ޕްރައިވެޓައިޒޭޝަން ބޯޑްގެ ހުރިހާ މެންބަރުން ވަކިކުރަން މަޖިލީހުގެ ލަފާ ރައީސްއަށް

ރައީސް ސޯލިހު ކެބިނެޓާ ބައްދަލު ކުރައްވަނީ: ޕީސީބީގެ ބޯޑް ފަންގްޝަން ނުކުރާ މައްސަލަ ބޮޑު -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގައި މިހާރު ތިބި މެންބަރުން ވަކިކޮށް މުޅިންއާ ބޯޑެއް އެކުލަވާލުމަށް މަޖިލީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވައިފި އެވެ.

ޕީސީބީގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމަށް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން ކުރި މަސައްކަތަށް ފަހު އެކުލަވާލި ރިޕޯޓް މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ.

ފާސްކުރި ރިޕޯޓްގައި ބުނެފައި ވަނީ، "ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒްކުރުމާއި ކޯޕަރައިޓައިޒް ކުރުމާއި އަދި މޯނީޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނު"ން ރައީސްއަށް ލިބިދީފައިވާ ބާރުގެ ދަށުން މިހާރު ތިއްބެވި ބޯޑް މެންބަރުން ވަކިކޮށް، އާ މެންބަރުން އައްޔަން ކުރެއްވުމަށް ފަހު ރައްޔިތުން މަޖިލީހުން ރުހުން ހޯދުމަށް ފޮނުވުމަށް ލަފާދޭ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީސީބީ އެކުލަވާލުމަށް ފަހު ރައްޔިތުން މަޖިލީހުން ރުހުން ހޯދުމަށް ފޮނުވާފައެއް ނުވެ އެވެ. އަދި އެ ބޯޑްގެ ހަތް މެންބަރުން ތިއްބަވަން ޖެހޭއިރު، މިހާރު ތިއްބެވީ ވެސް ފަސް މެންބަރުން އެވެ.

ބޯޑްގައި ތިއްބެވި މެންބަރުން:

  1. މުހައްމަދު ނިޒާރު - ޕީސީބީގެ ރައީސް
  2. އަލީ ވާސިފް
  3. އަޝްރަފު އަލީ
  4. ހުސެއިން އަލީ ހަބީބު
  5. އަލީ ސުޖާއު

މަޖިލީހުން ފާސްކުރި، އެސްއޯއީ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ ޕީސީބީއިން އަދާކުރަން ޖެހޭ ވަރަށް ގިނަ ގާނޫނީ ޒިންމާތައް އެބޯޑުން އަދާކޮށްފައި ނެތް ކަމަށް އޮޑިޓާ ޖެނެރަލް ވެސް ފާހަގަ ކުރައްވާފައިވާ ކަމާއި، އެ ކޮމިޓީއިން ކުރި ރިވިއުއިން ވެސް އެންމެ ބޮޑަށް ފާހަގަވީ އެކަން ކަމަށެވެ.

އެގޮތުން ކުންފުނިތައް ހިނގަމުންދާ ގޮތް މޮނީޓާ ކުރުމަށް ހަދަން ޖެހޭ ދިރާސާތައް ހެދުމާއި ކުންފުނިތަކުން ލޯނު ނެގުމުގައި ބަލަން ޖެހޭ ކަންކަން ބެލުމާއި ކުންފުނިތަކުގައި ހިނގާ ނޭދެވޭ ކަންކަން އިސްލާހު ކުރުމަށް އިސްލާހީ ފިޔަވަޅު އަޅާފައި ނުވާކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ކުންފުނިތައް ގަވާއިދުން ރިވިއުކޮށް އެކަންކަން ދެނެގަތުމަށް ހަދަން ޖެހޭ އޮނިގަނޑުތަކާއި ގަވާއިދުތައް ވެސް ޕީސީބީއިން އެކުލަވާލާފައި ނެތް ކަމަށް ވެސް ކޮމިޓީއިން ވަނީ ފާހަގަކޮށްފަ އެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މިހާރު އޮތް ޕީސީބީގެ ބޯޑަކީ އެފަދަ ކަންކަން ކުރުމަށް ގާބިލް ބޯޑެއް ކަމަށް ކޮމިޓީއިން ނުދެކެ އެވެ.

މީގެ އިތުރުން، ޕީސީބީގެ މަސައްކަތްތަކުގެ ރިޕޯޓް ކޮންމެ ހަމަހަކުން އެއްފަހަރު އާންމު ކުރަމުން ނުދާ ކަމާއި އެ ބޯޑް އެކަށީގެންވާ ގޮތެއްގައި ހިންގުމަށް ބޭނުންވާ ބަޖެޓް ފިނޭންސުން އެކަށައަޅައި ދީފައިނުވާ ކަންވެސް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓާ އެއްގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަމަލު ކުރައްވާނެ ގޮތެއް ރައީސް އޮފީހުން އަދި ކަނޑައެއް ނާޅަ އެވެ. ޕީސީބީގެ ގާނޫނު ބުނާ ގޮތުން އެ ބޯޑްގެ މެންބަރުން ވަކި ކުރުމާއި އައްޔަން ކުރުމުގެ ބާރު އޮންނަނީ ރައީސްއަށެވެ.

comment ކޮމެންޓް