"ކަނޑުފަޅުގެ ނަފާ" ލޯނު ހޯދަން ދެން ރަހުނު ބަހައްޓާކަށް ނުޖެހޭނެ

މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ގާއިމުކުރުމަށް ދޫކުރާ ލޯނަށް ހުށަހަޅަން ޖެހޭ ރަހުނު ވަނީ އުނިކޮށްފައި -- ސަން ފައިލް ފޮޓޯ

ފިޝަރީޒް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ގާއިމުކުރުމަށް ދޫކުރާ ލޯނަށް ހުށަހަޅަން ޖެހޭ ރަހުނު އުނިކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލޯނަށް އެދުމުގެ ފުރުސަތު މިހާރު އެއް މަސް ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށާއި، އަލުން ލޯނަށް ހުޅުވާލި އިރު، ރަހުނު ބަހައްޓަން ޖެހޭ ގޮތަށް އިން ބައި އުނިކޮށްފައިވާ ކަމަށެވެ.

ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހަމަވީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ލޯނަށް އެދުމުގެ ފުރުސަތު މިހާރު ވަނީ އިތުރުކޮށްދީފަ އެވެ.

"ކަނޑުފަޅުގެ ނަފާ" ލޯނުގެ މަގުސަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ގާއިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިކަމުގައި ބޭނޭ މަސް ގިނަ ވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭ ގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް އެހީތެރިވެ، މަގުފަހިކޮށްދިނުން ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

މިލޯނުން ޖުމްލަ ދޫކުރަން ނިންމާފައި 3.08 މިލިއަން ރުފިޔާ އެވެ. ލޮނުފެން ފިނިކުރާ ނިޒާމު ގަތުމަށް އެއް ފަރާތަކަށް ދޫކުރާ އެންމެ ބޮޑު އަދަދީ ހަތް ލައްކަ ރުފިޔާ އެވެ. ލޯނު އަދާކުރުމުގެ އެންމެ ދިގު މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

ލޯނުގައި ގަންނަ މަސް ފިނިކުރާ ނިޒާމުގައި ރެފްރިޖަރެންޓެއްގެ ގޮތުގައި ބޭނުންކުރާ ގޭހަކީ، ތިމާވެށްޓާ ރައްޓެހި ގޭހެއްކަން ކަށަވަރުކޮށް، އެކަން ލިޔުމަކުން މިނިސްޓްރީއަށް އަންގަން ވެސް ޖެހޭނެ އެވެ.

comment ކޮމެންޓް