ސީޝެލްސްގެ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސްގެ ދެކަނބަލުން ސީޝެލްސްގައި: ސީޝެލްސް އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރައީސްގެ ދެކަނބަލުން ވަނީ ރާއްޖެ ވަޑައިގެންފައި--- ފޮޓޯ/ ރައީސް އޮފީސް

ސީޝެލްސްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ސީޝެލްސްއަށް ކުރެއްވި މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު މެރިޓައިމް ދާއިރާއިން ސީޝެލްސްގައި މަތީ ތައުލީމު ހާސިލުކުރުމަށް ހަތަރު ސްކޯލަޝިޕްގެ ފުރުސަތު ރާއްޖެއަށް ދެއްވާނެކަންވެސް ހާމަކުރައްވާފައެވެ.

މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އެއްބާރުލުންދިނުމުގެ މުހިންމު ހަތް އެއްބަސްވުމެއްގައި ސޮއިކުރައްވާފައި ވެއެވެ. މި އެއްބަސްވުންތައް ވެވުނު ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި ޓޫރިޒަމާއި ނޫއިގްތިސާދުގެ ދާއިރާއާއި ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. އަދި ކުޅިވަރުގެ ދާއިރާއާއި ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއާއި ޔޫތު ޑިވެލޮޕްމަންޓް ދާއިރާ ހިމެނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ސީޝެލްސްގެ ސަރުކާރާއެކު ކުޅިވަރުގެ ދާއިރާއިން ވެވުނު އެއްބަސްވުމަކީ އެ ދާއިރާއިން ރާއްޖެއަށް ފަހި ފުރުސަތުތަކެއް ފަހިވެގެންދާނެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ދެގައުމުގެ މެދުގައި ކުޅިވަރުގެ ތަޖްރިބާކާރު ފަންނުވެރިންނާއި ކުޅިވަރުގެ ސިޔާސަތު އެކަށައެޅުމުގެ ތަޖުރިބާކާރު ފަރާތްތަކާއި ކޯޗުންގެ އެހީތެރިކަން އެއް ގައުމުން އަނެއް ގައުމަށް ދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން ފަދަ ކަންކަން ހިމެނުމަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ލިބިގެންދާ ފުރުސަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއްވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސީޝެލްސްގެ ރައީސާ ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ.

comment ކޮމެންޓް