އަމާޒު ޖެހި 15 މެޑަލް ކާމިޔާބު ކުރުމާ ގުޅިގެން މުޅި ރާއްޖެ ފަޚުރުވެރިކަމާ އެކު އަތްޖަހަމުން އަންނަ އިރު، ކުޅުންތެރިންނަށް ހިތްވަރުދިނުމުގައި ފަސްނުޖެހި ސާބިތުކަމާއެކު ހުންނެވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ގެ މޫނު މަތިން ފެނުނީ އުފާވެރި ކަމުގެ ކަރުނަ ލޮލުން އޮހޮރިގަތް ތަނެވެ.
މީގެ ދުވަސް ކޮޅެއް ކުރިން ރާއްޖޭގެ ނޫހަކުން މަރޭ ކަރުދާހުގައި ޖަހާ ހިސާބެއްގެ ވާހަކަ ވާނީ ދިވެހިންނަށް އަޑު އިވިފަ އެވެ. ކޮންމެ ފަހަރެއްގެ ގޭމްސްއަށް ދިއުމުގެ ކުރިން ވެސް ކަރުދާހުގައި މަރޭ ހަދާ ހިސާބަކީ އެ އަހަރެއްގައި ލިބޭނެ ކަމަށް ލަފާ ކުރެވޭ މެޑަލްތަކާއި ލިބޭނެ ކުޅިވަރުތަކެވެ.
އެގޮތުން 2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ) ގެ ކުރިން މަރޭ ޖެހި ހިސާބުން އޭނަގެ އަމާޒެެއްގެ ގޮތުގައި ކަނޑައެޅި އަދަދަކީ 10 މެޑައްޔެވެ. އެފަހަރުގެ އެ ގޭމްސްއިން ނުވަ މެޑަލް ރާއްޖެ ހޯދި އިރު މަރޭ ވަނީ މިފަހަރުގެ ގޭމްސްއާ ދިމާކޮށް އަނެއްކާވެސް ހިސާބުތަކެއް ހަދާފަ އެވެ. އޭނާ ހެދި ހިސާބުތަކުން މިފަހަރުގެ ގޭމްސްގައި 15 މެޑަލް ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރި އެވެ.
"ގިނަ މީހުން އަސްލު އަޑެއް ނޭހި މިވާހަކައެއް. ދެހާސް ފަނަރައިން ފަށައިގެން ސޯޝަލް މީޑިއާގަޔާއި އެކި ތަންތާ އަބަދު އަބަދު ހަނދާންކޮށް މިދެނީ މިފަހަރުގެ ގޭމްސްގައި 15 މެޑަލް ހޯދާނެ ވާހަކަ،" އައިއޯއައިޖީގައި މިއަދު 15 މެޑަލް ލިބުމުން ކުރެވުނު ޝުއޫރުތައް ފާޅު ކުރަމުން މަރޭ ވިދާޅުވި އެވެ.
ނަމަވެސް މިއަދު އެކަން މިވަނީ ހަގީގަތަކަށް ވެފަ އެވެ. ރާއްޖެއިން މިފަހަރުގެ އައިއޯއައިޖީގައި 15 މެޑަލް ހަމަ ކޮށްފި އެވެ. އޭގެ ތެރޭގައި ހަތަރު ރަން މެޑަލް ވެސް ހިމެނެއެވެ. މީހަކަށް މިހާވަރަށް ހިސާބެއް ހަދަން އެނގޭނީ އެކަމުގެ ތެރެއަށް ވަރަށް ބޮޑަށް ސިކުނޑި ވައްދައި، ރަނގަޅަށް ދިރާސާކޮށްގެނެވެ. ވަކި ވަކި ކުޅުންތެރިންގެ ހުރި ފެންވަރާ އެހެނިހެން ގައުމުތަކުގައި ތިބި ކުޅުންތެރިންނާ އަޅާ ވެސް ކިޔައިގެންނެވެ. މީގެން ދޭހަ ވަނީ މަރޭ މިކަމަށް ދެއްވި ޝައުގުވެރިކަމެވެ.
