އިސްލާމިކް ބެންކުގެ އައިޕީއޯ ރަސްމީކޮށް ލޯންޗުކޮށްފި

އިސްލާމިކް ބެންކުގެ އައިޕީއޯ ރަސްމީކޮށް ލޯންޗުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލާޔާސް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އާންމުންނަށް ހިއްސާ ވިއްކަން ނިންމައި އިނީޝަލް ޕަބްލިކް އޮފަރިން (އައިޕީއޯ) ލޯންޗުކޮށްފި އެވެ.

އެ ބޭންކު ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް އާންމުންނަށް ހިއްސާ ވިއްކަން ނިންމާފައިވާ އިރު، ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެ އެވެ. އެއީ އެމްއައިބީގައި ހިއްސާ އޮންނަ އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 2.4 މިލިއަން ހިއްސާ އާއި އާންމު ހިއްސާގެ 69975،000 ހިއްސާ އެވެ. ހިއްސާ ވިއްކަނީ، ހިއްސާއެއް 35 ރުފިޔާގެ މަގުން ނެވެ. މިއީ އެމްއައިބީގެ ހިއްސާގެ 31 ޕަސެންޓެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްއައިބީގެ އައިޕީއޯ ރަސްމީކޮށް ލޯންޗު ކުރި އިރު، ކޮންމެ ފަރާތަކަށް ވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން ޖުމްލަ 20 ހިއްސާއެވެ. މި އަދަދު އިތުރު ކުރަން ބޭނުންނަމަ 10 ހިއްސާ އިން އަދަދު އިތުރުކުރެވިދާނެ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅައި ކުރިއަށްގެން ދަނީ އެންޑީއައިބީގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީ އާއި ޝާހު ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިންނެވެ. އޮޑިޓް ފާމެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޭޕީއެމްޖީ އެވެ.

އިސްލާމިކް ބެންކުގެ އައިޕީއޯ ރަސްމީކޮށް ލޯންޗުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލާޔާސް

އެމްއައިބީ އިން ބުނީ އައިޕީއޯ ފަރުމާކޮށްފައި ވާނީ އާންމުންނަށް ފަސޭހައިން ހިއްސާ ގަނެވޭނެހެން ހެޔޮ އަގެއްގައި ކަމަށެވެ. ހިއްސާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް، އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް އެމްއައިބީގެ ހިއްސާ ގަނެވޭނެ އެވެ.

މީގެ އިތުރުން ބޭންކުގެ ބްރާންޗުތަކަށް ގޮސްގެން ވެސް ހިއްސާ ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އެމްއައިބިގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމްއައިބީގެ އިތުރުން ބީއެމްއެލްގެ އޮންލައިން ބޭންކިން، ދިރާގު ޕޭ، އުރީދޫ އެމް ފައިސާ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން ކުރިއަށްގެންދާނެ ޓައިމްލައިން

  • ހިއްސާ ގަތުމަށް ހުޅުވާލާ ތާރީހް: 28 ޖުލައި 2019
  • ހިއްސާ ގަތުމުގެ މުއްދަތު ހަމަވާ ތާރީހް: 18 ސެޕްޓެމްބަރު 2019
  • ހިއްސާ އެލޮޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 08 އޮކްޓޯބަރު 2019
  • ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށްވުރެ އިތުރުވާ ފައިސާ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 28 އޮކްޓޯބަރު 2019
  • އެލޮކޭޓް ކުރެވޭ ހިއްސާ އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 06 ނޮވެމްބަރު 2019
  • ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް ލަފާކުރާ ތާރީހް: 06 ނޮވެމްބަރު 2019
comment ކޮމެންޓް