މެރިން ސައިންސް ކޭމްޕް ކާމިޔާބުކަމާ އެކު ނިންމާލައިފި

މެރިން ސައިންސް ކޭމްޕުގެ ތެރެއިން--- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ސާނަވީ ސްކޫލުތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ މެރިން ސައިންސް ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަހުގެ ދޭކުން ތިނަކަށް ކުރިއަށް ގެންދިޔަ އެ ކޭމްޕަކީ މާލެ އަތޮޅު ތުލުސްދޫގައި ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުނީ ކޭމްޕުގައި މަގްސަދަކީ މެރިން ސައިންސާއި މަސްވެރިކަމާއި މަސްވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި ސިނާއަތާ ގުޅުން ހުރި ކަންކަމުގެ އަމަލީ ތަޖުރިބާ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހޯދައިދިނުމާއެކު އެ މާއްދާ ކިޔެވުމަށް ދަރިވަރުންގެ ހިތްތަކުގައި ޝައުގުވެރިކަން އުފެއްދުން ކަމަށެވެ.

މެރިން ސައިންސް ކޭމްޕުގެ ތެރެއިން--- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

އެ ކޭމްޕުގައި ޣާޒީ ސްކޫލް، ހިރިޔާ ސްކޫލް، މުހްޔުއްދީން ސްކޫލު އަދި ކ. އަތޮޅު ތައުލީމީ މަރުކަޒުން ޖުމްލަ 58 ދަރިވަރުން ބައިވެރިވިއެވެ.

އެ ކޭމްޕުގައި ކުލާސްރޫމް ސެޝަންތަކާއި އަމަލީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނެވެ. ކުލާސްރޫމްގައި ކުރިއަށް ގެންގޮސްފައިވާ ތިއަރީ ބައިތަކުގެ ތެރޭގައި ކޭމްޕުގައި ކުރިއަށް ގެންދެވުނު އަމަލީ މަސައްކަތްތަކުގައި ދަރިވަރުން އެއްކޮށްފައިވާ މައުލޫމާތުތަކާ ގުޅޭ ގްރާފްތައް ކުރަހަން ދަސްކޮށްދީފައިވާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ކަނޑުމަތީގެ ހާދިސާތަކުގައި އަމަލުކުރަންޖެހޭ ގޮތުންވެސް މައުލޫމާތު ދިނެވެ.

މެރިން ސައިންސް ކޭމްޕުގެ ތެރެއިން--- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ކޭމްޕުގައި މައުލޫމާތު ދެއްވީ މިނިސްޓްރީގެ ކަމާ ގުޅޭ ސެކްޝަންތަކާ މެރިން ރިސާޗް ސެންޓަރުގެ މުވައްޒަފުންގެ އިތުރުން އެމްއެންޑީއެފްގެ ކޯސްޓްގާޑް ރިސޯސް ބޭފުޅުންނެވެ.

comment ކޮމެންޓް