ރާއްޖޭގެ ފުރަތަމަ ވެޓްލޭންޑް ގާޑަން، "މަތިކިޅި އީކޯ ގާޑަން"

އައްޑޫމީދޫ މަތިކިޅި އީކޯ ގަރޑަން -- ފޮޓޯ/އެމްއީޖީ އެފްބީ

މީދޫ މަތިކިޅި ސަރަހައްދަކީ ކުރީ ޒަމާނުގައި މީރު ފެނުގެ އެތައް ފެންގަނޑެއް އޮތް ބޮޑު ކުޅިއެކެވެ. މީގެ ތެރެއިން އެންމެ ބޮޑު ފެންގަޑަކީ މަތިކިޅީގެ މެދުތެރޭގައި އޮތް ފެންފިލަ ކޯރުގެ ނަމުން މަޝްހޫރު ފެންގަޑެވެ.

ފެންފިލަ ކޯރަކީ މަތިކިޅީގެ ބޮޑު ސަރަހައްދަކަށް އެކި ދިމަދިމާއަށް ދެމިގެން ގޮސްފައި އޮތް ފެންގަޑެކެވެ. އެހެންނަމަވެސް، މީގެ ވިއްސަކަށް އަހަރުކުރީން، މިދެންނެވި ފެންފިލަކޯރޭ ކިޔުނު ފެންގަނޑުގެ ބޮޑުބައިވަނީ ޗަސްބިމަކަށް ބަދަލުވެފަ އެވެ. އަދި ދެންހުރި ފެންގަނޑުތައްވެސް ވަނީ ހަމަ އެގޮތަށް ޗަސްބިމަށް ބަދަލުވެފަ އެވެ. އޭގެފަހުން އެތަންތަނުގައި ކާފަރުހުއި (ކާފަރު ބުރު) ހެދުމަށްފަހު ފެތުރިގެން ދިޔުމުން މުޅިސަރަހައްދު ފެންނަނީ ފެހިކުލައިގެ ދޫލައެއްހެންނެވެ. ކުރީގައި ދެންނެވި ފެންގަނޑުތަކުގެ ތެރެއިން މުޅީން ނުހިކި އެންމެފަހަކަށް އޮތް ފެންގަނޑާއި ފެންގަނޑުގެ ކައިރި ސަރަހައްދަކީ މިހާރު މަޝްހޫރު މަތިކިޅި އީކޯ ގާޑަން އެވެ.

މަތިކިޅި އީކޯ ގަރޑަން -- ފޮޓޯ/އެމްއީޖީ އެފްބީ

މި ތަން އީކޯ ގާޑަންއެއް ގޮތަށް ތަރައްގީކޮށް "މަތިކިޅި އީކޯ ގާޑަން"ގެ ގޮތުގައި ވުޖޫދަށް އައީ އިޖްތިމާއީ މަސައްކަތެއްގެ ގޮތުގައި މީދޫ ކޮމިޔުނިޓީގެ މަދު ބަޔަކު އިސް ނަގައިގެން މިދެންނެވި ނުހިކި އޮތް ފެންގަނޑު ހިމާޔަތްކުރަން ފެށި މަސައްކަތާ ހިސާބުންނެވެ. ފުރަތަމަ ކުރެވުނު މަސައްކަތަކީ ފެންގަނޑު ތެރޭގައި ހުރި ކުނިބުޏްނާއި ކާފަރު ހުއި (ކާފަރުބުރު) ފަދަ ވިނަތައް ސާފުކޮށް ރީތި ކުރުމާއި ފެންގަނޑު ވަށައިގެން ހިނގޭނެ ގޮތަށް ވޯލްކުވޭ ހެދުމެވެ. މި މަސައްކަތުގެ ހުރިހާ މަރުހަލާއެއްގައި ވެސް މަސައްކަތް ކުރަމުންދަނީ ތިމާ ވެއްޓަށް ގެއްލުން ނުވާނޭހެން ބަލައިގެން ވަރަށް ފަރުވާ ތެރިކަމާ އެކުގަ އެވެ.

އީކޯ ގަރޑަންގެ މަސައްކަތް ފަށާފައިވަނީ ، ސ. މީދޫ ، ދޯދި މުހައްމަދު ސަލާހާއި ، ސ.މީދޫ ، ފަނާރު އަބްދު ﷲ ޒުހުރީގެ އިސްނެގުމާ އެކުގައެވެ. މީގެ އިތުރުން ތިންވަނަ ބައިވެރިއެއްގެ ގޮތުގައި އެހީތެރިވާން ފެށީ ، ސ. މީދޫ ރޯޝަނީގެ ސިޔާދު އަހްމަދެވެ. މަތިކިޅި އީކޯ ގަރޑަންގެ މަސައްކަތް ޝައުގުވެރިވާ މިންވަރަކަށް ކުރެވުނު ފަހުން އިތުރު މީސްމީހުންގެ ފަރާތުން އެކިފަހަރު މަތީން އެކިމިންވަރުގެ ފައިސާގެ އެހީތެރިކަން ލިބެންފެށިއެވެ. އެއާއެކު އިކޯ ގާޑަން ރީތިކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

މަތިކިޅި އީކޯ ގަރޑަން -- ފޮޓޯ/އެމްއީޖީ އެފްބީ

އީކޯ ގަރޑަންގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އެއް ބޭފުޅެއް ކަމުގައިވާ ޒުހުރީ ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ ބޭނުންފުޅަކީ މަތިކިޅީގައި އެންމެ ފަހަކަށް އެންމެ ބޮޑުކޮށް އޮތް ފެންގަނޑު ހިމާޔަތް ކުރުމާ އެކު މަތިކިޅީގެ ގުދުރަތީ ރީތި މާހައުލު ބަލާލުމަށް ރަށުގެ ކޮމިޔުނިޓީ އާއި ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހިތްގައިމު މަންޒިލަކަށް ހެދުމެވެ.

