އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކަށް މަދުވެގެން އަންހެނަކު އައްޔަން ކުރަން ޖެހޭ: ޝަރީފު

އީސީގެ ރައީސް ޝަރީފު (ކ): އީސީގައި މަދުވެގެން އަންހެން މެމްބަރަކު އައްޔަން ކުރަން ޖެހޭ ކަމަށް ވިދާޅުވި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަނަށް މަދުވެގެން އަންހެން މެމްބަރަކު އައްޔަން ކުރަން ޖެހޭ ކަމަށް އެ ކޮމިޝަންގެ ރައިސް އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

މިހާރު އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުންގެ ގޮތުގައިވެސް ތިއްބަވަނީ ފަސް ފިރިހެން ބޭފުޅުންނެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަަވަމުން ކޮމިޝަންގެ ރައީސް ޝަރީފު ވިދާޅުވީ، ކޮމިޝަނެއްގައި އަންހެން ބޭފުކު ނުހިމެނޭ ހަމައެކަނި ކޮމިޝަނަކީ އިލެކްޝަންސް ކޮމިޝަން ކަމަށާއި ގާނޫނުތަކަށް އިސްލާހު ގެންނަ އިރު، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ތެރޭގައި މަދުވެގެން އެއް އަންހެން ބޭފުޅަކު އިންނަ ގޮތަށް ހަދަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަން މަދުވެގެން އެއް އަންހެން ބޭފުޅަކު ކޮމިޝަން ތެރޭގައި އިންނަވަން ޖެހޭނެ ކަމަށް. ކުރިމަގުގައި މެމްބަރުން ކަނޑައަޅުއްވާއިރު، އަޅުގަނޑު އުންމީދު ކުރަން ކޮމިޝަންގެ ފަސް މެމަބަރުންގެ ތެރޭގައި މަދުވެގެން އެއް މެމަބަރަކީ އެންހެން ބޭފުޅަކަށް ވުމަށް،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފު ވިދާޅުވި އެވެ.

މިއަދު ބެއްވި ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ މަޖިލިސް

މިއަދު ކޮމިޓީގައި ޝަރީފު ވަނީ ކޮމިޝަނަށް ހުރި ބައެއް ގޮންޖެހުންތައް ވެސް ކޮމިޓީގެ މެމްބަރުންނަށް ދަންނަވާފައެވެ.

ޝަރީފު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތްތަކަށް ބަލާއިރު، އެ ކޮމިޝަންގެ އިދާރާ އަކީ ހައި ސެކިއުރިޓީ އިދާރާއަކަށް ވާން ޖެހޭ ކަމަށެވެ. މިހާރު އިދާރާ ހުންނަ އިމާރާތަކީ އެފަދަ އިމާރާތެއް ނޫން ކަން ޝަރީފު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ކޮމިޝަންގެ އިމާރާތެއް އެޅުމަށް ބިމެއް ބޭނުންވާކަން މި ކޮމިޓީގައި ދަންވާލަން ބޭނުންވޭ،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، މީގެ ކުރިން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އިލެކްޝަންސް ކޮމީޝަންގެ އިމާރާތެއް އެޅުމަށް ބިމެއް ދިނުމަށް ނިންމި ކަމަށާއި ނަމެވެސް ބިން ރަޖިސްޓްރީ ނުކުރެވި ވަނިކޮށް ސަރުކާރު ބަދަލުވުމުން ކޮމިޝަނަށް ބިމެއް ހަމަޖެހިފައި ނުވާ ކަމަށެވެ.

ކޮމިޝަނުން ފާހަގަ ކުރި އިތުރު ގޮންޖެހުންތައް:

  • ކޮމިޝަނަށް އިތުރަށް ތަރައްގީ ކުރުމަށް ބަޖެޓެއް ހަމަޖެއްސުން.
  • ކޮމިޝަންގެ މުވައްޒިފުންގެ ރިސްކް އެލަވަންސް ހަމަޖެއްސުން.
  • ކޮމިޝަންގެ މުވައްޒިފުންނަށް ޕްރޮމޯޝަން ނުލިބޭތާ ފަސް އަހަރުވެފައިވާތީ، އެކަމަށް ހައްލެއް ހޯދައިދިނުން.
  • ކޮމިޝަނާ ގުޅޭ ގާނޫނުތަކަށް ފާސް ކުރާ އިރު ކޮމިޝަންގެ ލަފާ މަޖިލީހުން ހޯދުން.

ކޮމިޓީގެ ބައްދަލުވުން ނިންމާލަމުން ކޮމިޓީގެ މުގައްރިރު، މީދޫ ދާއިރާ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވީ، ކޮމިޝަނަށް މިހާރު ހުރި ގޮންޖެހުންތަކުގެ ތެރެއިން ކޮމިޓީއަށް ހައްލުކޮށްދެވެން ހުރި ކަންކަމާމެދު މަޝްވަރާ ކުރެއްވުމަށްފަހު، އެ ގޮންޖެހުންތައްކަށް ހައްލު ހޯއްދަވައިދެއްވުމަށް ކޮމިޓީއަށް ކުރެވެން އޮތް މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

https://sun.mv/122426

comment ކޮމެންޓް