ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ މި ބޯޓުތައް ހިފަހައްޓާފައި ވަނީ، ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ މައުލޫމާތުގެ އަލީގައި ކަމަށެވެ. މި ބޯޓުތައް ހިފެހެއްޓީ އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއާ ކޯއިން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ ހެނދުނު 08:30 ހާއިރު ކަމަށެވެ. އެއީ އެ ބޯޓު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށް ކަމަށް އެމްއެންޑީފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން މިހާރު ވަނީ މި ދެ ބޯޓު، ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައެވެ. ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
މީގެ ކުރިން ވެސް ލަންކާގެ މަސްވެރިންތަކެއް، މަސްވެރިކަން ކުރުމުގެ ބޭނުމުގައި ރާއްޖޭގައި އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.
މިދިޔަ މަހުގައިވެސް ލަންކާއަށް ނިސްބަތްވާ ބޯޓެއް، ގަވާއިދާ ޚިލާފަށް ރާއްޖެ ކަނޑުގައި ހަރަކާތްތެރިވަނިކޮށް އެކަން އެމްއެންޑީއެފްގެ ސަމާލުކަމަށް އައިސްފައިވެއެވެ. ތިން ސަކޭތަ ފަންސާސް ކިލޯއަށް ވުރެ ގިނަ ޑުރަގާ އެކީ ހިފެހެއްޓި ލަންކާގެ އެ ބޯޓުން ހައްޔަރުކުރި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.