ޕީޖީގެ ވަކީލްގެ ސުލޫކީ މައްސަލައެއް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް

ރައީސް ޔާމީންގެ މައްސަލައިގެ ދައުލަތުގެ ފަރާތުން ވަކާލާތު ކުރާ ޕީޖީގެ ވަކީލާ އައިޝަތު މުހައްމަދު ----

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ވަކީލާ އައިޝަތު މުހައްމަދު ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އެކަމާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ސިޔާޒް 'ސަން' އަށް ވިދާޅުވީ، އައިޝަތު މުހައްމަދުގެ ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅީ މީގެ ކުރިން ބޭއްވި ރައީސް ޔާމީންގެ ސަރީއަތުގެ އަޑުއެހުމެއްގައި އިތުރުފުޅު ހައްދަވާފައިވާތީ ކަމަށެވެ.

އެގޮތުން އެ މައްސަލައިގަ ހިމެނޭ ހެކިންނަށް ރައީސް ޔާމީން ރިޝްވަތު ހުށަހެޅުއްވި ބަޔާނެއް ބަދަލުކޮށް ނުފޫޒު ފޯރުވާ ކަމަށް އައިޝަތު މުހައްމަދު ވިދާޅުވެ އިތުރުފުޅު ހެއްދެވި ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެން ނަމަވެސް ރައީސް ޔާމީން އެފަދަ އަމަލެއް ކުރައްވަން މަސައްކަތް ކުރެއްވި ކަމުގެ ހެއްކެއް ނެތް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވަނީ ހިމަނާފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މިދިޔަ ހަފްތާގައި ކަމަށް ސިޔާޒް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަނީ ލޯންޑަރިން މައްސަލައިގައި ކުރާ ދައުވާގައި ޝަރީއަތުގެ ކުރިން އޭނާގެ ފަރާތުން ހުށަހެޅި އެއްވެސް ހުށަހެޅުމެއް ގަބޫލު ނުކުރުމުން މައްސަލައިގެ ޝަރީއަތުގެ މަރުހަލާ މިހާރު ވަނީ ފެށިފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ އެމަނިކުފާނުގެ މައްޗަށް އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރީމާނާ އަކާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނުވަތަ ލޯންޑާ ކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށް ވުރެ މަދު ނުވާ އަދަދަކުން ކުރާ ޖޫރީމާނާއަކާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ

comment ކޮމެންޓް