ސިފައިންގެ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު

މީގެ ކުރިން ބޭއްވި ޝަރަފުގެ ހިނގާލުމެއްގައި ސިފައިންގެ ލަޝްކަރު: މިއަހަރުގެ މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން އޮންނާނީ މިއަދު --- ސަން ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބާއްވާ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު މާލޭގައި ބާއްވަން ނިންމައިފި އެވެ.

ސިފައިންގެ ޝަރަފުގެ ހިނގާލުން ފަށާނީ މިއަދު ހަވީރު 16:15ގައި ބަންޑާރަ ކޮށިންނެވެ. ނިންމާލާނީ ކަޅުތުއްކަލާ ކޮއްޓަށެވެ.

ހިނގާލުން ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ސިފައިންގެ މައި މަރުކަޒު އަމީރު އަހްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް، ބޮޑުތަކުރުފާނު މަގުން އިރަށް، މަޖީދީމަގުން ހުޅަނގަށް ގޮސް، ކަނބާއައިސާރަނި ހިނގުމުން ދެކުނަށް އައިސް އަމީނީމަގުން އިރަށްގޮސް، އިއްޒުއްދީން މަގުން ދެކުނަށް ގޮސް ކަޅުތުއްކަލާ ކޮށްޓަށް ނިންމާ ގޮތަށެވެ.

މި ޝަރަފުގެ ހިނގާލުމުގައި ފަސް ސަރަހައްދެއްގައި ހުއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމަތު ދެ އެވެ. އެންމެ ފުރަތަމަ ޕެރޭޑު ހުއްޓާނީ މުލީއާގޭ ކުރިމައްޗަށެވެ.

ދެން ހިނގާލުން ހުއްޓާނީ ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމައްޗާއި، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅިކަންމައްޗާއި މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅިކަންމަތީގެ މަޖީދީމަގު މާފަންނު ސަހަރާ ކުރިމަތީގަ އެވެ.

މި ޝަރަފުގެ ހިނގާލުމުގައި ހުއްޓުމަށް ހަމަޖެހިފައިވާ ފަސް ސަރަހައްދުގައި ސިފައިންގެ ބޭންޑުގައި އެކި ރާގުތައް ކުޅޭނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ސިފައިންގެ ޕެރޭޑުގެ އިތުރުން މިއަދު ހަވީރު ސްކޫލް ކުދިންގެ ޕެރޭޑު ވެސް އޮންނާނެ އެވެ. އެ ޕެރޭޑު ދާނީ ސިފައިންގެ ޕެރޭޑުގެ ފަހަތުންނެވެ. ނަމަވެސް ސްކޫލު ޕެރޭޑުގެ ރޫޓު ތަފާތުވާނެ އެވެ.

comment ކޮމެންޓް