު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްގެން ގެންދަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"ތިން، ހަތަރު ގަޑިއިރުގެ" 16 ބައްދަލުވުމެއް ބާއްވާފައި ވުމުން އެއީ ވަރަށް ގިނަ ވާހަކައެވެ. މިހާރުވެސް އަދީބުގެ ފަރާތުން ދައުލަތަށް ހިޔާނާތުގައި ބައިވެރިވި މީހުންނާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހުންނާނީ އެނގިފަ އެވެ. ރެކޯޑު ކުރެވިފަ އެވެ. ހިޔާނާތުގެ މުޅި އޮޕަރޭޝަން ހިންގި ގޮތް ތަހުގީގަށް ދެނެގަނެވުމުން ދެން އޮންނާނީ، ދައުވާތައް ކުރަން ފެށުމުގެ މަރުހަލާ އެވެ.

އަދީބު ދިން މައުލޫމާތުތަކުގެ ބޭނުން ހިފާފައިވޭ!

އަދީބާ އެކު އެއްބަސްވުމުގައި ސޮއި ކުރި ފަހުން، ބޭސްފަރުވާއަށް އިންޑިއާއަށް ދިޔުމުގެ ހުއްދަ އޭނާއަށް ވަނީ ދީފަ އެވެ. އޭގެ އިތުރުން، އޭނާގެ މައްޗަށް ހުކުމްކޮށްފައިވާ މައްސަލަތަކުގެ އިސްތިއުނާފީ މަރުހަލާގައި ދައުލަތުގެ ސްޓޭންޑު ބަދަލުވެ ހުކުމް ބާތިލު ކުރަން އިއުތިރާޒެއް ނެތް ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީއިން ދަރުބާރުގޭގައި ބޭއްވި އަޑުއެހުމުގައި އެ ކޮމިޝަނުން ވަނީ ފަނޑިޔާރު ދީދީއަށް ކުރެވޭ ތުހުމަތުތަކެއް ހިމެނޭ ފުލުހުންގެ ސިޓީއެއް އިއްވައިފަ އެވެ. އެ ސިޓީގައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން ފަނޑިޔާރު ދީދީއަށް ރިޝްވަތު ދިން ކަމަށް "ހެކިވެރިޔާ 1" ނަމަކަށް ކިޔާ މީހަކު ދައްކާފައިވާ ވާހަކަތަކެކެވެ. އަދި ހެކިވެރިޔާ ބުނާ ގޮތްތަކަށް ބައެއް މައްސަލަތައް ނިންމާ ވާހަކަތަކެވެ. ފަނޑިޔާރު ދީދީއާއި ހެކިވެރިޔާ ދައްކާފައިވާ ވާހަކަތައް ހިމެނޭ ޗެޓުލޮގުތަކެއްވެސް ފުލުހުންނަށް ލިބިފައިވާކަން ސިޓީއިން ހާމަވި އެވެ. އެ ސިޓީގައު ބުނާ "ހެކިވެރިޔާ 1" އަކީ އަދީބުކަން ސަންއަށް ވަނީ ކަށަވަރުވެފަ އެވެ. ފަނޑިޔާރު ދީދީއާ ދެކޮޅަށް ބޭނުންކޮށްފައި މިވަނީ އަދީބު ފުލުހުންނަށް ހިއްސާ ކުރި މައުލޫމާތު ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފަ އެވެ. އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް ހުށަހަޅައިފަައިވާ ހެކި ހާމަކުރަމުން ދިޔަ އިރު އެންމެ ފާހަގަ ކުރެވުނީ ހެކިވެރިންގެ ތެރޭގައި އަދީބު ހިމެނޭ ކަމެވެ. ދައުލަތުގެ ދައުވާ ބިނާ ކުރުމަށް އަދީބުގެ ހެކިބަސް ވަރަށް މުހިންމެވެ. މިއީވެސް އަދީބާ އެކު ހަދާފައިވާ ޑީލްގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަމެއް ކަމަށް ބެލެވެ އެވެ.

ރައީސް ޔާމީން(ކ) އަދި އަދީބް: އަދީބު ވަނީ ޔާމީނާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައި --- ފޮޓޯ: ރައީސް އޮފީސް

އަދީބު ރާއްޖެއިން ފިއްލެވުމުން ޔާމީންގެ މައްސަލައިގައި ހެކިބަސް ނަގަން ބޭއްވި ފުރަތަމަ އަޑުއެހުމުގައި އޭނާގެ ހެކިބަސް ނުނެގުނެވެ. އެކަމަކު، ކުރިއަށް އޮތް އަޑުއެހުންތަކުގައި އޭނާގެ ހެކިބަސްވެސް ނަގާނެ ކަމަށް ބެލެވެ އެވެ.

އަދީބު ކުށަށް އިތުރާފުވެ މުހިންމު އެތައް މައުލޫމާތެއް ހިއްސާ ކުރަން ނިންމީ ކީއްވެ ކަމެއް އަދި އޭނާ ހާމައެއް ނުކުރައްވަ އެވެ. މި މައުލޫމާތުތަކުގެ ބަދަލުގައި އޭނާގެ އަދަބަށް ލުޔެއް ލިބޭނެކަން އެނގެ އެވެެ. އެކަމަކު، އޭގެ އިތުރުންވެސް އޭނާއަށް ލިބޭނެ ފައިދާތަކެއް ހުންނާނެ ކަމަށް ބެލެވެއެވެ. މި ޑީލްގެ "އަނދިރި ފަރާތެއް" ވާނަމަ އެ އަނދިރި ފަރާތެއް އަދި މި އޮތީ ނޭންގުމެއްގެ ތެރޭގަ އެވެ. އެއީ އަދީބަކީ ކުށެއް ނެތް ހުދު ސާފު ފޮތިކޮޅަކަށް ވުމުގެ ފުރުސަތުވެސް އޮތީމަ އެވެ. އެކަމަކު އެއީ ރައްޔިތުން ގަބޫލު ކުރާނެ ގޮތް ހެއްޔެވެ؟

comment ކޮމެންޓް