މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރެ ކެޓަގަރީގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ލޯފަން ދުވުންތެރިޔާ މުހައްމަދު މާޒިން އިއްޔެ ވަނީ ލޯ މެޑަލްއެއް ހޯދައިފި އެވެ.
މިއީ އައިއޯއައިޖީގެ މި އިވެންޓުގައި ރާއްޖެ ބައިވެރިވި ފުރަތަމަ ފަހަރަށް ވެފައި މިފަދަ ބޮޑު ކާމިޔާބީއެއް މާޒިން ހޯދުމުން އެންމެން ވެސް އޭނާއަށް ތަރިހީބުގެ އަތްތިލަބަޑިއެއް ދިނެވެ. ނަމަވެސް މާޒިން ކާމިޔާބަށް މި ކުރި ދަތުރަކީ މިއަދަކު އަދި އިއްޔެއަކު ފެށި ދަތުރެއް ނޫނެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އަށް މާޒިންގެ ހުނަރު ފެނުނީ 2016 ވަނަ އަހަރު އެވެ. ލޯ ފަން ނަމަވެސް ހުނަރުން ފުރިފައިވާ މާޒިންގެ ދުވެލީގެ ހަލުވިކަން ފެނި މަރޭ ވަނީ އެވަގުތުން ފެށިގެން މާޒިންއާ މެދު ބޮޑެތި އުންމީދުތަކެއް ކޮށްފަ އެވެ.
"އަހަރެންނާ މާޒިން ދިމާވީ 2016 ވަނަ އަހަރު. އޭނަގެ ހުނަރު ފެނި މިއަހަރުގެ އައިއޯއައިޖީގައި ވާދަ ކުރަން އެވަގުތުން ފެށިގެން ދައުވަތު ދިނިން،" މަރޭ ބުންޏެވެ.
މަރޭ ބުނީ މާޒިންގެ ހުނަރު ފެނި އޭނާއަށް އައިއޯއައިޖީގައި ކާމިޔާބީއެއް ހޯދޭނެ ކަން އިނގޭތީ އޭނާ ގާތު އެވާހަކަ ބުނި ދުވަހު އޭނާއަށް އުފަލުން ރޮވުނު ކަމަށެވެ. އެދުވަހު ފެށިގެން މާޒިން އަޒުމު ކަނޑައެޅީ ގައުމަށް ރީތި ނަމެއް ހޯދައިދޭށެވެ. އެއީ އޭނަގެ އެންމެ ބޮޑު ހުވަފެން ކަމަށް ހެދި އެވެ.
އެދުވަހު އޭނާ މަރޭއަށް ވީ ވައުދު އެވަނީ ފުއްދާފަ އެވެ. މުޅި ދިވެހި ރާއްޖެ ފަޙުރުވެރި ކޮށްދީފަ އެވެ. ނަމަވެސް އޭނާގެ ދަތުރު މިހިސާބުން މި ނިމުނީކީއެއް ނޫނެވެ. މާޒިން ބުނީ މިއީ ފެށުމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާ މިފަދަ ފަޙުރުވެރި ކާމިޔާބީތައް މި ގައުމަށް ހޯދައިދޭން ކުރާ މަސައްކަތުގައި ދެމި ހުންނާނެ ކަމަށެވެ.
އިއްޔެގެ ރޭސް ފަށައިގެން 20 މީޓަރަށް ދުވިތަނާ ފައި އެޅުނު ގޮތަކުން މާޒިން އަށް އަނިޔާވެ ކުޑަ މަޑުޖެހުމެއް އައެވެ. އެތަންވަޅުގައި އިތުރު ދެ ދުވުންތެރިޔަކު ވަނީ ފައިދާ ނަގައި މާޒިންއަށް ވުރެ، ކުރިއަށް ޖެހިލައިފަ އެވެ. އެހެން ނޫން ނަމަ އޭނާ އަށް ރަން ނުވަތަ ރިހި މެޑަލް ލިބުނުގެ ފުރުސަތު ވަރަށް ބޮޑެވެ.
"އެކަމަކު އުއްމީދުކުރަން ހަމަ ގައުމަށް ފުރަތަމަ ފަހަރަށް ބައިވެރިވެ ރަނގަޅު ކާމިޔާބީއެއް ކަމަށް މި ހޯދުނީ،" މާޒިން ބުންޏެވެ.
މާޒިން ރާއްޖެއަށް މި ހޯދައިދިން ޝަރަފާ އެކު ގިނަ ބަޔަކު އެނާއަށް އަންނަނީ ތައުރީފު ކުރަމުންނެވެ. އެގޮތުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ގޭމްސްގެ ކުރިންނާއި ފަހުން ވެސް މާޒިންއަށް ދެއްވި ހިތްވަރާއި ތަހުނިޔާ ފާހަގަކޮށްލެވެ އެވެ.
މަހްލޫފް ވަނީ ގޭމްސްއަށް މާޒިން ފަރިތަކުރަމުން ދިޔަ ދުވަސްވަރު އޭނާއަށް ހިތްވަރު ދެއްވުމުގެ ގޮތުން ތަމްރީންތަކުގައި އަމަލީ ގޮތުން ބައިވެރިވެފަ އެވެ. އަދި އެދުވަހު މަހްލޫފް ވިދާޅުވީ މާޒިން އަކީ އާދަޔާ ހިލާފު ދުވެއްޔެއް ލިބިފައިވާ މީހެއް ކަމަށާއި އައިއޯއައިޖީގައި ވަނައެއް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.
މަހްލޫފް ވަނީ އިއްޔޭގެ ރޭހުގައި މާޒިންއަށް ލިބުނު އަނިޔާއާ އެކުވެސް ހުއްޓާ ނުލައި ދުވެ ރާއްޖެ ފަހުރުވެރިކޮށްދިނުމުން އެކަމަށް ބޮޑު ތަހުނިޔާއެއް މާޒިންއަށް ކިޔައިފަ އެވެ.
މި ފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ މިހާތަނަށް ފަސް މެޑަލް ހޯދައިފަ އެވެ. އެގޮތުން ގައުމީ އަންހެން ޓީޓީ ޓީމުން މުބާރާތް ބާއްވާ ގައުމު މޮރިޝަސް ބަލިކޮށް ރަން މެޑަލް ވަނީ ހޯދާފަ އެވެ. އަދި އިއްޔެ ގައުމީ ފިރިހެން އަދި އަންހެން ބެޑްމިންޓަން ޓީމުން ވަނީ ލޯ މެޑަލް ހޯދި އިރު ބީޗް ވޮލީ ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.