އީދު ޗުއްޓީއަށް ފުރުމުގެ ކުރިން މިކަންކަމަށް ވިސްނާލާ!

ޖޫން 25، 2017: ފިތުރު އީދުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ސަގާފީ ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަރެމެންގެ ބިޒީ ދިރިއުޅުމުން އެކަހެރިވެ، ބޯ ހަމަޖައްސާލަން ކިރިޔާވެސް ވަގުތުކޮޅެއް ލިބޭނަމަ އޭގެ ބޭނުން ނިކަން ރަގަޅަށް ހިފަންޖެހޭނެ އެވެ. ކުރިއަށްމިއޮތީ މިފަދައިން އަހަރެމެން އިންތިޒާރުކޮށްލަ ކޮށްލާ ތިބި އީދު ޗުއްޓީއެވެ. އަވަހަށް ފޮށި ތަންމަތި ޕެކްކުރަން ފަށާށެވެ. މި ކިޔާދެނީ މިފަހަރު ދަތުރަށް ތައްޔާރުވާއިރު ވިސްނާލުން މުހިންމު ދެތިން ކަމެކެވެ.

1. ދަތުރުގެ އަސްލު ބޭނުން އެނގެން ވާނެ

ގިނަ ފަހަރަށް އަހަރެމެން ދަތުރަކު ދާނީ އާއިލާގެ މެންބަރުންނާއި އެކު ނުވަތަ ގާތް ރަހުމަތްތެރިންތަކަކާއި އެކީގައެވެ. ކޮންމެމީހަކީވެސް ތަފާތު މީހެއްކަމުން އެމީހެއްގެ މިޒާޖާއި އުޅުމާއި ޝައުގުތައްވެސް ތަފާތުވާނެ އެވެ. އެހެންނަމަވެސް ގިނަބަޔަކު އެއްކޮށް ކުރާ މިކަހަލަ ކަންކަމުގައި އެންމެންވެސް ހިތްހަމަޖެހޭނެ، ކުރާހިތްވާނެ ކަންކަން ހުރުން މުހިންމެވެ. އެހެންކަމުން ދަތުރަކު ދާނަމަ އެންމެ މުހިންމީ އެއި ކޮން ބޭނުމެއްގައި ކުރާ ދަތުރެއްކަން އެންމެނަށްވެސް ރަނގަޅަށް އޮޅުންފިލުވައިދިނުމެވެ. ކައިރި ގައުމަކަށް ހޮސްޕިޓަލް ދަތުރެއްނަމަ އެއްބަޔަކު ހޮސްޕިޓަލްގައި އަނެއްބަޔަކު ޝޮޕިންއަށް ނުދެވިފައި މޫނު ކުނިކޮށްގެން ތިބޭކަށް އޭރަކަށް ނުޖެހޭނެއެވެ. އީދުގެ ފޯރި ނަގާލަން ކަމުގައިވާނަމަ އީދުގެ ހަރަކާތްތައް އޮންނަ ރަށެއް ޚިޔާރުކުރާށެވެ.

2. ބަޖެޓް ދަތުރެއްނަމަ ކުރީ ބައިގައި ތައްޔާރުވޭ

މިވެސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭ ކަމެކެވެ. ތިމާ އަތުގައި ފައިސާ ހުރި ވަރަކާއި، ތިމާ އެކަމަކަށް ހޭދަކުރަން ބޭނުންވާ މިންވަރެއް ދަތުރު ފެށުމުގެ ކުރިން ކަނޑައަޅާ އެފަދައިން އަމަލުކުރުން ވަރަށް މުހިންމެވެ. ކައިރި ރަށަކަށް ދާނަމަ، އެ ތަނެއްގައި ތިބޭން ހަމަޖެހިފައިވާ ތަނަކަށް ޚަރަދުވާނެ މިންވަރާއި، ކެއުމަށާއި، އެކްސްކާޝަން ދަތުރުތަކަށް އާންމުކޮށް ހުންނަ ފީތައް ކުރީބައިގައި ބަލާ، އަންދާޒާކޮށް ދަތުރުގެ ބަޖެޓް ހަދާ އަދި އެހެން ބަޔަކާއި އެކީ ދާނަމަ ދެމީހުންގެ މެދުގައި ފައިސާގެ ކަންކަން އެއްވަރަކަށް ނުވަތަ އެއްބަސްވާ މިންވަރަކަށް ކަނޑައަޅާލާށެވެ.