"މިދިޔަ ފަހަރުގެ އެންމެ ފަހު ދުވަހު ޓާގެޓު ކުރި 10 ވަނަ މެޑަލް ގެއްލިގެން ދިޔައީ ޓީޓީއިން. މިފަހަރު ވެސް އަމާޒު ކުރި 15 ވަނަ މެޑަލް ހާސިލް ކުރަން ފުރުސަތު ލިބުނީ ޓީޓީއިން. އެކަމަކު މިފަހަރު މިއޮތީ ކާމިޔާބު ހޯދައިފަ. ވަރަށް ބޮޑު އުންމީދަކާ އެކު މިފަހަރު މިއައީ،"
ރާއްޖޭގެ ކުޅިވަރުގައި މީގެ ކުރިން ދުވަހަކުވެސް ދެކިފައި ނުވާފަދަ ބޮޑު އިންގިލާބެއް ގެނެސްދީ މި ކުޑަ ކުޑަ ދިވެހި ގައުމަށް ރީތި ނަން ހޯދައިދޭން މަރޭ ކުރަން ފެށި މަސައްކަތަކީ އިއްޔެއާއެކު އަދި މިއަދަކު ފެށި މަސައްކަތެއް ނޫނެވެ. އެތައް އަހަރެއްގެ ބުރަ މަސައްކަތާ ކެތްތެރިކަމާ މިކަމަށް ގެންގުޅުއްވާ ޚާއްސަ ޝައުގެއްގެ ނަތީޖާ މިއަދު ކިތަންމެ ފޮނި ނަމަވެސް މިކަމަށްޓަކައި ކުރަން ޖެހުނީ އުނދަގޫ އަދި ދިގު ދަތުރެކެވެ.
ކުޅިވަރަށް ލޯބިކުރާ ކޮންމެ ދިވެއްސަކު ވެސް ފަޚުރުވެރިކަމާއެކު މިއަދު ބުނާނީ އައިއޯއައިޖީގެ ހަގީގީ މޭސްތިރިއަކީ މަރޭ ނޫން ދެވަނަ ކާކުތޯ އެވެ.
މިފަހަރުގެ މުޅި އައިއޯއައިޖީގެ ދަތުރު ފެށުނީއްސުރެ ކުޅުންތެރިންނާ އެންމެ ގާތުގައި އަބަދުވެސް ހިތްވަރު ދެއްވުމުގަޔާއި ކާމިޔާބީގެ ވަގުތުގައި އެންމެ ފުރަތަމަ ތަހުނިޔާ ކިޔުމުގައި މަރޭ ވަނީ ދެގޮތެއް ނުވާ މިސާލެއް ދައްކަވާފަ އެވެ. ލޯ ކަރުނައިން ފުރިގެންވާ ހާލުގައި މިއަދު މަރޭ ފެނިގެންދިޔަ އިރު މި ލިބުނު ކާމިޔާބީ އަކީ އޭނާއަށް ކިހާ ވަރެއްގެ ކަމެއްކަން އެންމެނަށް ވެސް ވަރަށް ރަނގަޅަށް ދޭހަވާނެ އެވެ.
މީގެ އިތުރުން މިއަދަކީ މަރޭގެ އިތުރު ހުވަފެނެއް ވެސް ހަގީގަތަކަށް ވީ ދުވަހެކެވެ. މިއީ ރާއްޖެއިން 1979 ވަނަ އަހަރުން ފެށިގެން ބައިވެރިވަމުން އަންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަމިއްލަ ގައުމުގައި ހޯސްޓް ކުރުމަށް ކުރަމުން އައި މަސައްކަތަށް އުފާވެރި ނިމުމެއް ގެނުވި ދުވަހެވެ. އެގޮތުން މިއަދު ހެނދުނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 2023 ގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑު ކާމިޔާބު ވެެއްޖެ ކަން އިއުލާން ކުރައްވާފަ އެވެ.
"މިއަށް އިންޓްރެސްޓް އުފެދުނު ހިސާބުން ހަމައެކަނި މިކަމާ އުޅޭނަމޭ ކިޔާފަ ސަރުކާރުން އެކަން ދުލެއް ނުކޮށްލާ. އެހިސާބުން ސީދާ ރައީސްގެ ބެލުމުގެ ދަށުގައި މިދިޔަ ދޮޅު މަސް ތެރޭ ވަރަށް ބުރަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،" ސަރުކާރުން އައިއޯއައިޖީގެ ބިޑު ހޯދުމަށް ކުރި މަސައްކަތް ފާހަގަ ކުރަމުން މަރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގައުމުތަކަށް ވަޑައިގެން ކުރެއްވި މަސައްކަތްޕުޅު ވަރަށް ވެސް ފުރިހަމައެވެ. ކޮންމެ ދުވަހަކު އޭނާއަށް ގުޅާ ވޯޓުގެ ކަންކަން ދާނެ ގޮތަކާ މެދު އެ ދެ ބޭފުޅުން މަޝްވަރާ ކުރައްވާ ކަމަށް މަރޭ ވިދާޅުވިއެވެ.
މަރޭ ވިދާޅުވަނީ މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ކުޅިވަރުތައް އެހެން ހަރުފަތަކަށް ގެންދިއުމަށް އެންމެ ބޭނުންވިކަން ކަމުގައެވެ. މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވުމުން ރާއްޖޭގެ އިންފްރާސްޓްރަކްޗާއާއި ކުޅިވަރުތައް ވެސް ތަރައްގީ ވެގެން ދާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.