މަތިކިޅި ސަރަހައްދު -- ފޮޓޯ/ސަން

ރަށުގެ ބޮޑުބައެއްގެ ގޮތުގައި ހިމެނޭ، އެހެންނަމަވެސް ގެއްލިފައިވާ ގުދުރަތީ މާހައުލުގެ އުފާ ރަށުގެ ކޮމިޔުނިޓީއާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިހާރުވެސް ދަނީ ލިބެމުންނެވެ. މަތިކިޅި އީކޯ ގަރޑަން މިހާރު ވެފައިވަނީ ހަފްތާ ބަންދާއި ޗުއްޓީ ދުވަސްވަރުގައި އެތައް ސަތޭކަ ބަޔަކު ޒިޔާރަތްކުރަމުން އަންނަ ވަރަށް ހިތްގައިމު ބަގީޗާއަކަށެވެ. މީގެ ސަބުބުން ރަށުގެ ޒުވާން ކޮމިޔުނިޓީއާއި މިރީތި މާހަލާއި ދެމެދު އިންޓެރެކްޝަން އުފެދި އެމާހައުލަށް ވަރަށް ބޮޑަށް ލޯބިޖެހިފައިވާކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. މަތިކިޅި އީކޯ ގަރޑަންގެ މަސައްކަތަކީ އުފެއްދުންތެރި ނަމޫނާ މަސައްކަތެކެވެ.

މީދޫ މަތިކިޅި އަކީ ކޮންމެ އަހަރަކުވެސް ހޫނު މޫސުމުގައި އަލިފާނުގެ އެތައް ހާދިސާއެއް ހިނގަމުން އަންނަ ތަނަކަށްވާ ހިނދު މަތިކިޅީގައި ފެންގަނޑުތައް އޮތުމަކީ އެފަދަ ހާދިސާ ތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ކަމެއް ކަމުގައިވެސް ފާހަގަ ކުރެވެއެވެ. އެހެންކަމުން މަތިކިޅި އީކޯ ގަރޑަން ސަރަހައްދުގައި އޮތް ފެންގަނޑު ހިމާޔަތްކޮށްގެން ބެލެހެއްޓުމަކީ ހަގީގަތުގައި ވެސް ވަރަށް މުހިއްމު ކަމެކެވެ.

މަތިކިޅި އީކޯ ގަރޑަން -- ފޮޓޯ/އެމްއީޖީ އެފްބީ

މަތިކިޅި އީކޯ ގާޑަންގެ ވަށައިގެން ފެހިކުލައިގެ ދޫލައެއްހެން ކާފަރުހުއި ފެތުރިފައިވާ ސަރަހައްދުގެ ބޮޑުމިނަކީ ގާތްގަޑަކަށް ފަންސާސް ހެކްޓަރެވެ.

މިމާހައުލުގެ އެންމެ ތަފާތު ހިތްގައިމު އެއްސިފައަކީ އުސްކޮށް ހެދިފައިވާ ދަނޑިގަނޑުލީ އެންމެ ގަހެއް ނެތި ފެހިކުލައިގެ އެހާބޮޑު ސަރާސަރު ސަރަހައްދަކަށް ވުމެވެ. މިދެންނެވި ގޮތަށް ކާފަރުހުއި ފެތުރިފައި އޮތް ސަރަހައްދު ނިމޭ ހިސާބުން ވަށައިގެން ދެން ފެންނަނީ އުސްކޮށް ހެދިފައިވާ ހޭޅިފަށެވެ. އުސްކޮށް ފެންނަ ހޭޅިފަށުގައި ހެދިފައިވަނީ ރުކާއި، ދިއްގާ ގަހާއި، ކަށިކެޔޮ ގަސްތަކެވެ. މިފަދަ މާހައުލެއްގެ މެދުތެރޭގައި އޮންނަ ހިތްގައިމު ބަގީޗާއަކަށް ޒިޔާރަތްކޮށް ވަގުތު ހޭދަކުރުމަކީ ސިކުނޑިއަށް ތާޒާކަމާއި ހަމަޖެހުން ގެނުވައިދޭ ކަމެކެވެ. ވަށައިގެން ފެންނަ ފެހިކުލައިގެ ރީތި މަންޒަރާއެކު ވަރަށްވެސް ހަމަހިމޭން މާހައުލަކަށް ވުމެވެ.

މަތިކިޅި އީކޯ ގަރޑަންގެ ބްރިޖް -- ފޮޓޯ/އެމްއީޖީ އެފްބީ

މަތިކިޅި އިކޯ ގާޑަން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ، އެތާގެ މަންޒަރާއެކު ނަގާފައި ހުންނަ ފޮޓޯތަކުގެ އާދައާ ހިލާފު ރީތިކަމެވެ. އުޑުމަތި ސާފު ދުވަސްދުވަހުގައި ނަގާފައި ހުންނަ ބައެއް ފޮޓޯތައް ފެނުމުން ބައެއް މީހުންނަށް އެއީ ދިވެހިރާއްޖޭގެ މަންޒަރެއްކަމަށް ގަބޫލުކުރަން ވެސް ދަތިވެއެވެ. އައްޑުއަށް ޒިޔާރަތް ކުރާ ކޮންމެ މީހަކު ވެސް ހުޅުމީދުއަށް ޒިޔާރަތްކޮށް މީދޫ މަތިކިޅި އީކޯ ގަރޑަނުގައި ނަގާ ފޮޓޯ ވެގެންދާނީ ވަރަށް ވެސް ރީތި ހަނދާނަކަށެވެ.

comment ކޮމެންޓް