3. ކެއުން ހަމަޖެއްސުން ވަރަށް މުހިންމު

ފޮށި ދަބަސް ހިފައިގެން ޓިކެޓް ލިބެން އެންމެ ފަސޭހަތަނަކުން އަދި ޓިކެޓެއް ހިފައިގެން ފުރިޔަކަށް އަދި ފަރުޖައްސާލެވޭކަށް ނެތެވެ. ދަތުރުތިދާ ދުވަސްތަކުގައި ކެވޭނެ ގޮތެއް ހަމަޖެހިފައި އޮތީ ކިހިނެތްތީވެސް ވިސްނާލަންޖެހެއެވެ. ކޮންމެ އިރަކަށް ރެސްޓޯރެންޓަކުން ކާނީތޯ، ނުވަތަ އެ ރަށުގައި އުޅޭ ރަށްޓެއްސެއްގެ ގެއިން ހަމަޖައްސާލާނީތޯ ނުވަތަ އަމިއްލައަށް ކައްކާލާނީތޯ މިއީވެސް މުހިންމު ކަމެކެވެ. ކޮންމެ މީހަކަށް އަދި ކޮންމެކޮންމެ އެއްޗެއް ނުވެސް ކެވޭނެ އެވެ. އަދި ކެއުމުގެ ކަންތައްތައް 'ފަނި' ވެއްޖެނެމަ މުޅި ދަތުރުގެ ފޯރިވެސް ކެނޑިދާނެއެވެ.

4. މުނިފޫހި ފިލުވޭނެ ގޮތެއްވެސް ހޯދަންވާނެ

ކަމާކަންފަށާ 5000 އެއްހާ ރުފިޔާ ޚަރަދުކޮށް ރަށެއްގައި ޗުއްޓީ ހޭދަކޮށްލާނީއޭ ހިތާ، އެ ރަށަކަށްގޮސް ދެ ދުވަސްވުމުން ކުރާނެ ކަމެއްނެތި ފޫހިވެގެން އެނބުރެންވެއްޖެނަމަ އެއީ ހާދަ ބޭކާރު ދަތުރެކެވެ. ގިނަފަހަރަށް މިކަހަލަ ލަނޑުތައް ލިބެނީ މޫސުންވެސް ގޯސްވެ، ރާވާފައި ހުރި ކަންކަންވެސް ނުވެދިއުމުންނެވެ. ކަންމިހެންވުމާއެކު، ދަތުރަށް ފުރުމުގެ ކުރިން ޕްލޭން ބީ އެއްވެސް ރާވާލާ، ދެތިން ބޯޑް ގޭމްސްފަދަ އެ މީހަކަށް ކަމުދާ ކަހަލަ ކުޅިވަރެއް ކުޅެވޭނެ ހެން ވިސްނާލުން މުހިންމެވެ.

5. ސްޓްރެސްތައް ފިލުވާލައި ހަމަޖެހިލަން ވާނެ

ދަތުރެއް ނުވަތަ ޗުއްޓީއެއްގެ ބޭނުމަކީވެސް މިއީއެވެ. ދުވަހުން ދުވަހަށް ކުރަންހުރި މަސައްކަތްތަކުން، މީހާގެ ސިކުނޑިއާއި ހަށިގަނޑު ރިލެކްސް ކޮށްލާ، ހިތްހަމަޖެހިލުމެވެ. އެހެންކަމުން ތިރާވާލާ ދަތުރުގުއި މާ ބިޒީވެ ކޮންމެވެސް މަސައްކަތެއްގައި މާ އަވަދިނެތި އުޅެ، އަވސްއަރުވާލައިގެން ފުރާ ދެން އޮފީހަށްނުކުންނަން އޮންނަ ދުވަހުގެ ހެނދުނަށް އެނބުރި ދާން ޓިކެޓް ނެގުމުގެ ބަދަލުގައި ހަމަޖެހިލައިގެން ފުރަންދެވޭ ވަރުކުރަންވާނެ އެވެ. އެހެން ނޫނީ ދަތުރު ނިންމާފައި އަނެއްކާ މަސައްކަތަށް ނުކުންނަންވާއިރު ހުންނާނީ އަދި އިތުރު ޗުއްޓީއަކަށް ބޭނުންވެފައެވެ.

comment ކޮމެންޓް