އައިއޯއައިޖީން ހޯދި ކާމިޔާބީ ފާހަގަކޮށް، ދިރާގުން ޚާއްސަ މަރުހަބާއަކާ އިނާމެއް

އައިއޯއައިޖީގައި ރާއްޖެއިން ހޯދި ކާމިޔާބީ ދިރާގުން ފާހަގަކުރުން --- ފޮޓޯ/ ދިރާގު

އިންޑިއަން އޯޝަން އަލިލެންޑް ގޭމްސްގައި ރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކޮށް، ދިރާގުން ހާއްސަ އިވެންޓެއް ބާއްވައިފިއެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ އިވެންޓުގައި އެ ގޭމްސްގައި ރާއްޖެއަށް މެޑަލް ހޯދައިދިން ހުރިހާ އެތުލީޓުންނާއި، އޮލިމްޕިކް ކޮމިޓީގެ މެންބަރުން އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ މަންދޫބުން ވަނީ ބައިވެރިވިއެވެ.

މެޑަލް ހޯދި ކުޅުންތެރިންނަށް ދިރާގުން ވަނީ ޚާއްސަ ހަދިޔާއެއް ދީފައެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު ވަނީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ދިރާގުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިކާމިޔާބީ ހާސިލްކުރުމަށްޓަކައި އެތުލީޓުން ކެނޑިނޭޅި ކުރި މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވައި، އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހާސިލްކުރާނެ ކަމަށެވެ.

ދިރާގުގެ ސީއީއޯ، އިސްމާއިލް ރަޝީދު ވަނީ އެތުލީޓުން ހޯދި މޮޅު ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ގިނަ ޖަމިއްޔާތަކާއެކު ދިރާގުން ޤާއިމްކޮށްފައިވާ ޑިޖިޓަލް އަދި ޑިވެލޮޕްމަންޓް ޕާޓްނާޝިޕް ފާހަގަކޮށް، ރާއްޖޭގެ ކުޅިވަރު ދާއިރާއާއި އެތުލީޓުން ކުރިއެރުވުމަށް އެހީތެރިވުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތު ކަމަށް ވެސް އިސްމާއިލް ވަނީ އަލިއަޅުއްވާލާފައެވެ.

މި ިއަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ވަނީ ޖުމްލަ 28 މެޑަލް ހޯދާފައެވެ. އެއީ 5 ރަން މެޑަލް، 9 ރިހި މެޑަލް އަދި 14 ލޯ މެޑަލްއެވެ. މެޑަލް ލިބުނު ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ، އެތުލެޓިކްސް، ޕެރަ އެތުލެޓިކްސް އަދި ޓައިކްވޮންޑޯއެވެ.

comment ކޮމެންޓް