ރައީސްގެ ދެކަނބަލުން ސީޝެލްސްގައި

ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދަންނަވަނީ---

ސީޝެލްސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ސީޝެލްސްއަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުންނަށް ސީޝެލްސް އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ސީޝެލްސް ސަރުކާރުގެ ބައެއް ވަޒީރުންނާއި އިއްޒަތްތެރިންނެވެ.

ރައީސްގެ މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމާއި ދެގައުމުގެ ދެމެދުގައި މަތީ ފެންވަރުގެ މަޝްވަރާތައް ބޭއްވުމާއެކު ދެ ގައުމުގެ ރައީސުންގެ ގުޅިފައިވާ ބަޔާނެއް މީޑިޔާއަށް ދެއްވުމަށް
ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އޭގެ އިތުރުން ރައީސްގެ ދެކަނބަލުންނާ މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ވަފުދުގެ ޝަރަފުގައި ސީޝެލްސްގެ ރައީސް ދެއްވާ ރަސްމީ މެންދުރުގެ ފަރިއްކޮޅެއްވެސް އޮންނާނެއެވެ. މި ދަތުރުފުޅުގައި ސީޝެލްސްގެ މަޝްހޫރު ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއްވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި، 1، 1980 ގަ އެވެ. އެއީ ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކުރި 41 ވަނަ ގައުމެވެ.

comment ކޮމެންޓް