މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވާން ހުޅުވާލައިފި

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލައިލީ ތިމަރަފުށި ޓީމުން --- ފޮޓޯ/ އެފްއޭއެމް

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ފަށަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ރަށު ކައުންސިލްތަކުން ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމުތަކުން އޯގަސްޓު 18 ގެ ކުރިން އެ އެސޯސިއޭޝަނަށް ލިޔުމަކުން ހުށަހަޅަން ވާނެ ކަމަށެވެ. އަދި އެ ލިޔުމުގައި، ފުޓްބޯޅަ ޓީމުގެ ކަންތައްތަކުގައި ގުޅާނެ ފަރާތެއްގެ ނަމާއި، މަގާމު އަދި ފޯނު ނަންބަރު އެނގެން އޮންނަންވާނެ ކަމަށް އިއުލާނުގައިވެ އެވެ.

ކޮންމެ އަތޮޅަކުން ދެ ޓީމަށް ވުރެއް ގިނަ ޓީމު ބައިވެރިވާނަމަ، އެ އަތޮޅު މުބާރާތުގެ މެޗުތައް ކުޅޭނީ އެ އަތޮޅެއްގެ އަތޮޅު މުބާރާތް ހޯސްޓު ކުރާ ރަށެއްގައެވެ. ދެ ޓީމު ބައިވެރިވާނަމަ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

އެއަތޮޅެއްގެ އަތޮޅު މުބާރާތް ހޯސްޓު ކުރުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ޕްރޮޕޯސަލް އާއެކު 22 އޯގަސްޓްގެ ކުރިން ލިޔުމަކުން ހުށަހަޅަން ޖެހެއެވެ.

ޒޯން މުބާރާތުގެ މެޗުތަށް ކުޅޭނީ ދެ ޓީމަށް ވުރެއް ގިނަ ޓީމު ހިމެނޭ ޒޯންތަކުގައި ސެންޓްރަލައިޒްކޮށެވެ. އަދި ދެ ޓީމު ބައިވެރިވާނަމަ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

އެކިއެކި އަތޮޅުގައި މުބާރާތް ފަށާ ތާރީހު އިއުލާން ކުރާނީ މުބާރާތުގައި ޓީމުތައް ބައިވެރިވެ ނިމުމުންނެވެ.

މިނިވަން ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކުރީ ތ. ތިމަރަފުށިންނެވެ.

comment ކޮމެންޓް