ޓޯކިޔޯ (ޖުލައި 23) : ޖަޕާނުގެ ޕާލަމެންޓްގެ މަތީގެ ކަމަށްވާ ހައުސް އޮފް ކައުންސިލާސްއަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބު، ބޮޑުވަޒީރު ޝިންޒޯ އަބޭގެ ކޯލިޝަނުން ކާމިޔާބުކޮށްފިއެވެ.
ހައުސް އޮފް ކައުންސިލާސްގައި ހިމެނޭ 245 ގޮނޑީގެ ތެރެއިން 124 އަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އަބޭގެ ޕާޓީ ކަމަށްވާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީން 57 ގޮނޑި ކާމިޔާބުކުރިއިރު، ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ކޮމެއިޓޯ ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 14 ގޮނޑިއެވެ.
އިންތިޚާބު ނުބާއްވާ 121 ގޮނޑީގެ ތެރެއިން 70 ގޮނޑިވެސް ކޮންޓްރޯލް ކުރަނީ ކޯލިޝަނުންނެވެ. މިއާއެކު އަބޭގެ ކޯލިޝަނަށް 139 ގޮނޑި ލިބުނުނަމަވެސް މިއީ ޖަޕާންގެ ގާނޫނު އަސާސީއަށް ބަދަލުގެންނަން ބޭނުންވާ ތިންބައިކުޅަ ދެބައި ގޮނޑިއަށްވުރެ 25 ގޮނޑި މަދު އަދަދެކެވެ.
އަބޭ ވަނީ ހައުސް އޮފް ކައުންސިލާސް ގެ ތިންބައިކުޅަ އެއްބައި ނުވަތަ ސުޕަ މެޖޯރިޓީ އޭނާގެ ކޯލިޝަނަކަށް ލިބިއްޖެނަމަ ގާނޫނު އަސާސީއަށް ބޮޑެތި އިސްލާޙުތައް ގެނައުމަށް ރައްޔިތުންނަށް ވައުދުވެވަޑައިގެންފައެވެ. ޖަޕާނުގެ ޕާލަމެންޓްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގައި ހިމެނޭ 465 ގޮނޑީގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުވެސް އޮންނަނީ އަބޭގެ ކޯލިޝަނަށެވެ. މިއާއެކުވެސް ހައުސް އޮފް ކައުންސިލާސްގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ނުލިބި ޖަޕާނުގެ ގާނޫނު އަސާސީއަށް ބަދަލެއް ނުގެނެވޭނެއެވެ.
ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނު ބަލިވެ އަމާންދީ ހަތިޔާރު ބެހެއްޓުމާއެކު ޖަޕާން ދިޔައީ އެމެރިކާގެ އިސްތިއުމާރުގެ ދަށަށެވެ. އެމެރިކާގެ އިސްތިއުމާރީ ކޮންޓްރޯލުގެ ދަށުގައި ޖަޕާން އޮތް މުއްދަތުގައި ޖަޕާންގެ ވެރިކަމުގެ ނިޒާމު ބައްޓަންކުރީ އެމެރިކާއާއި އެމެރިކާއާއެކު ޖަޕާން ބަލިކުރުމުގައި ބައިވެރިވި އިނގިރޭސިވިލާތަށް ފެންނަ ގޮތަށެވެ. އެ ދެ ގައުމުން ޖަޕާންގެ ގާނޫނު އަސާސީ ބައްޓަންކޮށްފައިވަނީ އަސްކަރީ ކަންކަމުގެ ތެރެއަށް ވަނުން ޖަޕާނަށް މަނާވާގޮތަށެވެ.
އެ ގާނޫނު އަސާސީ ޒަމާނާ އެއްގޮތަށް ބަދަލުކޮށް ޖަޕާނަށް ގެއްލިފައިވާ މިނިވަންކަމާއި ސިޔާދަތުގެ ބައެއް ހައްގުތައް އަލުން ލިބޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ގޮވާލެވޭ އަޑުތައް ޖަޕާންގައި މިހާރު ވަނީ ގަދަވެފައެވެ.
(ނޫސް އެޖެންސީތައް)