ޕާޓީތަކަށް ފައިސާ ދިނުމުގައި ލިބުނު ވޯޓުގެ އަދަދަށް ބަލަނީ

ސިޔާސީ ޕާޓިތަކުގެ ހިނގާލުމެއްގެ ތެރެއިން: ޕާޓީތަކަށް ފައިސާ ދިނުމުގައި ލިބުނު ވޯޓުގެ އަދަދަށް ބަލަން ގާނޫނަށް އިސްލާހު ހުށަހަޅަން އީސީން ބޭނުންވޭ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ބޮޑު ބައެއް އިންތިހާބުތަކުގައި އެ ޕާޓީތަކަށް ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދިނުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ފެންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިހާރު ސިޔާސީ ޕާޓީތަކަށް ފައިސާ ދެމުން އަންނަނީ އެޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީގައި، ކޮމިޓީގެ މުގައްރިރު، މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު އަހްމަދު އަކުރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އިރު، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފައިސާ ދޭ ގޮތަށް ސިޔާސީ ޕާޓީތައް ސިޔާސީ ކަންމުގައި ހަރަކާތްތެރިވާ މިންވަރަށް ބަލައި ޕާޓީތަކަށް ފައިސާ ދިނުމަށް ވިސްނަމުންދާ ކަމަށެވެ.

އެގޮތުން ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށްފަހު، ކޮމިޝަންގެ ވިސްނުން ހުރީ ތިން ގޮތަކަށް ބަހާލައިގެން ވަކި ޕަސެންޓޭޖްތަކަށް ބަހާލައިގެން ޕާޓީތަކަށް ފައިސާ ދިނުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ތިން ގޮތަކަށް ބަހާލާއިރު، އޭގެ ބޮޑު ޕަސެންޓެއް މި ދެނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ފައިސާ ދޭ ގޮތަށް ސިޔާސީ ކަންކަމުގައި ޖާމިނުވާ ނިސްބަތައް. [މާނައަކީ] އިންތިހާބުތަކުގައި ޕާޓީތަކުން ހޯދާ ވޯޓުގެ އަދަދަށޭ ފައިސާގެ ބޮޑު ބައެއް ކަނޑައަޅާނީ. ދެން ކަނޑައަޅަނީ ހުރިހާ ޕާޓީތަކަށް ލިބޭ ގޮތައް އިދާރީ ބަޖެޓެއް. ދެން މި ކަނޑައަޅަނީ މިހާރުވެސް ލިބޭ ގޮތައް 10،000 އިން މަތީގެ މެމްބާޝީޕް ޕާޓީތަކަށް ލިބޭ ގޮތަށް،" ފައިސާ ދޭނެ ތިން ގޮތް ކިޔައިދެމުން އަކްރަމް ވިދާޅުވިއެވެ.

މިއަދު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ޕާޓީގެ މެމްބަރުންގެ އަދަދަށް ބަލައި ދޭ ފައިސާ މަދު ކުރުމަށް ފަހު، ޕާޓީތަކަށް ލިބޭ ވޯޓަށް ބަލައި ބޮޑު ޕަސެންޓެއް ފައިސާ ދޭ ގޮތަށް ވިސްނަނީ، ހުރިހާ ސިޔާސީ ޕާޓީތައް ވެސް ސިޔާސީ ޕާޓީތަކުގެ އަސްލު މަގްސަދު ހާސިލްވާ ގޮތަށް މަސައްކަތް ކުރުމަށް ފަހި ކުރުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުން ދައުލަތުން ދެމުން އަންނަ ފައިސާ ދުވަހެއް ދުވަހަކަށް ބޮޑު ވަމުން އަންނަ އިރު، ޕާޓީތަކުން އެ ފައިސާ ހަރަދުކުރާ ގޮތްވެސް ބެލެން ނޯންނަ ކަން އަކްރަމް ފާހަގަ ކުރެއްވި އެވެ. އަދި އެ ފައިސާ ހަރަދު ކުރާ ގޮތް އެއްވެސް މުއަަސާސާއަކުން މޮނީޓާ ކުރެވެންވެސް ނޯންނަ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީތަކުގެ އޮޑިޓް ރިޕޯޓު ކޮމިޝަނަށް ފޮނުވަން ޖެހެއެވެ. ނަމަވެސް އެ އޮޑިޓް ރިޕޯޓުގެ ސައްހަކަން ބެލޭނެ ގޮތެއް ނޯވެއެވެ.

އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ހުށަހަޅާ އޮޑިޓް ރިޕޯޓުގެ ސައްހަކަން އޮޑިޓް އޮފީހުން ކަނޑައެޅުމަށް ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކުގައި އަޅުގަނޑުމެން މަޝްވަރާ ކުރާ އިސްލާހުތަކުގެ ތެރޭ އެބަ ހިމެނޭ ސިޔާސީ ޕާޓީތަކުން އޮޑިޓް ރިޕޯޓު ހުށަހަޅަން ޖެހެނީ އޮޑިޓް އޮފީހަށްކަން ކަނޑައެޅުމަށް. އަދި އޮޑިޓް އޮފީހުން ގާނޫނުގައި ބުނާ ތިން ދުވަސް ތެރޭ ފައިސާ ދޭން ޖެހޭތީވެ ވަކި މުއްދަތެއްގެ ތެރޭ އޮޑިޓް އޮފީހުން ސައްހަ އޮޑިޓް ރިޕޯޓެއް ފޮނުވާފައިވަނީ ކޮން ބަޔެއްތޯ [ކަނޑައަޅައި] ނުވަތަ [ޕާޓީތަކުގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތަކަކީ ކޮން ކަމެއްތޯ އޮޑީޓް އޮފީހުން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް،" އަކްރަމް ވިދާޅުވިއެވެެ.

މިއަދު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އަކްރަމް ވިދާޅުވީ، ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ޚަރަދު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވާނަމަ އެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިނުން ބަލެމަށް ވެސް ގާނޫނަނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމަނާނެކަމަށެވެ.

އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެންނަން ބޭނުންވާ އިސްލާހުތަކުގެ ދެލި ކޮޕީ މިހާރު ތައްޔާރުކުރެވި ސިޔާސީ ޕާޓީތަކަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގައި ނުވަ ސިޔާސީ ޕާޓީއެއް ރެޖިސްޓްރީކޮށްފައިވެ އެވެ. އޭގެ ތެރެއިން މިއަހަރު ފައިސާ ދޫކޮށްފައިވަނީ 10،000 މެމްބަރުންނަށްވުރެ ގިނަ މެމްބަރުން ތިބި ހަތަރު ޕާޓީތަކަށެވެ. ހަތަރު ޕާޓީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 26.2 މިލިއަން ރުފިޔާ ދޭން އޮތީ ކަނޑައަޅައިފަ އެވެ.

މިއަރު މެމްބަރުންގެ އަދަދަށް ބަލައި ފާޓީތަކަށް ލިބުނު ފައިސާގެ އަދަދު:

  • އެމްޑީޕީ - 12 މިލިއަން
  • ޕީޕީއެމް - 9 މިލިއަން
  • ޖޭޕީ - 2 މިލިއަން
  • އެމްޑީއޭ - 2 މިލިއަން
comment ކޮމެންޓް