ފަތުރުވެރިކަން ތަރައްގީ ކުރުމަށް 11 ރަށަކުން ބިން ދޫކުރަން ނިންމައިފި

މިރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތުރުވެރިކަން ތަރައްގީކުރުމަށް 11 ރަށަކުން ބިން ދޫކުރަން ސަރުކާރުން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރަށު ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމަށް މިއަދު އާ ނިންމުމެއް ނިންމަވާފައިވާ ކަމަށެވެ.

އެ ނިންމެވުމަކީ ބިން ބޮޑެތި ރަށްރަށުގައި، ރަށު ފަތުރުވެރިކަން ތަރައްގީ ކުރުމަށް ޓަކައި، ބީލަމުގެ އުސޫލުން ބިންތަކެއް ދޫކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑުމެން މި ނިންމީ 11 ރަށަކުން ބިން ދޫކުރުމަށް. އެއީ ހއ. ފިއްލަދޫން ދައްޕަރު ސަރަހައްދު، ހއ. އުލިގަން، އަދި ހއ. ކެލާގެ އިތުރުން، އައްޑޫ ސިޓީގެ ހަ ރަށަކާއި، ލ. ގަމާއި ފުވައްމުލަކު ތުނޑީ ސަރަޙައްދު،"

ރައީސް ވިދާޅުވީ މި ނިންމުމަކީ ރާއްޖޭގެ ތަރައްގީއަށް މުހިއްމު މަސައްކަތަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ފަސް ވަނަ މާސްޓާ ޕްލޭން އެކަށައެޅޭ އިރު، ހުރިހާ އަތޮޅަކަށް ބެހިފައިވާ، ދެމެހެއްޓެނިވި ފަތުރުވެރި ކަމަކަށް، ފަތުރުވެރިކަމުގެ ސިނާއަތު ބަދަލުވާނެ ކަމަށެވެ.

"ބޮޑު ތިލަދުންމަތިން ފެށިގެން އައްޑުއަށް ފަތުރުވެރިކަން ފުޅާވެގެންދާ އިރު، ވަކިވަކި ފަރުދުންގެ ޖީބަށް ވަންނަ ޑޮލަރު، ވަރަށް ބޮޑަށް އިތުރުވެ، އާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެ،"

ރައީސް ވިދާޅުވީ އިތުރު ރިޒޯޓްތަކާއި ގެސްޓްހައުސްތައް ހުޅުވެމުންދާ އިރު، ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ވެސް، މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަށް ޓަކައި ބޮޑު ބަޖެޓެއް ކަނޑައަޅައި، ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން، އެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރާ ގާތަށް ވެސް، ވައިގެ ބަނދަރު ތަރައްގީވެފައި ނެތުމަކީ ވަރަށްބޮޑު ގޮންޖެހުމެއް ކަމަށެވެ. އެކަން ހައްލުކުރުމަށް ޓަކައި، ހުޅުލޭ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަރަށް ބޮޑަށް ހަލުވިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަދި މިހާރު ހަދަމުން އަންނަ ރިޒޯޓްތައް ނިމެންވާއިރަށް، ސަރަހައްދީ އެއަރޕޯޓްތައް ހުޅުވުމަށް ވެސް، ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން،"

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ މިވީ މުއްދަތުގައި ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އައި ފަދައިން، ރައްޔިތުންނަށް ވެސް ވަރަށްބޮޑު ކުރިއެރުންތަކެއް ލިބިއްޖެ ކަމަށެވެ.

"އެންމެ ބޮޑު ކުރިއެރުމަކީ، އެއްވެސް ރައްޔިތެއްގެ ހައްގެއް، ސަރުކާރުން ނިގުޅައިނުގަންނާނެ ކަމުގެ ޔަގީންކަން ލިބުން. އަޅުގަނޑުމެން މިއަދު މި އިހުސާސްކުރާ ހަމަޖެހުމާއި އަމާންކަމުގެ ސިއްރަކީ އެއީ،" ރައީސް ވިދާޅުވި އެވެ.

"މި ސަރުކާރު ފެށުނު ފަހުން، ދައުލަތުގެ މާލީ ހިސާބުތައް، އަޅުގަނޑުމެން މި އަންނަނީ މަހަކު އެއްފަހަރު އާންމު ކުރަމުން. ދައުލަތަށް ލިބޭ އާމްދަނީ އާއި ކުރެވޭ ހަރަދުތައް، ރައްޔިތުންނަށް މިހާރު ދާނީ އޮޅުންފިލަމުން." ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތައް، ރައްޔިތުންނަށް ހާމަވެ، ހެޔޮ ވެރިކަމެއްގެ އިހުސާސް މިހާރު ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް